ތުއްތު ދިމަކުރާތީ ފުރާވަރަށް

މާލެ ސިޓީ ކައުންސިލް

ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ދިމަކުރާތީ ނިޒާމެއް އުފަންވެގެން އައީ 2005ވަނަ އަހަރެވެ. އަދާ ހަމައަށް މި ނިޒާމުން 3 ރިޔާސީ އިންތިޚާބާއި، 3 މަޖިލިސް އިންތިޚާބާއި، 3 ރަށު ކައުންސިލް އިންތިޚާބު ފެނިގެން ހިގައްޖެއެވެ. އިންތިޚާބުތަކުގެ ތެރެއިން އަދި ދެމެދުން ތަފާތު އެތައް ކަމެއް ފެނިއްޖެއެވެ. އެތައް މޫނަކާއި އެތައް ހާދިސާތަކެކެވެ. އާކަން ފިލިނަމަވެސް ނިޒާމު އަދިވެސް އޮތީ ޅަފަތުގައި ކަމުގައި ބުނެވިދާނެއެވެ. ނަމަވެސް ފުރާވަރަށް އަރަން ދެން މާކަގިނަ ދުވަހެއްވެސް ނެތެވެ

ތަފާސް ހިސާބުން ދައްކާގޮތުގައި އާކޮޅުގައި ސިޔާސީ ޕާޓީތަކަށް ސޮއި ކުރި ރައްޔިތުން ދިޔައީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ. ނަމަވެސް 2014 ވަނަ އަހަރާ ހަމައިން މަޑުޖެހި، އަދަދުތައް ދަށަށްދާން ފެށިފެއެވެ. 2011 ވަނަ އަހަރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މީހުންގެ އަދަދު 122،671 އިން 2014 ގައި 137،800 އަށް އެރިއެވެ. ނަމަވެސް 2016ގައި މި އަދަދު 101،889 އަށް ވެއްޓުނެވެ. އަހަރަކަށްވުރެ އަހަރެއް ރާއްޖޭގެ އާބާދީ އިތުރުވަމުން ދިޔަހެން ވޯޓުލެވޭ އާބާދީ އިތުރުވަމުން ދިޔަ ކަމުގައިވީނަމަވެސް، ރަށު ކައުންސިލް އިންތިޚާބު ފަދަ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ނިސްބަތް ވަނީ ދަށަށް ގޮސްފައެވެ. މިގޮތުން 2011ގައި ވޯޓު ލެވޭ އަބާދީގެ ގާތްގަނޑަކަށް %75 މީހުން ވޯޓުގައި ބައިވެރިވިއިރު، 2014 ވަނަ އަހަރު މި އަދަދު ވަނީ ގާތްގަޑަކަށް %73 އަށް ވެއްޓިފައެވެ. އަދި 2016، 2017 ގައި އަދަދުތައް އުޅެނީ %68 ގައެވެ

އާކަން ކެނޑި ރައްޔިތުން ވަރުބަލިވާގޮތް ވީކަމުގައި ވެދާނެއެވެ. އިންތިޚާބުތައް އަތުރާލެވިފައިވާ ގޮތުން 5 އަހަރުގެ ދައުރެއްގެ ބޮޑުބައި ޤައުމު އޮންނަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. މިސާލެއްގެ ގޮތުން ކުރިއަށް އޮތް އަހަރުތަކަށް ނަޒަރު ހިންގާލަމާތޯއެވެ. މިއަހަރުގެ ކައުންސިލް އިންތިޚާބަށްފަހު ކުޑަ ދުވަސްކޮޅަކު ހަމަޖެހުމެއް އަތުވެދާނެއެވެ. ނަމަވެސް 2022 ގައި ރިޔާސީ އިންތިޚާބަށް ސިޔާސީ ފަރާތްތަކުން ދޮންކުރަން ފަށާނެއެވެ. 2023 ގައި އޮންނާނީ ފުލް ގިއަރުގައި ރިޔާސީ އިންތިޚާބުގެ ކުޅިވަރެވެ. ރިޔާސީ އިންތިޚާބަށް ފަހު ކުޑަ ދުވަސްކޮޅަކަށް އަނެއްކާވެސް ހަމަޖެހުމެށް އައިސްފާނެއެވެ. އަނެއްކާ 2024ގައި މަޖިލިސް އިންތިޚާބަށް ސިޔާސީ ކުޅިވަރު ފެށޭނެއެވެ. މަޖިލިސް އިންތިޚާބަށްފަހު އަނެއްކާވެސް ދުވަސްކޮޅަކަށް މަޑުޖެހިލާފައި ދެން އޮންނަ ކައުންސިލް އިންތިޚާބަކަށް ޤައުމު އެކީ ކެކޭނެއެވެ. ސިޔާސީ މީހުންނަށް އަބަދު ސިޔާސީ ކަންކަމުގައި އުޅުން މައްސަލައަކަށް ނުވިއެއް ކަމަކު އާންމު ރައްޔިތުން މިގޮތަށް އަބަދު ސިޔާސީ ކަންކަމަށް ގަރަގުވާންވީމައި ވަރުބަލިވާނެއެވެ. ނިޒާމްދެކެ ފޫހިވާނެއެވެ. ހާޤީޤަތުގައި އިންތިޚާބުތައް ތަންކޮޅެއް ކައިރި ކައިރީގައި ބޭއްވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރަން އުޅެންވީ ވަގުތު ޖެހިއްޖެއެވެ. ރިޔާސީ ނިޒާމެއްތޯ ބަރުލަމާނީ ނިޒާމެއްތޯ އޮތީ ރައްޔިތުން ނިންމާފައެވެ. ދެން އެބަހުސް އަނެއްކާ ކުރުމުގެ ބަދަލުގައި ރައްޔިތުން ނިންމި ނިޒާމު ވީހާވެސް ފުރިހަމަކޮށް ދައުލަތައްވެސް ލުއިކޮށް ކުރިއަށް ގެންދެވޭނެހެން ބައްޓަންކުރުމީ ސިޔާސީ ފަރާތްތަކުގެ ޒިންމާއެކެވެ

މިހާހިސާބަށް އައި އިރު ރައްޔިތުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަންވެސް އެބަހުއްޓެވެ. އިސްލާޙު ކުރަން ޖެހޭ ކަންކަމެވެ. އެހެނީ ނިޒާމު ފުރިހަމަ ވާނީ އެންމެން އެކުއެކީ މަސައްކަތްކޮށްގެންނެވެ. ނިޒާމް ގަޑުބަޑުވަނީ ރައްޔިތުންގެ ތެރެއިން ބަޔަކު އެ ގަޑުބަޑުގައި ބައިވެރިވާތީއެވެ. މިފަދަ ނޭދެވޭ ކަންކަމުގެ ތެރޭގައި ސިޔާސީ ޙިޔާލުތަފާތުވުން ތަކުގެ ސަބަބުން އާއިލީ އަދި ރަޙްމަތްތެރިކަމުގެ ގުޅުން ކަނޑާލުން ހިމެނެއެވެ. ސިޔާސީ ވާދަވެރި ދެޕާޓީގެ ލީޑަރުންގެ މެދުގައި ނޯންނަވަރުގެ ހަޅުތާލެއް ސިޔާސީ ޙިޔާލުތަފާތުވުމުގެ ސަބަބުން އަބިމީހާއާއި ފިރިމީހާއާއި ދެމެދު ނުވަތަ ކޮއްކޮ އާއި ބޭބެއާއި ދެމެދު އޮތުމުން އެއީ ގޯހެކެވެ. ދެން އޮތީ ވޯޓު ވިއްކުމެވެ. ވަގުތީ ކުޑަކުޑަ މަންފާއަކަށް ފަސް އަހަރުގެ ދައުރެއް މީހަކަށް ދެނީއެވެ. ރަށަށް ނުވަތަ ދާއިރާއަށް އޭގެ ސަބަބުން ވެދާނެ ގެއްލުމަކަށް ވިސްނާނުލައެވެ. ވޯޓް ވިއްކާލާފައި ހަމަ އެހާމެ ބާރަށް ވިޔަފާރިވެރިންގެ މަޖިލީހެކޭ، ހުސް ކޮރަޕްޓް މީހުންނޭވެސް ގޮވަނީއެވެ. ދެން އެންމެ ބޮޑަށް ފާހަގަވަނީ އާއިލާއަށް އިސްކަންދިނުމުގެ ބައެވެ. ދިގު 30 އަހަރަށް ރައްޔިތުން އެންމެ ފާޑުކިޔާ އެއް ކަމަކީ އާއިލީ ވެރިކަމެއް ކުރީތީއެވެ. ނަމަވެސް ކައުންސިލް އިންތިޚާބު ފަދަ އިންތިޚާބުތަކުގައި ރަށަށް އެންމެ ފައިދާ ކުރާނެ ޤާބިލް މީހާ އަށް ވޯޓު ދިނުމުގެ ބަދަލުގައި ތިމާގެ އާއިލާ ސޮރަށް ވޯޓުދޭ މަންޒަރު ވަރަށް އާއްމެވެ. މިއީ އަނެއްކާވެސް ތިމާމެނަށް ކަމުނުގޮސްގެން ފާޑުކީ ކަން އަމިއްލައަށް ކުރުން ނޫންތޯއެވެ

ޤައުމުގައި އޮތް ޅަ ދިމަކުރާތީ ނިޒާމުގައި އުނި ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ނަމަވެސް ކުރިން ނުލިބޭ އެތައް މަންފާއަކާއި ބާރުވެރި ކަމެއްވެސް ހަމަ އެ ނިޒާމުން ގެނެސްދީފިއެވެ. އަޅުގަނޑުމެނަށް އޮތީ މިނިޒާމު ފުރާވަރަށް އަރައިގެން ދާއިރު އެންމެ ފުރިހަމަ ނިޒާމަކަށް ހެދޭތޯ ގަދައަޅާ މަސައްކަތް ކުރުމެވެ. އެކަން ވާންއޮތީ އެންމެން އެކުއެކީ މަސައްކަތްކޮށްގެންނެވެ. ރާސްތާ ކިތައްމެ ދުރަސް ހިތްވަރު އެލުވާނުލާ ކުރިޔަށް ހިގައިގެންނެވެ. ކުރިޔަށް މިއޮތީ އަނެއްކާވެސް ތާރީޚުގައި ލިޔެވިގެންދާނެ މުހިއްމު އިންތިޚާބެކެވެ. އެންމެ މުހިއްމުކަމަކީ ލިބޭ ބާރުގެ ބޭނުން ހިފާ ވޯޓު ލާން ނުކުތުމެވެ. އުންމީދު ކަޑާލައި ވޯޓާއި ދުރުވުމަކީ އޮތް ހައްލެއް ނޫނެވެ. އެއީ އަނެއްކާވެސް ގޯސް މަގުން ކަންތައް ކުރަން ތިބި މީހުންނަށް ދެވޭ ހިތްވަރަކާއި އެހީއެކެވެ. ދެން އޮތީ ވޯޓުގައި ތެދުވެރިވުމެވެ. ވަކި ކުލައަކަށް ނުބަލާ އެންމެ ޤާބިލް މީހާއަށް ވޯޓުލުމެވެ. ވޯޓް ގަންނަން އަންނަ ކޮންމެ ހުށަހެޅުމަކަށް ނޫނެކޭ ބުނުމެވެ. މި އިންތިޚާބު ވެގެން ދާނީ ޤައުމުގެ މުސްތަޤްބަލް ބައްޓަންކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅަކަށެވެ. ވަރަށް ވިސްނައިގެން ޒިންމާދާރު ކަމާއިއެކު ފިޔަވަޅު އެޅުން މުހިއްމެވެ. ނޫންނަމަ ކައްސާލައިގެން ވެއްޓި ބޮޑު އަނިޔާއެއް ވެދާނެއެވެ

qSamulqSok raweC qnuyil

Leave a Comment

Your email address will not be published. Required fields are marked *

ވެރިން ކުރާ ވައްކަމާއި ދެކޮޅޭ ކިޔާފައި، ހަމަ އެ ފައިސާއަށް ވޯޓު ވިއްކާނުލާށެވެ

ވައްކަމުގެ ފާހަގައެވެ. ރައްޔިތުންގެ ފައިސާއެވެ. ކުންފުނިތަކާއި ވުޒާރާތަކެވެ. ވަކިތަނެއް ވަކި ގިންތިއެއް ނެތެވެ. ވެރިން ކެވުނު ގޮތަކަށް ކަނީއެވެ. ދައުރު ހަަމަވުމުން ކުރިމަތިލަނީ މަޖިލީހަށެވެ. އަނެއް ފަސް އަހަރު ކާށެވެ. އެހެން މަޤާމެއްގައި ހުރެއެވެ.

Read More »

މިނިވަންކަމުގެ އަސާސެއްގައި ރެނދުލައިފި

ސަރުކާރަށް އެ ލިބެނީ ލައިސެންސެކެވެ. މިނިވަންކަމުގެ އަސާސަކާއި ކުޅެލުމުގެ ލައިސެންސެކެވެ. ދެން އަންނާނީ ކަންމަތީ ފިހާރައާއި ދިމާލަށް ނޫންކަމެއް ނޭގެއެވެ. އެއަށްފަހު އާންމު މީހާ އޭނާގެ ޖީބުން ހަރުދު ކުރާނެ ގޮތްވެސް ކަނޑައަޅާނީ ސަރުކާރުންނެވެ. މި ދެވެނީ އެވަރުގެ ލައިސެންސެކެވެ

Read More »

ރޯދަމަހު ވޯޓު ވިއްކަން ދުވި ބަޔަކަށް ރީތީގެ މުބާރާތް ފެނި ހަރާމް ހަލާލް ހަދާންވެއްޖެ

އެއްވެސް އަހްލާގެއް ނެތް، ތައުލީމެއް ނެތް، އުޅުމެއް ނެތް، އެތައް ބަޔަކަށް ވޯޓު ވިއްކީއެވެ. ރައްޔިތުން ބުނަނީ ތިމަންނަމެން ބޭނުމީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފިޔަވަޅު އަޅާށެވެ. ކޮރަޕްޝަން ހުއްޓުވާށެވެ. މަޖިލީހަށް ތައުލީމީ ޤާބިލް މީހުން ހޮވާށެވެ. ވިޔަފާރިވެެރިންގެ ކޮންޓްރޯލް ކުޑަކުރާށެވެ. ނަމަވެސް ވޯޓަކާއި ޖެހުމުން ވޯޓު ވިއްކާލަނީ އޭގެ އެންމެ އިދިކޮޅު މީހާއަށެވެ. ހަލާލް ހަރާމް ކީއްކުރަންތޯ، ތިމާމެންގެ އަމިއްލަ ބުނުމަށް ވެސް ހަރާންކޯރުވި ބައެކެވެ

Read More »