މި ޤައުމުގައި މިނިވަނީ ހަމައެކަނި މަހުޖަނުންނެވެ
މުޙައްމަދު ޖަލާލް ނަސީމް
ރިޝްވަތުގެ ފަންޑު ނެރެނީ ބޮޑެތި މަހުޖަނުންގެ އަތުންނެވެ. ހަޤީގީ މިނިވަން ދުވަސް ކޮންމެ އަހަރަކު އަންނަނީ އެ މީހުންނަށެވެ. ރިސޯޓު ވިޔަފާރި، ހޯލް ސޭލް ވިޔަފާރި، ބޮޑެތި ރެސްޓޯރެންޓުތައް، ހޮސްޕިޓަލާއި ކޮލެޖު އަދި ކޮންސްޓަރަކްޝަނަށް ބެލިނަމަވެސް ފާހަގަވާ ކަމެއް އޮވެއެވެ. މި ހުރިހާ ވިޔަފާރިތަކެއް ކޮންޓްރޯލް ކުރާ އެއް މަހުޖަނުންތަކެއް ތިބެއެވެ.
ކޮންމެ އަހަރަކު ފަދައިން މި އަހަރުވެސް މިނިވަން ދުވަސް ފާހަގަކޮށްފިއެވެ. އަންނަ އަހަރުވެސް ކުރާނެއެވެ. ނަމަވެސް ސުވާލަކީ މިނިވަންކަމުގެ އިހުސާސް އާންމު މީހާއަށް ކުރެވޭތޯއެވެ. އާމްދަނީ ހޯދޭނެ ގޮތެއް ނެތި ސިޔާސީއެއްގެ ފައިބުޑަށް ވެއްޓެން މަޖުބޫރުވާއިރު މިނިވަންކަމުގެ އިހުސާސް ކުރެވޭތޯއެވެ. އާސަންދައަށް ސަލާން ޖަހަން ސިޔާސީއެއްގެ ފައިބުޑަށް ވެއްޓެން ޖެހުމުން މިނިވަން ކަމުގެ އިހުސާސް ކުރެވޭތޯއެވެ. މިފަދަ އެތައް ކަމަކީ އެންމެންގެ ވެސް ދުލުކުރީގައިވާ ޝަކުވާތަކެވެ. އަޅުވެތިވެފައި ވަނީ ޖީބުތަކެއް ނޫނެވެ. އަޅުވެތިވެފައި ވަނީ ސިކުނޑިތަކެވެ.
މަޒީގެ ވާހަކައެވެ. މަޖިލިސް އިންތިހާބު ބާއްވަން ފެށިއިރެވެ. ޤްރޫޕު ހަދާފައި ވޯޓު ވިއްކަމުން ދިޔައީ ދަޅު ކޭހަކާއި ޖާޒީ ސެޓަކަށެވެ. ދެން އޮތް ކޮންމެ އިންތިހާބެއްގައި ދިޔައީ މިކަން ހައްދުން ނެއްޓެމުންނެވެ. ވޯޓު ވިއްކަނީ ހާލަތު ޒަރޫރީގެ ސަބަބުންނޭ ބުނާތީ އިވެއެވެ. ދަޅު ކޭހާއި ޖާޒީ ސެޓަކީވެސް ހަމަ ހާލަތު ޒަރޫރީތޯއެވެ. ނޫނެކެވެ. އޭރު ރިޝްވަރު ނެގުން ވީ މަޖާކަމަކަށެވެ. ސިޔާސީންނަށް އަމިއްލަ ޖީބުން ހަރަދު ކޮށްގެން ގޮނޑި ހޯދުން ވީ ބޮޑު ބުރައަކަށެވެ. ބަދަލުގައި ރައްޔިތުން ގަނެލާ ހަތިޔާރަކަށް ހެދީ ސަރުކާރު ވަޒީފާ އާއި އާސަންދައެެވެ. މާތްﷲ ހަރާމްކުރެއްވި ރިޝްވަތު މަޖަލަކަށް ހަދައިގެން އުޅެނިކޮށް، ނިކަމެތިން ހައްތަހާ ނިކަމެތިވީއެވެ.
ދެން ރިޝްވަތުގެ ފަންޑު ނެރެނީ ބޮޑެތި މަހުޖަނުންގެ އަތުންނެވެ. ހަޤީގީ މިނިވަން ދުވަސް ކޮންމެ އަހަރަކު އަންނަނީ އެ މީހުންނަށެވެ. ރިސޯޓު ވިޔަފާރި، ހޯލް ސޭލް ވިޔަފާރި، ބޮޑެތި ރެސްޓޯރެންޓުތައް، ހޮސްޕިޓަލާއި ކޮލެޖު އަދި ކޮންސްޓަރަކްޝަނަށް ބެލިނަމަވެސް ފާހަގަވާ ކަމެއް އޮވެއެވެ. މި ހުރިހާ ވިޔަފާރިތަކެއް ކޮންޓްރޯލް ކުރާ އެއް މަހުޖަނުންތަކެއް ތިބެއެވެ. ކޮންމެ ޕާޓީއެއް ވެރިކަން ކުރިނަމަވެސް، މި މަހުޖަނުންނާއި އެމީހުންގެ އާއިލާ ބޭފުޅުންނަށް މަޤާމުތައް ކަށަވަރުވެއެވެ. ސްޓޭޓް މިނިސްޓަރު ކަމުން ފެށިގެން، ބޭރުގެ އެމްބަސީތަކާއި ހަމައަށް އެމީހުންނާއި އެމީހުންގެ އާއިލާ މެމްބަރުންނަށް މަޤާމުތައް އަރުވައެވެ. ދަނޑުވެރިކަން ކުރުމުގެ ނަމުގައާއި މަސް ހިއްކުމުގެ ނަމުގައި އެތައް ފަޅު ރަށެއް މި އާއިލާތަކަށް ދަތުރު ދާން ދިގު މުއްދަތަށް ދީފައިވެއެވެ. މި މީހުން ހިންގާ ރިސޯޓު ތަކުން ދައުލަތަށް ނުދައްކާ އެތައް ބިލިއަނެއް އެބަ އޮތެވެ. އާދައިގެ މީހާ ހަމަ އެ ނިކަމެތި ކަމުގައެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ދިއްކޮށްލާ ވަޒީފާ ގަނޑާއި 500ރ ގެ އިންތިޒާރުގައެވެ.
އެމީހުންނަށް އޮތް އެންމެ ބޮޑު ބާރަކީ ވެރިންނެއް ނޫނެވެ. ރައްޔިތުންނެވެ. ރައްޔިތުން ވޯޓު ވިއްކާހާ ހިނދަކު، އެފަދަ މަހުޖަނެއް އަތުން ފައިސާ ނަގައިގެން، ގޮނޑިއަށް އެރޭނެކަން ސިޔާސީން ދަނެއެވެ. މަހުޖަނުން ކެމްޕެއިންތަކަށް ފައިސާ ދެނީ ހިލޭ ސާބަހަކަށް ނޫނެވެ. އޭގެ ބަދަލުގައި އެތައް ޝަރުތެއް ކޮށެވެ. ފައިސާއަށް ވޯޓު ވިއްކުމުގައި ހައްދު ފަހަނަ އެޅި ވަރުން ތިމާގެ ދަރިންނަށް މަސްތުވާތަކެތި ވިއްކާ ޑަރަގް ލޯޑުންނަށްވެސް ވޯޓު ވިއްކައިގެން ގޮނޑިއަށް ހޮވަނީ އެވެ. ފައިސާއާށް މިވަރަށް ހޭބަލިވެފައިވާ މުޖުތަމައުއަކަށް މިއަދު މިއޮތީ ދިވެހި ރުފިޔާގެ އަގު ވެއްޓުމުގެ ވަބާ ޖެހިފައެވެ. ވިސްނައިފި ބަޔަކަށް އިބުރަތެކެވެ.
އެހެން މައްސަލަތަކެކޭ އެއްފަދައިން މަހުޖަނުން މި ޤައުމު ލޫޓުވަމުންދާ ގޮތުގެ ވާހަކަ ދައްކާނަމެވެ. އެކަމާއި ދެކޮޅަށް އަޑު އުފުލާނަމެވެ. ހަޤީގީ މިނިވަންކަމުގެ އިހުސާސް ކުރެވޭނީ ފައިސާ އާއި ވަޒީފާގެ އަޅުވެތިކަމުން މިންޖުވެ ވަގުތީ މަންފާއަށްވުރެ ދުރަށް ވިސްނާ ދުވަހަކުންނެވެ.

