އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!
ހިޔާލު
މި ވޭތުވި އަހަރުތަކުގައި ކުދި ބޮޑު އެތައް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ކެމިކަލް ގުދަނެއްގައި ނޫނަސް، ވަގަށް ހިންގާ އެފެދަ ގުދަނަކާއި ހަމައަށް އަލިފާނުގެ އަސަރުކޮށްފިނަމަ ދެން ވާނެގޮތް އެންމެނަށްވެސް އިނގެއެވެ.
2019 ވަނަ އަހަރު ހެންވޭރު ގެއެއްގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. އަލިފާނުގެ ގެއްލުން އިތުރު އެތައް ގެއަކަށް ވިއެވެ. މީހެއްގެ ފުރާނަ ގެއްލިގެން ދިޔައެވެ. 2022 ވަނަ އަހަރު މާފަންނު ގެއެއްގައި ހުރި ގުދަނެއްގައި ރޯވިއެވެ. ހަމަ އަލިފާން ހިފާ، ގޮވާ ޒާތުގެ އެއްޗެހި ގުދަންކޮށްފައެވެ. މިފަދަ ކޮންމެ ހާދިސާއެއް ހިނގާއިރަށް ވެރިން ނުކުމެ މާލެއިން ގުދަންތައް ހުސްކުރި ކަމުގެ ޔަގީންކަން ދެއެވެ. ނަމަވެސް އަނެއްކާވެސް ފެންނަނީ ހަމަ އެކަން ތަކުރާރުވާތަނެވެ. ކުރީ ދެ ހާދިސާއަށް ފަހުވެސް ވެރިން އެ ޔަގީންކަން ދިނެވެ. އޭގެ ފަހުން 2024 ވަނަ އަހަރު، ސަލާމަތީ ހިދުމަތްތަކުން، ތަންތަން ބަލާ ފާސްކުރުމުގެ ތެރެއިން މާލެއިން ކެމިކަލް ގުދަނުގެ ގޮތުގައި ބޭނުންކުރާ 114 ތަނެއް ފާހަގަކުރެވުނެވެ. އެއީ އަދި ފަޅާއެރި ތަންތަނެވެ. ސިއްރުން ހިންގާ ކިތައް ތަން ހުންނާނެތޯއެވެ.
މި ވޭތުވި އަހަރުތަކުގައި ކުދި ބޮޑު އެތައް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ކެމިކަލް ގުދަނެއްގައި ނޫނަސް، ވަގަށް ހިންގާ އެފެދަ ގުދަނަކާއި ހަމައަށް އަލިފާނުގެ އަސަރުކޮށްފިނަމަ ދެން ވާނެގޮތް އެންމެނަށްވެސް އިނގެއެވެ. ގުދަންތަކާއި ގަރާޖުތައް މީހުން އުޅޭ ސަރަހައްދާއި ދުރަށް ގެންދަން އިންޑަސްޓްރިއަލް ވިލެޖުގެ ނަމުގައި މާލޭގައި ތަނެއް ހިއްކާފައި އެބައޮތެވެ. އެތަން އަދިވެސް ބޭނުންކުރަނީ ކުނިގޮނޑަކަށެވެ. ގުދަންތައް ހަމަ ސިއްރާއި ފާޅުގައި މާލެތެރޭގައި ހިންގައެވެ. ދެން ފެންނާނީ ހެޑްލައިނެކެވެ. ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން އެވެނި މިވެނި މުހުލަތެއް ދީފައެވެ. އަނެއްކާވެސް އެވާހަކަ އެ ނިމުނީއެވެ.
ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ.

