Hiyaalu
ސިޔާސަތު·

ސްޕެއިން ފަދަ ޤައުމުތަކުގެ މަޖިލިސް ތެރޭގައި އަޑުހަރުކޮށް އެމެރިކާ ކުށްވެރިކޮށް ވާހަކަ ދެކެވޭ. ދިވެހިން ވޯޓު ވިއްކައިގެން ހޮވި މެމްބަރުންތައް ކޮބާ؟

ހިޔާލު

ވޯޓު ވިއްކައިގެން ކޮރަޕްޓް ބަޔަކު ހޮވާފައި ތިމާމެން ތިބެނީ ކޮރަޕްޝަނާއި ދެކޮޅު ކަމަށް ހެދިގެނެވެ. ބޮޑެތި ޑްރަގް ލޯޑުންނަށް ވޯޓު ވިއްކައިފައި ތިމާމެން ތިބެނީ މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި ދެކޮޅު ކަމަށް ހެދިގެނެއެވެ. ބަހާއި އަމަލަކާއި ދިމަލެއް ނުވެއެވެ.


ރައްޔިތުން ދޮންފުތު ކޮށްފައި މަޖިލިސް މެމްބަރުންނަށް ފާޑުކިޔާކަށް ނެތީމެވެ. އެމީހުން އެތަނުގައި މަސައްކަތެއް ނުކޮށް މުސާރަ އާއި އިތުރު ގޮތް ގޮތުން ޖީބު ފުރަން އެތިބީ ރައްޔިތުން ވޯޓު ވިއްކައިގެން އެތަނަށް ހޮވީމައެވެ. ގޭގެ ސޯފާގައި އަދި ރަހްމަތްތެރިންނާއި އެކު ކޮފީގައި މޮޅު އަނގަތަޅާއިރު ދުނިޔޭގައި މިހިނގާ ކަންކަމުން ތިމާމެނަށް ނޭގޭ ހަމަ އެންމެ ކަމެއްވެސް ނޯއްނާނޭ ހީވާ ވަރަށް އަނގަތަޅައެވެ. މަޖިލީހަށް ބަލާލުމުން އެކަމަކު ތިމާމެންގެ އަސްލު ފެންވަރު އެފެންނަނީއެވެ.

ވޯޓު ވިއްކައިގެން ކޮރަޕްޓް ބަޔަކު ހޮވާފައި ތިމާމެން ތިބެނީ ކޮރަޕްޝަނާއި ދެކޮޅު ކަމަށް ހެދިގެނެވެ. ބޮޑެތި ޑްރަގް ލޯޑުންނަށް ވޯޓު ވިއްކައިފައި ތިމާމެން ތިބެނީ މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި ދެކޮޅު ކަމަށް ހެދިގެނެއެވެ. ބަހާއި އަމަލަކާއި ދިމަލެއް ނުވެއެވެ. ވޯޓު ވިއްކައިގެން ތާކުންތާކު ނުޖެހޭ މީހުން ހޮވާފައި ގޭގައި މޮޅު އަނގަތަޅާއި އިރު ބަންޖެއް ހެން ގޮވަނީ އޭނަ ގޯސް، މީނަ ގޯސް، ރަނގަޅު އެކަކުވެސް ނެތޭއެވެ. ރަނގަޅު މީހަކު އައީމައި ވޯޓު ނުދީ ބޮޑު އަގު ދޭ ވަގަށް ވޯޓު ވިއްކަނީވެސް ތިމާމެނެވެ.

ފަލަސްތީނު މައްސަލައިގައިވެސް އިޓަލީ ފަދަ ކާފަރު ޤައުމެއްގައި މަޖިލިސް ތެރޭ ފަލަސްތީނު ދިދައަށް ދަންދެން ނެގިއެވެ. ދިވެހިން ތިބީ ޔަހޫދީ ފަތުރުވެރިން މިތަނަށް ގެނެސް އޭގެން މަންފާ ހޯދާ ވިޔަފާރިވެރިންނަށް ވޯޓު ވިއްކައިގެނެވެ. މިއަދުވެސް އެތިބީ ޔަހޫދީ ޕާސްޕޯޓާއި އެކު ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރާއްޖެއަށް އާދެވޭގޮތަށް ޤާނޫނު ފާސްކޮށްލާފައި ރައްޔިތުން މޮޔަހައްދައިގެނެވެ.

އެންމެ ފަހުން މަޖިލިސް އިންތިހާބުގެ ފޯރި ގަދަވީ ރޯދަމަހެއްގެ ފަހު ދިހައެއްގައެވެ. ކެންޑިޑޭޓުން ފަހަތުން ރިޝްވަތު ނަގަން ދުވީ ރާމާމަކުނު ކިއްލާއަކަށް ދޮންކެޔޮ ފޮއްޓެއް ދިއްކޮށްލީމައި އަރައިގަންނަ ގޮތަށެވެ. ޝައިތާނާ ކުރުވި ކަމެކޭވެސް ނުބުނޭވެހެން އެއޮތީ ހެއްދެވި ފަރާތުން ތިމާމެނާއި ދެކޮޅަށް ހުއްޖަށް ޤާާއިމުކުރައްވާފައެވެ. އަދު ހައްޖަށް ވެސް ދަނީ ކިއު ފަޅާފައި ރިޝްވަތު ދީގެނެވެ. މިވަރު ބަޔަކު ފަލަސްތީނޭ އިރާނޭ އިސްލާމޭ އުއްމަތޭ ގޮވަނީ، ރަށުތެރޭގައި އުޅޭ އެންމެ ވިޔާނުދާ މީހުންނަށް ވޯޓު ވިއްކައިގެން ޤާނޫނު ހަދަން ހޮވާފައެވެ. ރިޝްވަތަކީ ދީނުގައި ލައުނަތް ލެއްވިގެންވާ ފާފައެއްކަން ނޭގެނީކީ ނޫނެވެ. ވޯޓު ވިއްކައިގެން ބޮޑެތި ޑްރަގް ލޯޑުން ޤާނޫނު ހަދަން ހޮވީމައި އޭގެން މުޖުތަމައު ފަސާދަވާނެ ވަރު ނޭގެނީކީ ނޫނެވެ. ކުރިން ބުނިހެން ކޮފީ މޭޒުތަކުގައި އަނގަތަޅާއިރު މިއީ ހުރިހާ ކަމަކަށް އެދުރު ބައެކެވެ.

ދެން މިވާހަކަ ދެއްކީމައި އަންނާނީ އެމީހަކު ދެކެ ރުޅިއެވެ. ކަލޭތިއީ ރިޝްވަތު ނުކާ މީހެއްހޭ ކިޔާފައި ބޮޑާހަކާއި ދެފައި ހިރަފުހުގައި ތަޅާ ރޮއި ގަންނާނެއެވެ. އެހެން މީހުންވެސް ކުރަނީއޭ ކޮއްކި ނުކުރާންވީ ކީއްވެހޭ ކިޔައި ރޮއި ގަންނަނީއެވެ. އާއެކެވެ. ރިޝްވަތުގެ ފާފައަކު ނުޖެހެމެވެ. އެހެން މީހުން ފާފައަށް އަރައިގަތީމައި ތިމާ އަރައިގަންނަން ޖެހޭނަމަ، އެހެން މީހުން ނަރަކައަށް ވެއްޓޭތަން ބަލާފައި، ތިމާއަށް ސުވަރުގެ ދެވެން އޮތަސް ފުއްމާލާނީ އެހެން މީހުން ހަދާ ގޮތޭ ކިޔާފައި ނަރަކަށް ހެއްޔެވެ؟ ދެން އުޅޭނީ މި ކިޔާފައި ނުފެންނަ ކަމަށް ހެދޭ މީހުންނެވެ. އޭރުން އެމީހުން ހިތުން ހެއްދެވި ފަރާތަށްވެސް އޮޅުވާލެވުނީއެވެ. ދެން އުޅެނީ ނަސޭހަތް ދޭގޮތަށް ފާޑުކިޔާ މީހުންނެވެ. ތިއީ މީހުންނަށް ނަސޭހަތް ދޭގޮތެއް ނޫނޭ، ތިއީ ފާޑުކިޔުމޭ، މީހުން ދައްކޮށްލުމޭ ކިޔާނެއެވެ. ހުކުރު ހުތުބާ ތަކާއި ދީނީ ދަރުސްތަކުގައި އޮންނާނީ ވާވަރަށް ރީއްޗަށް ނަސޭހަތް އަޑުއިވިފައެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ މިވަރަަށް ކިޔަގެންވެސް އެއްޗެއް ނުވިސްނޭހާ ޖާހިލު ބައެކެވެ. އިލާހީ ކޯފާއެއް އަޔަސް އޭގެ އަނެއް ދުވަހު ޓެލެތޮން އެކޭ ކިޔާފައި ނާޗަރަންގީ ކުޅެން ފަށާ ބަޔަކަށް ސަހަލު ގޮތަކަށް އެއްޗެއް ވިސްނޭނެތޯއެވެ.

Share: