ވޯޓު ވިއްކުން ހުއްޓާލައިފިނަމަ، ބޮޑު ބަދަލެއް މިޤައުމުން ފެންނާނެ
މުޙައްމަދު ޖަލާލް ނަސީމް
ކޮންމެ ކަމަކު ސިޔާސީ އެއްގެ ފައިބުޑަށް ތިރިވެ ދެއަތް އުފުލާ ކަންކަމުގައި ދަންނަވަން ޖެހޭ ބަޔަކަށް ދިވެހިން ވާކަށް ނުޖެހެއެވެ. ބޭސްފަރުވާ އަށް އެދެނީ މެމްބަރު އަރިހުންނެވެ. ވަޒީފާ އާއި އާމްދަނީއަށް އެދެނީ މެމްބަރު އަރިހުންނެވެ. ކަރަންޓް ބިލާއި ފެންބިލު ދައްކައިދޭން އެދެނީ މެމްބަރު އަރިހުންނެވެ. މުސީބާތްތަކުން މިންޖުވާން އެދެނީ މެމްބަރު އަރިހުންނެވެ. ދުލު ކުރީގައި ސަހާދަތުގެ ދެކަލި އިނަސް، އަމަލުން ރިޒްޤު ދެއްވާ ފަރާތް އޮޅި، ރިސްވަތުގެ ފާފައިން ގިނަ ބަޔަކު ވަނީ ތަޤައްޔަރުވެފައެވެ.
ދިމިޤްރާތީ ނިޒާމު މި ޤައުމުގެ ގޮނޑުދޮށަށް ބީއްސާލި އިރު އެއީ އަޅުގަނޑުމެނަށް އައު ނިޒާމެކެވެ. ނަތީޖާއަކަށްވީ ފުރަތަމަ ރައްޔިތުން ތަމްސީލުކުރަން މެމްބަރުން ހޮވަން ލިބުނު ފުރުސަތުގައި ގިނަ ބަޔަކު ވޯޓު ދިނީ ދެކެ ފަރިތަ މޫނުތަކަށެވެ. ގަދަ އަޑުތަކަށެވެ. ހޮވުނީ ފުޓުބޯޅާ ކުޅުންތެރިންނާއި، ލަވަ ކުޅޭ މީހުންނެވެ. ޤާނޫނު ހަދާ މަޖިލީހަށެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެއީ ބޮޑު މުސާރަދީފައި ޒުވާބު ކުރަން ބައިތިއްބާ ހޮޅުއަށްޓެއްކަމަށެވެ.
އެހެނެއް ނޫނެވެ. ޤާނޫނުތައް ދިރާސާ ކުރަނީ އެތަނުންނެވެ. ޤާނޫނުތައް ފަރުމާކޮށް ފާސްކުރަނީ އެތަނުންނެވެ. ރަށު ތަރައްޤީ އާއި ރައްޔިތުންނާއި ގުޅުންހުރި އެތައް ކަމެއްގެ ބަޖެޓު ފާސްކުރަނީ އެތަނުންނެވެ. އެ ބަޖެޓު ސަރުކާރުން ހިތުހުރި ގޮތަކަށް ބުރުއްސާލިޔަ ނުދީ ފާރަވެރިވަނީ ވެސް އެތަނުންނެވެ. ރައްޔިތުންނާއި ގުޅުންހުރި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަނީ އެތަނުންނެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ޒިންމާވެސް އޮންނަނީ އެތަނުގައެވެ. ނަމަވެސް ދިވެހިރާއްޖޭގައި މިކަން އޮތީ މިހެންތޯއެވެ.
ފިލްމު ކުޅޭ މީހުންނާއި ޖޯކަރުން މަޖިލީހަށް ހޮވާފައި ޤައުމުގެ ކަންކަން ގޯހުން ދިޔައީ ރައްޔިތުން ފެށީ ޝަކުވާ ކުރާށެވެ. ދެން ފެށީ ވޯޓު ވިއްކާށެވެ. ރިޝްވަތުގެ ފާފަ ހުއްދަވީއެވެ. ދަޅު ކޭހާއި ޖާޒީ ސެޓަށް ވޯޓު ވިއްކާފައި ގޮވަނީ ހާލަތުގެ ގޮތުން ވޯޓު ވިއްކަން މަޖުބޫރުވީކަމުގައެވެ. އަދު ބޮޑެތި ޑްރަގް ލޯޑުން ފަންޑު ކުރާ މީހުންނަށް ވޯޓު ވިއްކާފައި ގޮވަނީ ކުށްވެރިންނަށް ފިޔަވަޅު ނޭޅޭ ވާހަަކައެވެ. ތިމާގެ ދަރިންނަށް މަސްތުވާތަކެތި ވިއްކަން އުޅޭ ޑްރަގް ބޮޑުންވެސް ފައިސާ ބަހާނަމަ ވަރިހަމައެވެ. މަހުޖަނުންނަށް ވޯޓު ވިއްކާފައި ގޮވަނީ ޤައުމުގައި ކޮރަޕްޝަން ނުހުއްޓުވޭ ވާހަކައެވެ. ވޯޓު ވިއްކުމުގައި ހައްދުފަހަނައި ގޮސް ރޯދަމަހުގެ ފަހުދިހެއްގައިވެސް ރައްޔިތުންގެ އަޣުލަބިއްޔަތު ދުވީ ވޯޓު ވިއްކާށެވެ. މަޖިލީހަށް މީހުން ހޮވަނީ ގޭގެ ކަރަންޓުބިލު ދައްކައިދޭށާއި ބޭސް ސިޓީއަށް ބޭސް ހޯދާށެވެ. ދެން ޝަކުވާ ކުރަނީ ޤައުމުގެ ކަންކަން ގޯހުން ގޯހަށް ދާތީއެވެ. މިހާ ފީކަޅާ އުޅުމެއްގައި އުޅެނިކޮށް، ބޭރު މީހުން މި ޤައުމުގައި ވަޒަންވެރިވުމުގެ ބިރު މިވަނީ ހީވާންފަށާފައެވެ. ގިނަ ބަޔަކު ވަނީ ވޯޓު ވިއްކާފައި ނޭގޭ ކަމަށް ހެދިގެން ތިބޭށެވެ. ހެއްދެވި ފަރާތަށްވެސް މިމީހުން ހިތުން އޮޅުވާލެވެނޭއެވެ. ހެއްވާ ކަމަކީ ރައްޔިތުން ވޯޓު ވިއްކާފައި، ވެރިން ފައިސާ އާއި ހެދި ހޭބަލިވެ ޤައުމު ލޫޓުވާތީ ޝަކުވާ ކުރުމެވެ.
ޤަބޫލުކުރާ ހިތް އޮތީ މަދު ބަޔަކު ނަަމަވެސް ހާލަތު ބަދަލުކުރަން ބޭނުންވާނެ ކަމުގައެވެ. ކަމަކު ޖެހޭ ކޮންމެ ފަހަރަކު ސިޔާސީ އެއްގެ ބުޑުގައި ކުޑަކަކޫ ޖަހަންޖެހޭ ގޮތަށް ނިޒާމު ބައްޓަންވެފައި އޮތް އޮތުން ބަދަލު ކުރާށެވެ. އެބާރު އޮތީ ރައްޔިތުންގެ އަތުގައެވެ. އެއް ދުވަހުން، އެއް އިންތިހާބުން މުޅި ނިޒާމު ރަނގަޅު ކުރެވޭނެއެކޭ ނޫނެވެ. ނަމަވެސް ބަދަލުތަކެއް ފެންނާނީ ކުފޫ ހަމަވާ ބަޔަކު ތިމާމެން ތަމްސީލުކުރަން ހޮވައިގެންނެވެ. ރައްޔިތުން ވޯޓު ވިއްކަން ދެކޮޅު ހަދައިފިނަމަ، ވެރިންނަށް ދައުލަތު ތިޖޫރި ލޫޓުވަން ހަމަ ގައިމުވެސް ދަތިވާނެއެވެ. އެ ބަދަލު ގެނެއުމުގެ ބާރު އޮތީ ހަމަ ރައްޔިތުންގެ އަތުގައެވެ.
ކޮންމެ ކަމަކު ސިޔާސީ އެއްގެ ފައިބުޑަށް ތިރިވެ ދެއަތް އުފުލާ ކަންކަމުގައި ދަންނަވަން ޖެހޭ ބަޔަކަށް ދިވެހިން ވާކަށް ނުޖެހެއެވެ. ބޭސްފަރުވާ އަށް އެދެނީ މެމްބަރު އަރިހުންނެވެ. ވަޒީފާ އާއި އާމްދަނީއަށް އެދެނީ މެމްބަރު އަރިހުންނެވެ. ކަރަންޓް ބިލާއި ފެންބިލު ދައްކައިދޭން އެދެނީ މެމްބަރު އަރިހުންނެވެ. މުސީބާތްތަކުން މިންޖުވާން އެދެނީ މެމްބަރު އަރިހުންނެވެ. ދުލު ކުރީގައި ޝަހާދަތުގެ ދެކަލިމަ އިނަސް، އަމަލުން ރިޒްޤު ދެއްވާ ފަރާތް އޮޅި، ރިސްވަތުގެ ފާފައިން ގިނަ ބަޔަކު ވަނީ ތަޤައްޔަރުވެފައެވެ.

