Hiyaalu
ޞިއްޙަތު·

ބޭސް ލިބޭތަ؟

މުޙައްމަދު ޖަލާލް ނަސީމް

ހަމަ ހުރެފައި ކަންކަން އެއް ދުވަހުން ހައްލު ނުވާނެކަންވެސް ދަންނަމެވެ. ނަމަވެސް އެކި ބަލިތަކަށް ބޭސް ހޯދާ މީހުން ތިން ހަތަރު މަސް ވަންދެން ގަނަތެޅެން ޖެހުން މިއީ ހަމަ އެކަނި އޮތްގޮތް ކަމުގައި ޤަބޫލުކުރާކަށްވެސް ބޭނުމެއް ނޫނެވެ. ސާފުކޮށްލަން ބޭނުމީ ސަރުކާރުން އެބުނާ ގޮތަށް މިހާރު ބޭސް ލިބޭތޯއެވެ.


ބޭސް ލިބުމުގައި ހުރި ދަތިތަކުގެ ޝަކުވާ އިންތިހާއަށް އިވޭތާ އެތައް މަހެއް ވެއްޖެއެވެ. ފަރުވާއަކަށް ސަރުކާރަށް ފެނުނީ އިތުރު ކުންފުންޏެއް އުފެއްދުމެވެ. އިތުރު މަޤާމުތަކެއް އުފެއްދުމެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅު ސްޓޭޓް ފާމަސުއިޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ ކުންފުންޏެއް އުފެއްދެވިއެވެ. މި އަހަރުގެ ޖޫން ޖުލައި ލައްވައިލިއިރު އެސްޓީއޯގެ ދަށުން ހިންގި 194 ފާމަސީއެއްވަނީ ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފައެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭސް ލިބުމުގައި ހުރި ދަތިތައް ކުރިއަށް އޮތް ދެތިންމަހެއްގެ ތެރޭގައި އެކީ ހައްލުވާނެކަމުގައެވެ. އެދެތިން މަސް ފާއިތުވެއްޖެއެވެ. އޭގެވެސް ކުރިން މިއަހަރުގެ މެއި މަހު ޕީއެސްއެމްގެ ނޭޝަން ޗެޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެމަހެއްގެ ތެރޭގައި މައްސަލަ ހައްލުވާނެކަމުގައެވެ. އެ ދެމަސް ފާއިތުވިތާ އެތައް ދުވަހެކެވެ.

ސްޓޭޓްފާމާ އުފެއްދުމުގެ މަޤުސަދަކަށްވީ ބޭސް އެތެރެކުރުމާއި ފޯރުކޮށްދިނުން މަރުކަޒީކުރުމެވެ. ލިބުން ދަތި ނަމަވެސް ބޭނުންވާ އެކި ވައްތަރުގެ ބޭސް ހޯދުމެވެ. ނަމަވެސް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު އަދިވެސް މައްސަލައަށް ހައްލެއް އައި ކަމަކަށް ނުފެނެއެވެ. ސަރުކާރުން ބުނަނީ މިހާރު މައްސަލަ ހައްލުވެއްޖެކަމުގައެވެ. މީސްމިޑިއާއިން އިވެނީ ބޭސް ނުލިބޭ ކަމުގެ ޝަކުވާގެ އަޑުތަކެވެ. މަގުތަކުން ފެންނަނީ އެއް ބޭސްފިހާރައިން އަނެއް ބޭސްފިހާރައިން ބޭސް ނުލިބިގެން މީހުން ހިނގާތަނެވެ.

ހަރަދުތައް ހާމަކޮށްފައި ނުވިނަމަވެސް، ހަަމަގައިމުވެސް އެސްޓީއޯގެ ދަށުން ބޭހާއި ގުޅޭ ހުރިހާ ކަމެއް އެހެން ކުންފުންޏަކަށް ބަދަލު ކުރަން ހަރަދުތަކެއް ހިނގާނެއެވެ. އިތުރު ވެރިންތަކެއް އައްޔަނުކޮށް، މުވައްޒަފުން ނަަގަން ހަރަދުތަކެއް ހިނގާނެއެވެ. މި މައުލޫމާތު ހޯދަން އަޅުގަނޑު، މައުލޫމާތު ލިބިގަތުމުގެ ހައްޤުގެ ދަށުން އާރްޓީއައި ލާނަމެވެ. ހަމަ ހުރެފައި ކަންކަން އެއް ދުވަހުން ހައްލު ނުވާނެކަންވެސް ދަންނަމެވެ. ނަމަވެސް އެކި ބަލިތަކަށް ބޭސް ހޯދާ މީހުން ތިން ހަތަރު މަސް ވަންދެން ގަނަތެޅެން ޖެހުން މިއީ ހަމަ އެކަނި އޮތްގޮތް ކަމުގައި ޤަބޫލުކުރާކަށްވެސް ބޭނުމެއް ނޫނެވެ. ސާފުކޮށްލަން ބޭނުމީ ސަރުކާރުން އެބުނާ ގޮތަށް މިހާރު ބޭސް ލިބޭތޯއެވެ.

Share: