ދުނިޔޭގެ ބާޒާރަށް އަންނަމުންދާ ލޮޅުން މިޤައުމަށް ފޯރާނެ ވަގުތަކަށް ތައްޔާރުތޯ؟
ހިޔާލު
ވެރިންގެ ހުންނާނީ ރައްޔިތުންގެ އަޤްލަބިއްޔަތުގެ އުޅުމެވެ. ވެރިން ހޮވަނީ ރައްޔިތުންގެ އަޤްލަބިއްޔަތުންނެވެ. އެބަޔަކު ހޮވާނީ އެބަޔަކު ކަހަލަ ބައެއްތާއެވެ. ވެރިން ބުނަނީ ހާސްކަމެއް ނެތް ކަމަށެވެ.
ރެސްޓޯރެންޓްތައް ފުރިފައެވެ. މެނޫތައް އަގުބޮޑޭ ކިޔަކިޔާފައެވެ. ކެއުމާއި ބުއިމުން ދުރުވާންވީ މަހު، ކެއުމާއި އިޝްރާފުކުރުން އިންތިހާގައެވެ. ބާޒާރަށް ކާބޯތަކެތި ނެރުނުވަރަކަށް ވިކެއެވެ. މިއިން ދުވަހަކު ކަރައެއްގައި އަތް ނުލާ އެތައް ބަޔަކަށް ކަރާ ފަނި ބޮއެގެން ވީއްލާ ރޯދައެއް ނޫނީ ސައްހަވެސް ނުވާނޭ ހީވާކަހަލައެވެ. ހެދިކާ ހަދައިގެން ނޫނީ ހަމަ ފަރުނުޖެހެއެވެ.
ވަރަށް ޝައުގުވެރިކަމާއި އެކު ދިވެހިން ދަނީ މެދުއިރުމަތީގެ ހާލަތު ބަލަމުންނެވެ. ނަމަވެސް އޭގެން މިޤައުމަށް ކުރާނެ އަސަރާއިމެދު ގިނަ ބަޔަކު ތިބީ ޤާފިލުކަންމަތީގައެވެ. ފަތުރުވެރިކަމަށް އެކީ ބަރޯސާވާ ޤައުމަކަށް ފްލައިޓުތައް ހުއްޓާލީމައި ކުރާނެ އަސަރެވެ. ދަތްކޮށްޓާ އިލޮށްޓަށް ދަންދެން އެތެރެކުރާ ޤައުމަކަށް އަންނާނެ ލޮޅުމެވެ. ކުރިއަށް އޮތީ ދަތިދުވަސް ތަކެއްކަމެއް ދަންނަ މީހަކު ހުރިހެނެއް ހިއެއްނުވެއެެވެ. ސައިކަލު ބުރު ޖެހުން އޮތީ، މިއީ ތެޔޮ އުފައްދާ ޤައުމެކޭ ހީވާ މިންވަރަށެވެ.
ސައުދީ، ޔޫއޭއީ، ކުވެއިޓް އަދި ބަހްރެއިން ފަދަ އެތައް ޤައުމަކުން ތެޔޮ އުފައްދާ މިންވަރު އެތައް ގުނައެއް މަދުކޮށްފިއެވެ. ގަތަރުން ގޭސް އުފެއްދުން އެކީ ހުއްޓާލައިފިއެވެ. ހަންގޭރީ އިން ތެޔޮ އެކްސްޕޯޓު ކުރުން އެކީ ހުއްޓާލައިފިއެވެ. ތައިލެންޑް އަދި ވިއެޓްނާމް ފަދަ ޤައުމުތަކުން ތެޔޮ ރައްކާކުރަން ފިޔަވަޅު އަޅަން ފާށާ އެޤައުމުގެ ރައްޔިތުންނަށް ގެއިން މަސައްކަތް ކުރަން އަންގައިފިއެވެ. ބަންގްލަދޭސް، ފިލިޕީންސް އަދި ސްރީލަންކާގައި ގޭހާއި ތެޔޮ ލިބުން ދަތިވެ ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ. އަވަށްޓެރި އިންޑިއާގައި ގޭސް ލިބުން ދަތިވެ ހޮޓަލްތަކާއި ރެސްޓޯރެންޓްތައް ބަންދުކުރަނީއެވެ. ދިވެހިރާއްޖޭގައި ކަމެއްވާހެން ހީވެސް ނުވެއެވެ. ކައުންސިލް އިންތިހާބަށް ރިޝްވަތު ނެގުމުގައި އެއްބައި ރައްޔިތުން އަވަތިނެތި އުޅޭއިރު، އަނެއް ބަޔަކު އުޅެނީ ކުޅިވަރާއި މަޖަލުގައެވެ. ވެރިން ތިބީ ކައުންސިލް އިންތިހާބަށް ވޯޓު ގެއްލިދާނެ އަސްލު މަންޒަރު ފޮރުވައިގެން ދެ އިންތިހާބޭ ކިޔާލަ ކިޔާލައެވެ.
ވެރިންގެ ހުންނާނީ ރައްޔިތުންގެ އަޤްލަބިއްޔަތުގެ އުޅުމެވެ. ވެރިން ހޮވަނީ ރައްޔިތުންގެ އަޤްލަބިއްޔަތުންނެވެ. އެބަޔަކު ހޮވާނީ އެބަޔަކު ކަހަލަ ބައެއްތާއެވެ. ވެރިން ބުނަނީ ހާސްކަމެއް ނެތް ކަމަށެވެ. ކުރިއަށް އޮތް ދެތިން މަހަށް ވާވަރަށް ތެޔޮ ރައްކާކޮށްފައި ހުރި ކަމަށް ބުނެ، އޭގެ އަނެއް ދުވަހު އަގު ބޮޑު ކޮށްފިއެވެ. ރޯދަ މަހު ކަރަންޓް ބިލް ކުޑަކޮށްދޭނަމޭ ބުނެވިފައި އޮތަތީ އެކަމެއްވެސް ނުކޮށް ވާކަށް ނެތެވެ. ލޯމަރާލައިގެން ތިއްބަސް، ދުނިޔޭގައި ހިނގާ ކަންކަމުގެ އަސަރު ނުފޯރައެއް ނުދާނެއެވެ. އެންމެ ބޮޑު ދެރައެއް ލިބޭނީ އެންމެ ނިކަމެތި އާއިލާތަކަށެވެ. ވޯޓު ވިއްކައިގެން ހޮވާފައި ތިބި ކޮރަޕްޓް ވެރިން ތިބީ ފަހަށް ރައްކާކޮށްގެނެވެ. ވެރިން ސިޔާސީ ކުޅިވަރަކަށް ހަދައިގެން އުޅެނީ ދެ އިންތިހާބެކޭ ކިޔާ ކަމެއްގައެވެ.
އުއްމީދަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ވީހާވެސް ކުޑަކޮށް އަސަރު ކުރުމެވެ. ނަމަވެސް ހަރުބަހުގައި ވާހެން ރައްކާވެ ތިބިއްޔާ ދަތުރެވެ. މި ބުނަނީ މުދާ ބައްކޮށް ބޮޑު ހާސްކަމެއްގެ ތެރެއަށް ވެއްޓޭށެކޭ ނޫނެވެ. ހަރަދު ކުޑަކޮށް، ފަހަށް ރައްކާކުރަން ފަށަންވީ ވާހަަކައެވެ. އިޝްރާފު ކުރުން މަދުކޮށް، މަދު އެތިކޮޅަކުން އުޅެން ދަސްކުރަންވީ ވާހަކައެވެ. ބުއްދިވެރި ގޮތަކީ ސަރުކާރުން ބަހެއް ބުނޭތޯ މަޑުނުކޮށް ތިމާމެން ރައްކާތެރިކަން ހޯދުނު މިންވަރަކަށް ހޯދައިގެން ތިބުމެވެ.

