Hiyaalu
މުޖްތަމައު·

ދަރަނީގައި ޤަރަގުވަމުން

މުޙައްމަދު ޖަލާލް

އެއީ އަދި ރަސްމީ ހިސާބު ކިތާބެވެ. ނުރަސްމީ އެތައް ދަރަންޏެއް އަދި އޮތީއެވެ. ގޭގެ ކަރަންޓު ބިލު ނުދެއްކި ތިމާގެ މީހެއް އަތުން ދަރަންޏެކެވެ. ނެޓު ބިލު ނުދެއްކިގެން ރަހްމަތްތެރިއެއް އަތުން ލޯނެކެވެ. ރައްދުނުކޮށް ދެން އުޅެނީ ފިލައިގެނެވެ. އެތައް ގުޅުމެއް ކެނޑުނަސް ވައްޓަފާޅި ބަދަލު ކުރުމުގެ ވިސްނުމެއް ނެތެވެ.


މީގެ ދިހަ އަހަރު ކުރިއެވެ. ދިރިއުޅުމުގެ ވައްޓަފާޅި ތަފާތެވެ. އެތައް ކަމެއް ބަދަލުވެއްޖެއެވެ. އައު އިޖާދުތަކެވެ. ހިތަށްވެސް ނާރާ ބަދަލުތަކެވެ. ހަމައެކަނި ދުނިޔެއެއް ނޫނެވެ. ވިސްނުމާއި ފިކުރެވެ. ޖީބަށް ދެވޭ ނަޒަރެވެ. އަހައްމިއްޔެވެ. ދިހަ އަހަރު ކުރީގެ މިސާލުން މި ފަށަނީ ސަބަބެއް އޮވެގެނެވެ. ތިލަކޮށްލަދޭނަމެވެ.

އެއިރުވެސް މިހާރުވެސް އެއްގޮތް ކަމެއް އެބަހުއްޓެވެ. އާމްދަނީ އާއި ނުބައްދަލު ދިރިއުޅުމެކެވެ. އެންމެންގެ އެއް ނޫނެވެ. އަޤުލަބިއްޔަތެވެ. ހާއްސަކޮށް ޒުވާނުންނަށް ބަލައިލާނަމެވެ. އައު ފޯނަކަށް ކިއު ހަދައެވެ. ކިޔަވާ ނުނިމެނީސް ސައިކަލެއް ބޭނުންވެއެވެ. ރަހްމަތްތެރިންނާއި އެކު ދަތުރު ދާން ހިތް އެދެއެވެ. އަދުވެސް އެހެންނެވެ. ތަފާތަކީ އަދު ނުފޯރާ ފޮތިން ފޫގަޅާ އަދަދެވެ. މީހުންގެ އަދަދެވެ. ދަރަނީގެ އަދަދެވެ.

ރަސްމީ ހިސާބުތަކަށް ބަލައިލަމާތޯއެވެ. 2016 ވަނަ އަހަރު ގޭބިސީތަކުގެ ޖުމްލަ ދަރަނި ހުރީ 7.1 ބިލިއަން ރުފިޔާގައެވެ. 2026 ވަނަ އަހަރު މި އަދަދު ހުރީ 21.6 ބިލިއަނުގައެވެ. ދިހަ އަހަރު ތެރޭގައި 3 ގުނަވީއެވެ. ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވި ނިސްބަތަށް ވުރެ ގޭބިސީ ދަރަނި އުފުލިގެން ދިޔަ މިންވަރު ބޮޑެވެ.

ކަންބޮޑުވާން ޖެހެއެވެ. ނަމަވެސް ހައިރާނެއް ނުވެއެވެ. ފޯނު ކްރެޑިޓަށެވެ. ސައިކަލު ކްރެޑިޓަށެވެ. ހިލޭ ޑްގްރީ އޮތަސް ސްޓޫޑެންޓް ލޯނުގައި ޤައުމުން ބޭރަށެވެ. ކައިވެނި ޕާޓީ އާއި ހަނީމޫނަށް ލުއި ލޯނެވެ. ކްރެޑިޓު ކާޑު ގެންގުޅުމަކީވެސް ފެޝަނެކެވެ. ފަހުން ދައްކާ ޝްކީމްތަކުގައި ބޭރު ޤައުމުތަކަށް ދަތުރުވެސް ދަނީއެވެ.

އެއީ އަދި ރަސްމީ ހިސާބު ކިތާބެވެ. ނުރަސްމީ އެތައް ދަރަންޏެއް އަދި އޮތީއެވެ. ގޭގެ ކަރަންޓު ބިލު ނުދެއްކި ތިމާގެ މީހެއް އަތުން ދަރަންޏެކެވެ. ނެޓު ބިލު ނުދެއްކިގެން ރަހްމަތްތެރިއެއް އަތުން ލޯނެކެވެ. ރައްދުނުކޮށް ދެން އުޅެނީ ފިލައިގެނެވެ. އެތައް ގުޅުމެއް ކެނޑުނަސް ވައްޓަފާޅި ބަދަލު ކުރުމުގެ ވިސްނުމެއް ނެތެވެ.

ހިތް އެދޭކަން ދަންނަމެވެ. އެއީ މައްސަލައެއް ނޫނެވެ. އިންސާނީ ތޮބިއްޔަތެވެ. ނަމަވެސް މިއީ ދުނިޔެކަން ދަންނަންޖެހެވެ. އެކި މީހުންނަށް ލިބޭނީ އެކި މިންވަރެވެ. ލިބޭ މިންވަރަށް ޝުކުރު ކުރަން ދަސްކުރަން ޖެހެއެވެ. ކުލި އެހާ ބޮޑެވެ. މައިން ބަފައިންނަށް ކަތަނީ ކިރިޔާއެވެ. ތަކެތީގެ އަގު އުފުލެނީއެވެ. މުސާރަ ބޮޑެއް ނުވެއެވެ. ނަމަވެސް ހަމަ ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.

ގޮތް ހުސްވެ ބޯހާސްވަނީއެވެ. މާޔޫސްކަމާއި ކުރިމަތިވަނީއެވެ. ވަގުތީ ފެޝަނަށް މި ވިއްކާލެވުނީ ކުރިމަގުކަން ރޭކަލަނީ ތިމާއަށް ބޮޑި ލިބުނީމައެވެ. އަނެކުންގެ ފަރާތުން ފިލާވަޅު ލިބިގަތުމެއް ނޯވެއެވެ. ކޮންމެ މީހަކުވެސް ހިތަނީ ތިމާއަށް އެހެނެއް ނުވާނެކަމަށެވެ. އިސާހިތަކު ފަށަނީ ދަނީ ޖުވާ ކުޅޭށެވެ. ދަނީ މަސްތުގެ ދުނިޔެއަށެވެ. އަޑިގަނޑަކަށް އުސްގަނޑެއް އަންނާނޭ ބުނެއުޅެއެވެ. ނަމަވެސް އަމިއްލަ އަށް ވަޅުގަނޑު ކޮނެ ފަސްއަޅައިގެން އޮތް މީހަކަށް އަންނާނީ ކޮން އުސްގަނޑެއްތޯއެވެ.

ދެން އެވީ ވިކްޓިމަކަށެވެ. ދުނިޔޭގައި ހަމަ ހުރިހާ ނުބައެއް ވަނީ ތިމާއަށެ ގޮވާ ގިސްލަނީއެވެ. ވެރީ އަންފެއާރ އެވެ. ތިމާ ކުރި ހަމަ އެއްކަމެއްވެސް ނެތެވެ. ދެންވެސް މާޔޫސް ނުވާށެވެ. މިހިސާބުންވެސް ދިރިއުޅުން ބަދަލު ކުރި އެތައް ބަޔަކު އެބަ ތިއްބެވެ. ނަމަވެސް ބުރަ މަސައްކަތުންނެވެ. ރަޖާލައިގެން ރޮއެގެނެއް ނޫނެވެ. އެކަނި ސަލާމަތް ނުވާށެވެ. ގާތް އެކުވެރިންވެސް ސަލާމަތް ކުރާށެވެ.

ފަހުގެ ގަނޑިއާއި އައިފޯނު ނުގަނެވުމީ ދެރަކަމެއް ނޫނެވެ. ކޮލެޖު ނިމޭ ގޮތަށް ސައިކަލެއް ނުލިބުނީ ދަށްކަމެއް ނޫނެވެ. ބޭރަށް ކިޔަވަން ނުދެވުމީ ނިކަމެތިކަމެއް ނޫނެވެ. ރަހްމަތްތެރިން ދާހާތާކަށް ނުދެވުމީ ބާކީ ވުމެއް ނޫނެވެ. ފަހަށް ވިސްނާށެވެ. ރައްކާކޮށްފިނަމަ ލިބޭ ހިތްހަމަ ޖެހުން މާ ބޮޑުވާނެއެވެ. ބޮލަށް ލިބޭ ހަމަޖެހުން އެކަނިވެސް މާ މޮޅުވާނެއެވެ.

Share: