Hiyaalu
ސިޔާސަތު·

ހަރަދު ކުޑަކުރުން ފެށެންވީ ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، އެމްބަސީތަކުންނެވެ. އާންމު މީހާގެ ވަޒީފާއަކުން ނޫނެވެ.

މުޙައްމަދު ޖަލާލް ނަސީމް

ސާފުކޮށް ކުރުކޮށް ބުނާނަމަ ސަރުކާރު ހިންގުމުގެ ބުރަ ފުރަތަމަ އުފުލަންވީ، ސިޔާސީ މީހުންނާއި ބޭރުގައި ތިބޭ ސަފީރުންނެވެ. އެއަށްފަހު، އެހެން ފިޔަވަޅުތަކާއެކު، ދިގުމުއްދަތުގެ ބޭރު ފައިސާ ސިޔާސަތުތަކަށް ސަރުކާރު ދިއުމަކީ މުހިންމު ކަމެކެވެ.


ހަރަދު ކުޑަކުރަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފަކުން ވަކިކުރަން ޕީސީބީ އިން ވަނީ އިރުޝާދު ދެއްވާފައެވެ. އެއީ ވެސް ކުރަން ޖެހޭ ކަމެކެވެ. ސިޔާސީ މަޤުސަދުތަކެއް ހާސިލު ކުރުމުގެ ބޭނުމުގައި ކުންފުނިތަކަށް ނުކަތާވަރަށް ވަނީ ވަޒީފާ ބަހާފައެވެ. ނަމަވެސް، މިއީ ހަމަޖެހޭ ތަރުތީބެއް ނޫނެވެ. ފުރަތަމަ ކުންފުނިތަކަށް އެވަރަށް ވަޒީފާއަށް މީހުން ވެއްދި ޒިންމާދާރު މަޤާމުތަކުގައި ތިބި ވެރިންނަށް ފިޔަވަޅު އަޅަންޖެހެއެވެ. އެއަށްފަހުވެސް އާންމު ރައްޔިތުމީހާ ވަޒީފާއިން ކަނޑާލުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް ވުޒާތަކުގައި ތިބި ސިޔާސީ އެކި މަޤާމުތަކުގެ އަދަދާއި ކުރާ ހަރަދު އާންމު ކުރަންޖެެހެއެވެ. އަދު އެއީ ސިއްރުކޮށްގެން ގެންގުޅޭ އެއްޗެކެވެ. ކުންފުނިތަކަށް ސިޔާސީ ގޮތުން ވައްދާފައިތިބި މުވައްޒަފުންގެ އަދަދު ހާމަކުރަން ޖެހެއެވެ. ހަރަދު ކުޑަކުރަން ބަޔަކު މަދުކުރާނަމަ މަދުކުރަންވީ މިމީހުންނެވެ.

މަޖިލިސް މެމްބަރުންނަށް ލިބޭ ކޮމިޓީ އެލަވަންސް ކަނޑާލާ، މުސާރަ ކުޑަކޮށް، ޕްރިމިއަމް ހެލްތް އިންސިއުރެންސްގެ ބަދަލުގައި އާންމު މީހާއެކޭ އެއް ހަމައަކުން އާސަންދަ ލިބޭ ގޮތަށް ބަދަލު ކުރުމަށް ގޮވާލާ އަޅުގަނޑު ހިންގި ޕެޓިޝަނަށް ގާތްގަނޑަށް 2،500 ސޮއި ލިބުނެވެ. ރައްޔިތުން ހޮވާފައި ތިބި ފީކަޅާ މަޖިލިސް މެމްބަރުން އެކަން ތަޅުމަށް ވައްދާލާ ބަހުސްކޮށްލަން ވެސް ބޭނުމެއް ނުވިއެވެ. އަދު އިދިކޮޅުގައި ތިބި އެމް.ޑީ.ޕީ މެމްބަރުންގެ ތެރެއިން ކުޑޫ ފިޔަވައި އެހެން ހުރިހާ މެމްބަރުން އެއާއި ދެކޮޅެވެ. ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުން ގެންގުޅޭ އެސްޖޭ ސަމްހީދު ބުނީ ތިޔަ އުޅެނީ ހަސަދަވެރިވެގެން ކަމަށެވެ. ނަަމަވެސް މިއީ ރައްޔިތުން ބޭނުންވާ ކަމެއްކަން ސާފެވެ. ހަރަދު ކުޑަކުރަން މަޖިލިސް މެމްބަރުންގެ އިތުރުން ވަޒީރުންނާއި ޤާޒީންގެ މުސާރަތައްވެސް މުރާޖާކުރަން ޖެހެއެވެ. ކުރީގެ މެމްބަރުންނާއި ރައީސުންނަށް ދެވޭ އިނާޔަތްތައް އެކީ ކަނޑާލަން ޖެހެއެވެ.

މީގެ އިތުރުން ބޮޑެތި ބޭބޭފުޅުންގެ އާއިލާތަކަށް ވަޒީފާ ދީގެން ހަރަދު ކުރާ ސަފާރާތައް (އެމްބަސީތައް) އަދި އޮތީއެވެ. ސީދާ ޑޮލަރުން އެތައް މިލިއަނެއް މިތަންތަނަށް ހަރަދު ކުރެއެވެ. ކުރީ ސަރުކާރުގައި ދާހިލީ ވަޒީރުގެ ދަރިފުޅު އެމްބަސީއެއްގައި ބަހައްޓައިގެން ކޮށްލި ހަރަދު މިސާލަކަށް ފުދެއެވެ. މިއިން ކޮންމެ މީހެއްގެ އާއިލާއަށް އަދި ވަކިން ހަރަދު ކުރެއެވެ. އެމްބަސީތަކަށް ކުރާ ހަރަދު ކުޑަކޮށް، ކުލީގެ ގޮތެގައި ދެވޭ ފައިސާވެސް މުރާޖާކުރަން ޖެހެއެވެ.

ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަންވީމައި ކޮންމެ ސަރުކާރަކަށްވެސް އެންމެ ފުރަތަމަ ފެންނަނީ އާންމު ރައްޔިތުމީހާގެ ވަޒީފާއެވެ. އާންމު މީހާއަށްދޭ އާސަންދައެވެ. އާންމު މީހާއަށް ދެވޭ ސަބްސިޑީއެވެ. ސާފުކޮށް ކުރުކޮށް ބުނާނަމަ ސަރުކާރު ހިންގުމުގެ ބުރަ ފުރަތަމަ އުފުލަންވީ، ސިޔާސީ މީހުންނާއި ބޭރުގައި ތިބޭ ސަފީރުންނެވެ. އެއަށްފަހު، އެހެން ފިޔަވަޅުތަކާއެކު، ދިގުމުއްދަތުގެ ބޭރު ފައިސާ ސިޔާސަތުތަކަށް ސަރުކާރު ދިއުމަކީ މުހިންމު ކަމެކެވެ.

Share: