Hiyaalu
ސިޔާސަތު·

ރައްޔިތުން ހޮވި މެމްބަރު އެ ގޮނޑިން ވަކިކުރުމުގެ ބާރުވެސް ރައްޔިތުންނަށް ލިބެންޖެހޭ!

ހިޔާލު

ރިޔާސީ ނިޒާމެއްގައި މަޖިލީހަށް ކުރިމަތިލާ އިރު ނިސްބަތްވާ ޕާޓީ ރަމްޒުކޮށްދެނީ ހަމައެކަނި އޭނާގެ ފިކުރު ހިނގާނެ މައިގަނޑު މިޝްރާބެވެ. އެއްވެސް ހާލެއްގައި މަޖިލީހަށް ހޮވޭފަހުން އޭނަ ގޮނޑީގައި އިނދެ ތަމްސީލު ކުރަނީ ޕާޓީއެއް ނޫނެވެ. ތަމްސީލު ކުރަނީ ދާއިރާއެވެ.


ފުރިހަމަ ދިމަކުރާތީ ނިޒާމަކަށް ކުރި ދަތުރުގެ ތެރެއިން ދިވެހިންނަށް ލިބުނު އެންމެ ބޮޑު އެއް ބާރަކީ ކޮންމެ ރައްޔިތަކަށްވެސް އެ ރައްޔިތަކު ނިސްބަތްވާ ދާއިރާއަކުން، ރައްޔިތުން ތަމްސީލު ކުރާނެ މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް ހޮވުމުގެ ބާރެވެ. އޭގެ ކުރިން މުޅިންހެން ތިއްބަވަނީ ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާ މެމްބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާތައް ވަނީ ދާއިރާތަކާއި އެ ދާއިރާތަކުގެ ރައްޔިތުންނާއި ނުހަނު ގުޅިފައެވެ. ބަޖެޓް ފާސްކުރުމާއި، ސަރުކާރުން ބަޖެޓް ހަރަދުކުރާ ގޮތަށް ފާރަވެރިވުމާއި، ވަޒީރުން ހާޒިރުކޮށް ދާއިރާގައި ހިނގާ މަޝްރޫއުތަކާއި ގުޅޭ ގޮތުން ސުވާލުކުރުން ހިމެނެއެވެ. މިއީ މެމްބަރުންގެ މަސްއޫލިއްޔަތު ތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.

2024 ވަނަ އަހަރު ތަޞްދީޤު ކުރެވެނު އެންޓި ޑިފެކްޝަން ޤާނޫނުގައި ރަނގަޅު ކަންތައްތަކެއް ހުއްޓެވެ. ކުލަ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް އޮތުން ފަދައެވެ. ނަމަވެސް މެމްބަރު ނިސްބަތްވާ ޕާޓީ އިން އެ މެމްބަރު ވަކި ކުރުމުންވެސް ގޮނޑި ގެއްލޭގޮތަށް އޮތުން ގޯހެވެ. ހާއްސަކޮށް އެ މެމްބަރު ހޮވި ރައްޔިތުންނަށް އެ ބާރު ނުލިބޭއިރުއެވެ. ހަޤީޤަތުގައި މެމްބަރު ގޮނޑި އާއި ދުރަށް ލުމުގެ ބާރު އޮންނަން އެންމެ އަޢުލާކަން ބޮޑީ، އެ ގޮނޑީގައި މެމްބަރު ބެއިންދި ރައްޔިތުމީހާ އަތުގައެވެ.

ރިޔާސީ ނިޒާމެއްގައި މަޖިލީހަށް ކުރިމަތިލާ އިރު ނިސްބަތްވާ ޕާޓީ ރަމްޒުކޮށްދެނީ ހަމައެކަނި އޭނާގެ ފިކުރު ހިނގާނެ މައިގަނޑު މިޝްރާބެވެ. އެއްވެސް ހާލެއްގައި މަޖިލީހަށް ހޮވޭފަހުން އޭނަ ގޮނޑީގައި އިނދެ ތަމްސީލު ކުރަނީ ޕާޓީއެއް ނޫނެވެ. ތަމްސީލު ކުރަނީ ދާއިރާއެވެ. އޭނައަށް ވޯޓު ލީ މީހުންނާއި ނުލާ މީހުންނެވެ. އޭނާގެ ފިކުރަށް ނިސްބަތްވާ މީހުންނާއި ނިސްބަތް ނުވާ މީހުންނެވެ. އެކި ޕާޓީތަކުގެ މެމްބަރުންނާއި އެއްވެސް ޕާޓީއަަކަށް ނިސްބަތް ނުވާ މީހުންނެވެ. މަޖިލީހަށް މެމްބަރު ހޮވޭއިރު، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ އެތައް ރައްޔިތުންނެއްވެސް އޭނާއަށް ވޯޓު ދޭނެއެވެ. މިހާލަތުގައި އޭނަ ނިސްބަތްވާ ޕާޓީއިން ކަނޑާލާއިރަށް ގޮނޑި ގެއްލޭނަމަ އެ ވޯޓުލީ ރައްޔިތުންގެ ހައްޤު ކޮބައިތޯއެވެ.

ކިތަންމެ ރަނގަޅަށް ދެފުށް ބަލާފައި ވޯޓު ދިނަސް، ހޮވޭ ފަހުން މެމްބަރުގެ ރާގު ބަދަލުވުމީ މި ރާއްޖޭގައި އައު ކަމެއް ނޫނެވެ. ރައްޔިތު މީހާ ޖެހެނީ ފަސް އަހަރު ބަލަހައްޓައިގެން އިންނާށެވެ. ހޮވުނު މެމްބަރަށް އޭނަ ކޮންމެ ގޮތަކަށް ކަންތައް ކުރިއެއްކަމަކު، އެ ދައުރުގައި، އޭނާ އާއި މެދު އެޅޭނެ ފިޔަވަޅެއް ނެތްކަން އިނގެއެވެ. މިއީ ބަދަލުވާން ޖެހޭ ހަޤީޤަތެކެވެ. ޤާނޫނު އަސާސީގައި ބުނާ ގޮތަށް ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައިވާނަމަ، ފަސް އަހަރު އެ ރައްޔިތު މީހާ ބަލަހައްޓައިގެން އިންނާކަށް ނުޖެހޭނެއެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން މިވަނީ ޕެޓިޝަންތައް ހުށަހެޅުމަށް ފަށޭހަ މަގެއް ކޮށައިދީފައެވެ. އީފާސް މެދުވެރިކޮށް ވަދެވޭ ޑިޖިޓަލް ޕޯޓަލް އަކުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ މަގެކެވެ. މިއީ ފެށުމުގައިވެސް ރައްޔިތުންގެ އަތުގައި އޮންނަންވީ ބާރެއް ރައްޔިތުން ކަށަވަރު ކުރުމުގެ ފުރުސަތެކެވެ. ޕެޓިޝަންގައި ގޮވާލަނީ ރައްޔިތުން ހޮވި މެމްބަރު ވަކި ކުރުމުގެ ބާރުވެސް ރައްޔިތުމީހާއަށް ދިނުމަށެވެ. ތިރީގައިވާ ލިންކުން ޕެޓިޝަންގައި ސޮއިކުރެވޭނެއެވެ.

Share: