Hiyaalu
ޞިއްޙަތު·

މެޑިކަލް ނެގްލިޖެންސް އަށް ފަރުވާއެއް

ހިޔާލު

އަހަރަކަށްވުރެ އަހަރެއް މެޑިކަލް ނެޖްލިޖެންސް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. އެދެވޭ އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. އަޅުގަނޑުމެންގެ މަސައްކަތްތަކަށް ވާނީ މިފަދަ ހާދިސާތަކުގެ ވީހާވެސް ގިނަ ރިޕޯޓްތަކެއް އެއްކޮށް ޕެޓިޝަނަކާއި އެކު މަޖިލީހަށް ހުށަހެޅުމުވެ. އެފަދަ ކޭސްއަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުނަމަ އަދި ޕެޓިޝަންގެ މަސައްކަތުގައި ބައިވެރިވާން ބޭނުންފުޅުނަމަ އަޅުގަނޑުމެނަށް ވަކިން މެސެޖްކޮށްދެއްވާށެވެ.


ސިއްޙީ ޙިދުމަތްތެރިންނަކީ އަޅުގަނޑުމެންގެ ޝުކުރު ހައްޤު ބައެކެވެ. އުފުލަނީ ނުހަނު ބޮނޑު ޒިންމާއެކެވެ. ވަރުބަލި ކަމެއް ނެތި، ފޫހިވުމެއް ނެތި، ޚިދުމަތް ކުރާ ހިތުން އެކަމަށް ނުކުމެ ތިބި ޚިދުމަތްތެރިންނަށް، އެކުރާ މަސައްކަތަތައް ހައްޤު ސާބަހާއި ޝުކުރު އަދާކުރަމެވެ. ނަމަވެސް މިއަދު ފާހަގަ ކުރަން މި އުޅެނީ މި ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރާ ފަރާތްތަކުގެ ވާހަކައެއް ނޫނެވެ. ސަމާލުކަމަށް ގެންނަން މި އުޅެނީ، ބައެއް ސިއްހީ ޚިދުމަތްތެރިންގެ، ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން އަދި ފަރުވާ ކުޑަކުރުމުގެ ސަބަބުން، އެތައް އާއިލާއަކަށް ކުރިމަތިވެފައިވާ ހިތާމައާއި ހިތްދަތިކަމުގެ ވާހަކައެވެ.

އާއިލާއެއް ބަލަހައްޓަމުން ދިޔަ ބައްޕައަކަށް ނުބައި އިންޖެކްޝަނެއް ދިނުމުގެ ސަބަބުން، އަބިމީހާ ކަރުއަޅާ ރުއި ރުއިމާއި، ދަރިން ބިކަވެ އެކުދިންގެ އުޖާލާ ދިރިއުޅުމަށް އައި ބަނަކަމުގެ ވާހަކައެވެ. ދަރިފުޅު ދެކިލާހިތުން ކެތް މަދުވެފައިވާ މައިމީހާއަށް އެކަށީގެންވާ ފަރުވާ ނުދެވި، ވިހެއުމުގެ ތެރޭގައި އެ ދަރިފުޅުގެ ހިނިތުންވުމާއި ރުއިމުގެ އަޑު އަހާލަން ނުލިބި، ދުނިޔެއާއި އަލްވަދާއު ކިޔަން ޖެހުނު މައިންގެ ވާހަކައެވެ. ބައްޕަ ނެތްތާއިގައި ބައްޕައެއް ފަދައިން، މަންމަ އެއް ނެތްތާގައި މައެއް ފަދައިން، ލޯބިން އަޅާލަމުން ދިޔަ ދައްތަ ނުވަތަ ބޭބެ ވޭނުގައި އޮތް އިރު ފަރުވާ ނުދީ ލަސްކުރުމުގެ ސަބަބަން މުޅި އުމުރަށް ލޯ މަތިން ގެއްލިގެން ދިޔަ ވާހަކައެވެ. ހިނިތުންވެ ސަކަރާތްޖަހާ އެކު އުޅުނު ރަހްމަތްތެރިޔާ އަށް ނުބައި ބޭހެއް ދިނުމުގެ ސަބަބުން މުޅި އުމުރު ނުކުޅެދޭ މީހަކަށްވެ އެ ހިނިތުންވުން އެކީ ގެއްލިގެން ދިޔަގޮތުގެ ވާހަކައެވެ.

މިފަދަ އެތައް ހާދިސާއެއް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ހިނގާފިއެވެ. ހިނގަމުން އެބަދެއެވެ. އަދި ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. ސަބަބަކީ ޒިންމާދާރުކަން ކުޑަކޮށް ކަންތައްކުރާ، އަދި ފަރުވާކުޑަކޮށްލާ ފަރާތްތަކާއި މެދު އެޅޭނެ އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ނެތުމެވެ. އަތް މަތި ދަތި އާއިލާއެއް ނަމަ، ކަރުނައަޅާ ރޯލާފައި ފުއްދާލަނީއެވެ. ކިރިއާވެސް އަތުގައި އެއްޗެސް އޮތްނަމަ ބައެއް އާއިލާތަކުން ކޯޓަށް މައްސަލަ ހުށަހަޅައެވެ. ވަކީލުންނަށް އެތައް ފައިސާއެއްދީ، ކޯޓުތަކުގައި އެތައް އަހަރެއް މައްސަލަ އޮތުމަށްފަހު އެދެވޭ އެއްވެސް ނަޖީއެއް ގިނަ ފަހަރު ނުނިކުމެވެ.

ދުނިޔޭގެ ތަހްޒީބުވެފައިވާ ޤައުމުތަކުގައި، ނިކަމެތިންނަށް އޮތް ރައްކަލެއްކެ ގޮތުގައި އަދި ފަރުވާކުޑަކޮށްފާނެ ފަރާތްތައް ޒިންމާދާރު ކުރުވުމުގެ މަޤްސަދުގައި ސިއްޙީ ޚިދުމަތް ދިނުމުގައި ފަރުވާކުޑަކުރުމާއި ގުޅޭ ޤާނޫނުތައް ހުރެއެވެ. މެޑިކަލް ނެގްލިޖެންސް ބިލެއް މަޖިލީހުން ފާސް ކޮށްގެން އަޅުގަނޑުމެނަށްވެސް މިމަގަށް ފަޔަވަޅެއް އެޅިދާނެއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާކަމެއް ރަނގަޅު ނުވިއެއްކަމަކު އަޅުގަނޑުމެނަށް ކުރެވުނު ވަރެއް ކުރަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ މަސައްކަތަކަށް ވާނީ މިފަދަ ޚާދިސާތަކުގެ ރިޕޯޓުތަކެއް އެއްކޮށް، ޕެޓިޝަނަކާއި އެކު މަޖިލީހަށް ހުށަހެޅުމެވެ. މިކަމުގައި ބޭނުންވަނީ ތިޔަ ބޭފުޅުންގެ އެއްބާރުލުމެވެ. މިފަދަ ހާދިސާތަކުގެ ޙަބަރުތައް އަޅުގަނޑުމަނަށް ފޮނުވައިދެއްވާށެވެ. ޕެޓިޝަނަށް ސޮއި ހޯދަން އެހީވެދޭށެވެ.

Share: