Hiyaalu
ޞިއްޙަތު·

ބޭސް ނުލިބުމުގެ ޝަކުވާ އާއި އާސަންދައިން ކުރެވޭ އިސްރާފު

މުޙައްމަދު ޖަލާލް ނަސީމް

މި ޕޭޖުން ބޭސް ލިބޭތޯ ކޮށްލި ސުވާލަށް ލިބިފައި ހުރި ކޮމެންޓުތައް ހެއްކަކަށް ފުދެއެވެ. ކުޑަކުދިންގެ ބަލިތަކަށް ބޭނުންވާ ބޭހުން ފެށިގެން ކެންސަރު އަދި ކިޑްނީގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކަށް ބޭނުންވާ ބޭސްވެސް ނުލިބެނީއެވެ. ގިނަ ބަޔަކު ބުނެފައިވަނީ މީގެ ކުރިންވެސް ބޭސް ލިބުމުގައި ދަތި ކުރިމަތިވިނަމަވެސް މިވަރަށް ދަތި ނުވާކަމުގައެވެ. ސަރުކާރުން ވަނީ ޝަކުވާތައް ފުނި ޖެހުމުން އިތުރު ކުންފުންޏެއް އުފައްދާފައެވެ.


ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޅައިފިއެވެ. ނަމަވެސް ސިއްހީ ދާއިރާގެ ހާލަތު އަދިވެސް އޮތީ މާލެ ނައިސް ފަރުނުޖެހޭ ގޮތަށެވެ. ރަށު ހޮސްޕިޓަލުގައި ޑޮކްޓަރެއް ނުހުރެއެވެ. ބޭހެއް ނުލިބެއެވެ. އާލާތްތަކާއި މެޝިނުތަކެއް ނުހުރެއެވެ. ބޮޑެތި ބަލިތަކަށް ބޭސްކުރާ އެތައް ބަޔަކު މާލެ ހިޖުރަކޮށް ތޮއްޖެހިފައިވާ މާހައުލެއްގައި ދިރިއުޅެން ވަނީ މަޖުބޫރުވެފައެވެ. ރަށުގައި ދިރިއުޅޭ އާއިލާވެސް ޖެހެނީ ބޭސްފަރުވާއަށް، ދަތުރު ހަދާފައި މާލެއައިސް ދުވަހު ކުއްޔަށް ކޯޓަރިއެއް ހިފާށެވެ. ނުވަތަ އާއިލާ މީހެއްގެ ގެއިން ކޮޓަރިއެއްގައި ހުންނާށެވެ. ދިގު ވެއިޓިންގ ލިސްޓަކަށްފަހު ލިބޭ ފުރުސަތަށް ނާދެވިއްޖެނަމަ އަނެއްކާ އެތައް ދުވަހެއްގެ އިންތިޒާރެކެވެ. ޑޮކްޓަރު ކިއުގައި އެތައް އިރެއް ތިބެންޖެހެއެވެ. ޑޮކްޓަރަށް ދެއްކުމުން އަދި ނިމުނީކީ ނޫނެވެ. އެތައް ސްކޭނެއް ހަދަން ދުވަން ޖެހެއެވެ. ބޭސް ހޯދަން އެއް ފާމަސީއިން އަނެއް ފާމަސީއަށް ދުވަން ޖެހެއެވެ. ބޭސް ލިބޭތޯ އަޅުގަނޑު އަހާލި ސުވާލަށް މި ޕޭޖުގައި އެކަނިވެސް އެތައް ޝަކުވާއެއް މީހުން ބަންޑުންކޮށްލިއެވެ. މިކަންކަމާއި އަދި އަމިއްލަ މަސައްކަތުން ހޯދިފައިވާ އެތައް މައްސަލައެއް މި ލިޔުމުގައި ހިއްސާކޮށްލާނަމެވެ.

ބައެއްފަހަރު ބަލީގައި އެކި ފަހަރު މަތިން އެކި ޑޮކްޓަރުންނަށް ދައްކަން ޖެހެއެވެ. ދާ ކޮންމެ ފަހަރު ކުރިން ދެއްކި ޑޮކްޓަރު ދިން ބޭސް ސިޓީ އޮތަސް، ހަމަ އަނެއްކާ އެ ބޭސްތައް ނުވަތަ އޭގެ ތެރެއިން ބައެއް ހިމަނައިގެން އެބަ ދެއެވެ. ބޭސް ކާން ބުނި މުއްދަތުގެ ތެރޭގައި ބޭސް ހުސްވާން ކައިރިވެފައިވޭތޯ އަހާފައި ހުސްވާނަމަ ދިނުމަކުން މައްސަލައެއް ނެތެވެ. ނަމަވެސް ބޭސް ހުރިކަން އިނގިހުރެ، ހޮސްޕިޓަލުގެ ފާމަސީއިން އާސަންދަ މެދުވެރިކޮށް އިތުރު ފައިސާ ހޯދަން ހަމަ ބޭސް ގޯނި ގޯނި ނަގުވާ މަންޒަރު ފެނެއެވެ. ހޮސްޕިޓަލަށް ވަދެއްޖެނަމަ އާސަންދައިން ކަނޑާފައި ލޭގެ ޓެސްޓެއް ނަހަދުވާ ފަހަރެއްވެސް މަދެވެ. އިއްޔެ ހެދި ޓެސްޓުގެ ނަތީޖާ އޮތަސް ވަރިހަމައެވެ. ބޮޑު ބައްޔެއްގައި ސާޖަރީއަކަށް ހޮސްޕިޓަލުގައި ބޭއްވި މީހެކެވެ. ހަފްތާއަކަށް ވާވަރަށް އައިވީ އާއި އޭތި މީތި އާސަންދަ މެދުވެރިކޮށް ނަގުވާ ނަރުހުންނާއި ހަވާލުކުރުވިއެވެ. ތިން ދުވަސް ތެރޭގައި އެމީހާ ރަނގަޅުވެގެން ދޫކޮށްލައިފިއެވެ. ބާކީ ދެދުވަހަށް ވާވަރަށް ނެގުވި އައިވީ އާއި އިންޖެކްޝަންތަކަށް ހެދިގޮތެއް ނޭގެއެވެ. ހުސްވަންދެން ހުރިހާ އެއްޗެއް ގަޔަށް ޖަހާށެކޭ ނޫނެވެ. ނަމަވެސް އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން އާސަންދަ މެދުވެރިކޮށް ނަގާ ތަކެއްޗެވެ. އެވަރަށް އިސްރާފު ކުރާކަަށް ނުވާނެ ނޫންތޯއެވެ. އެ އުކާލުމަކީވެސް ގޯހެކެވެ. އެ އަބުރާ ފާމަސީއަށްލާ އަނެއްކާ އެހެން މީހެއްގެ އާސަންދައިން ކެނޑުމަކީ އެއް ބޭހަކަށް ދެފަހަރު ފައިސާ ނެގުމެވެ. ހަގީގަތުގައި މިކަމަށް މިހާރަށްވުރެ ދެފުށް ފެންނަ ނިޒާމެއް ބޭނުންވެއެވެ. ތިމާއަށް އަހަރުތެރޭ ކަނޑައެޅިފައިވާ މިންވަރާއި، އޭގެން އާސަންދައަށް ކެނޑުނު ވަރު ފެންނަން ޖެހޭނެއެވެ. އެއްކަލަ ހޮސްޕިޓަލާއި ހަވާލުކުރި ތަކެތީގެ ތެރެއިން ބޭނުންކުރަން ނުޖެހުނު ބަޔަށްވީ ގޮތް ސާފުވާން ޖެހެއެވެ. ހިލޭ ލިބޭ އާސަންދައަކީ ހިލެޔޭ ކިޔަސް ހަމަ ރައްޔިތުންގެ ފައިސާއެވެ.

ދެން އޮތީ އަދި މާބޮޑު މައްސަލައެކެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ އާސަންދައިގައި ތަފާތު ދަރަޖަތަކެއް ހުރުމެވެ. ފުލުހުންނާއި ސިފައިންނަށް ވަކި ގިންތިއެކެވެ. މަޖިލިސް މެމްބަރުންނަށް އަދި މާ ބޮޑު ގިންތިއެކެވެ. ނަމަވެސް ޓެކްސް ދައްކަނީ އެންމެންވެސް އެއް ހަމައަކުންނެވެ. އިތުރު އިންޝިއުރެންސް ބޭނުންވާ މީހާ އަމިއްލަ މުސާރައިން އެއަށް ހަރަދުކުރަންވީއެވެ. ރައްޔިތުންގެ ފައިސާއިން އެންމެނަށް ދޭ އެއްޗެއް ދޭން ވާނީ އެއް ހަމައަކުންނެވެ. ހަރަދު ކުޑަކުރެވި، އިސްރާފު ކުޑަކުރެވި އަދި ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނީ އޭރުންނެވެ.

އިހުނާއި ހިލާފަށް އަދު ބޭސް ނުލިބޭ ކަމުގެ ޝަކުވާ އޮތީ އިންތިހާއަށެވެ. އާސަންދަ ބާއްވާފައި ގަންނަންވެސް ނުލިބެނީއެވެ. ބޮޑެތި ބަލިތަކަށް ބޭސް ކުރާ އެތައް ބަޔަކުވެސް ކުރަނީ އެ ޝަކުވާއެވެ. މި ޕޭޖުން ބޭސް ލިބޭތޯ ކޮށްލި ސުވާލަށް ލިބިފައި ހުރި ކޮމެންޓުތައް ހެއްކަކަށް ފުދެއެވެ. ކުޑަކުދިންގެ ބަލިތަކަށް ބޭނުންވާ ބޭހުން ފެށިގެން ކެންސަރު އަދި ކިޑްނީގެ ބަލިތައް ފަދަ ބޮޑެތި ބަލިތަކަށް ބޭނުންވާ ބޭސްވެސް ނުލިބެނީއެވެ. ގިނަ ބަޔަކު ބުނެފައިވަނީ މީގެ ކުރިންވެސް ބޭސް ލިބުމުގައި ދަތި ކުރިމަތިވިނަމަވެސް މިވަރަށް ދަތި ނުވާކަމުގައެވެ. ސަރުކާރުން ވަނީ ޝަކުވާތައް ފުނި ޖެހުމުން އިތުރު ކުންފުންޏެއް އުފައްދާފައެވެ. ކުންފުނި އުފައްދާ މަޤާމުތަކަށް މީހުން އައްޔަނު ކުރަން ދިޔަ ހަރަދު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުންފުނި އުފެއްދުމަށް ފަހު ބޭސް ލިބުމުގެ ދަތި ހައްލުވާނެ ކަމަށް ރައީސް ދެފަހަރެއްގެ މަތިން ދެއްވި ދެ ތަރީހެއް ފަހަނައަޅައި ގޮސްފިއެވެ. އަދިވެސް ހައްލެއް ނުލިބެއެވެ. ބޭސް ފިހާރަތަކުގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ބެލޭނެ ނިޒާމުވެސް ދާދިފަހުން ސްޓޭޓްފާމާއިން ވަނީ ޤާއިމުކޮށްފައެވެ. އެހެންކަމުން މައްސަލަ އަދިވެސް ހައްލު ނުވާކަން މިހާރު ނޭގިއެއްވެސް ނުހުންނާނެއެވެ.

ބޭސް ލިބުން ދަތިވެގެން މި އުޅެނީ ކީއްވެކަމާއި، ބޭސް ލިބުމުގައި ހުރި މައްސަލަތައް ހައްލުކޮށް ބޭސް ލިބޭނެކަމަށް ރައީސް ދެއްވި ތާރީހުތައް ފަހަނައަޅައި ދިޔައިރުވެސް މައްސަލައަށް ހައްލެއް ނުލިބިވަނީ ކީއްވެތޯ ނުވަތަ ބޭސް ކުންފުންޏަށް މައްސަލަ ހައްލުކުރެވިއްޖެކަމަށް ޤަބޫލުކުރެވޭތޯ ބެލުމަށް އަޅުގަނޑު ވާނީ ސިއްހަތާއި ބެހޭ ވުޒާރާއަށް ލިޔުމުން އެދިފައެވެ. އަދި ސްޓޭޓްފާމާ ޤާއުމުކުރަން ދިޔަ ހަރަދު ބެލުމެއް ފިނޭންސަށް އަޅުގަނޑު ވާނީ ހުށަހަޅައިފައެވެ. އަލަށް ޤާއިމުކުރި ސްޓޭޓްފާމާ ކުންފުނި މައުލޫމާތު ހޯދަން އެދި ހުށަހަޅާ ލިސްޓުގައި އަދިވެސް ނެތެވެ. މިކަންވާނީ އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށްވެސް ފޮނުވާފައެވެ. ހަޤީޤަތުގައި މިފަދަ ކަންކަން ބަލައި ސަރުކާރުާއި ކަމާއި ގުޅޭ ފަރާތްތައް ޒިންމާދާރު ކުރުވަން ތިބެންޖެހޭނީ މަޖިލިސް މެމްބަރުންނެެވެ. ނަމަވެސް އެބޭފުޅުން އެއުޅީ އެމީހުންގެ އަގުބޮޑު ހެލްތް އިންސިއުރެންސް ދިފާއުކުރުމުގައެވެ. ހިތާމައަކީ އެއީ ހަމަ އަޅުގަނޑުމެންގެ ތެރެއިން މީހުން ވޯޓު ލައިގެން ހޮވި މެމްބަރުންނެވެ. ހުރިހާ ކަމެއް އެކީ އެއް ދުވަހުން ހައްލުވާނެއެކޭ ނޫނެވެ. ނަމަވެސް އަޅުގަނޑުމެން ޒިންމާދާރުކަމާއި އެކު ޒިންމާދާރު މެމްބަރުން މަޖިލީހަށް ހޮވަން ފެށި ދުވަހަކުން މިޤައުމުގެ ވަރަށް ގިނަ ކަންކަން ހަމަ މަގަށް އެޅެން ފަށާނެއެވެ. ބަދަލުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައެވެ.

Share: