ދިވެހިރާއްޖޭގެ މައި ދޮރާއްޓެވެ. އެންމެ ސަލާމަތީ އިންތިޒާމްތައް ވަރުގަދަ ވާންޖެހޭ އެއް ތަނެވެ. ރާއްޖޭގެ އެންމެ ބޮޑު އަދި މައި އެއާރޕޯޓެވެ. ބްރިޖް ހުރަސްކޮށް ހުޅުލެއަށް ވަދެވޭ މަގުގައި ފުލުހުންގެ ޗެކްޕޯސްޓެއް ހުރެއެވެ. އެދިމާލުން މަގުގެ ދެ ފެރާތުގައި ބެރިކޭޑް ހުރެއެވެ. ދުވެލި މަޑުކުރުވާށެވެ. މި ޗެކްޕޯސްޓާއި ބެރިކޭޑްތައް ދުވާލަކު 24 ގަޑިއިރު ޑިއުޓީ އަދާކުރެއެވެ. ވެހޭ ވާރޭއެއް ދޭ އައްވަޔަކަށް ނުބަލައެވެ. ޤައުމީ ޙިދުމަތުގައެވެ. ޔުނިފޯމް އެޅި ފުލުހެއް އެ ދިމާލުން ފެންނަނީ މަދު ފަހަރަކުއެވެ. ވަންނާނެ އުޅަދެއް ވަންނަންވީއެވެ. އެތައްފަހަރަކު ހުއްދަނެތި ވަދެގެން އުޅޭ އުޅަދުފަހަރު ތަނުގެ މުވައްޒަފުންނަށް ފާހަގަވެގެން ރިޕޯޓް ކުރުމުން ހިފަހައްޓައެވެ. ނަށޭހަތް ދީފައި ދޫކޮށްލައެވެ. އަނެއްކާވެސް ތަކުރާރުވެއެވެ. އާދެ، އެންމެ ސަލާމަތީ އިންތިޒާމްތައް ވަރުގަދަ ވާން ޖެހޭ އެއް ތަނެވެ.
ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެއް އުފައްދާ އިޢުލާން ކުރެވުނީ 22 ޑިސެންބަރު 1932 ގައެވެ. ރަދުން މިޤާނޫނު ދަޞްދީޤު ކުރެއްވުމާއިގުޅިގެން 29 މާރިޗު 1933 ގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ ޙިދުމަތް ތަޢާރަފުވެގެން ދިޔައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފާޒުގައި ހިމެނިފައިވަނީ ޖުމްލަ 120 މީހުންނެވެ. 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ފުލުހުން ރަށުތެރެ ބަލަހައްޓައި، ފޯރިމަރައި އުޅުނީ ފައިމަގުގައެވެ. އަމިއްލަ ބައިސްކަލެއް ހުރި މީހަކުނަމަ އެބައިސްކަލެއްގައި ނިކުމެ އުޅެއެވެ. ބައެއް ފަހަރަށް ފޯރިއަށް ހުންނަންޖެހޭތަނަށް ސިފައިންގެ ބަހުގައިވެސް ގެންގޮސްދީ ހަދައެވެ. ޓްރެފިކް ޕޮލިސް ހިދުމަތް ފެށިގެން އައީ، މާލޭގައި ޓްރެފިކްގެ ބާރުބޮޑުވެ، ޓްރެފިކްގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން 1 ޖެނުއަރީ 1999 ވަނަ އަހަރު ޓްރެފިކް ޕޮލިސްގެ ނަމުގައި ޔުނިޓެއް އުފެދިގެން ދިޔަ ހިސާބުންނެވެ. ޓްރެފިކް ބެލެހެއްޓުމަށް އެންމެ ފުރަތަމަ އުފެއްދި ޔުނިޓްގެ މަސައްކަތް 12 ފުލުހުންނާއެކު ފެއްޓެވިނަމަވެސް މިއަދު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ސްޓޭޝަންތައް އެބަހުއްޓެވެ. ޗެކްޕޯސްޓްތައް އެބަހުއްޓެވެ. ހިންގުމުގެ އޮނިގަނޑެއް އެބައޮތެވެ. ޤާނޫނުތަކެއް އެބަހުއްޓެވެ. ފުލުހުންނަށް ހާއްސަ ސައިކަލްތަކާއި ހަތަރު ފުރޮޅުލީ އުޅަދުތައް އެބަހުއްޓެވެ. ސްޕީޑް ގަން ފަދަ އާލާތްތައް އެބަހުއްޓެވެ. އެތައް ސަތޭކަ ފުލުހުންނެއް ހިދުމަތުގައި އެބަތިއްބެވެ. ނަމަވެސް ހިދުމަތުގެ ފެންވަރާއި މެދު އާންމުންގެ ޝަކުވާދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހިދުމަތަށް ކުރާ އިތުބާރު ދަށްވަމުންނެވެ.
ސްޓިކާރ ޖަހަންވީމައި ފުލުހުން ފުލުފުލުގައި ނުކުމެ އުޅެއެވެ. ބަރާބަރަށް ޒިންމާ އަދާކުރާތަން ފެނެއެވެ. ޕާކް ކުރާނެ ތަނެއް ދައްކާފައި ނޫނީ ސްޓިކާރ ޖަހާ ޖޫރިމަނާ ނުކުރާނެ ކަމަށް ބުނެ އައި ސަރުކާރުން، ވެރިކަމުގެ ފުރަތަމަ އަހަރު، 2019 ގެ މަހެއްގެ އެއް ހަފްތާގައި ސްޓިކާރ ޖަހައިގެން ރިކޯޑް އަދަދަކަށް ފައިސާ ހޯދާލިއެވެ. އެއީ ހަފްތާއެއްގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ. ސްޓިކާރ ޖަހައިގެން ދައުލަތަށް އާމްދަނީ ހޯދާކަމީ މިހާރު ދިވެހިންނަށް ނޭގި އޮންނާނެ ވާހަކައެއް ނޫނެވެ. ނަމަވެސް ފުރާނައަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑްގައި ދުއްވާ މީހުން ހަމަ ދުއްވަނީއެވެ. ހުއްޓުވޭ ގޮތެއް ނުވިއެވެ. އެކްސިޑެންޓެއް ވެގެން ގުޅައިގެން ފުލުހަކު ފެނި ނުލާ ބައި ގަނޑިއިރު އަދި އެއަށްވުރެ ގިނަ އިރު ވާ ފަހަރުވެސް އާދެއެވެ. އަޑުފަށްގަޑު ބާރުވާނެހެން މޮޑިފައިކޮށްގެން ދުއްވާ ސައިކަލްތައްވެސް ހަމަ ރަށުތެރޭ އުޅެނީއެވެ. ޕާކިން ޒޯންތަކުގައި ބަހައްޓާފައި ހުންނަ ވެހިކަލްތައް ހަލާކުކޮށްލާ މަޑިދަށުގައި ހުރި މުދާކޮޅު ނަގައިގެން ވަގުން ފިލަނީއެވެ. ސްކޫލް ނިމޭގަޑީގައި ޓްރެފިކް ނުބެލެހެއްޓި އެތައް އެކްސިޑެންޓެއް ހިގަނީއެވެ. ހާއްސަކޮށް މިފަހުން އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ބޮޑުތަކުރުފާނު މަގަށް ބަދަލު ކުރި ފަހުން އެ ސްކޫލް ނިމޭގަޑީގައި އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ވަނީ އިހްމާލްވެފައެވެ. ޓްރެފިކް ބަލަހައްޓަން ވަނީ ސީދާ އިންކާރުކޮށްފައެވެ.
ޓްރެފިކް އާއި ގުޅޭ ޖޫރިމަނާ ކުރުމުގެ މަޤްސަދަކަށް ޤާނޫނާއި ގަވާއިދުތަކުން ދޭހަވާން އޮތީ، މުޖުތަމައުގެ އެންމެންގެ ރައްކަލަކަށްޓަކައި ހެދިފައި ހުންނަ ގަވައިދުތަކާއި ޙިލާފަށް ކަންކަން ކުރުމާއި މީހުން ދުރުހެލިކުރުމެވެ. ނަމަވެސް މިއަދު ޖޫރިމަނާތަށް ވެފައިމިވަނީ ސަރުކާރަށް އާމްދަނީ ހޯދާ ވަސީލަތަކަށެވެ. މިކަމުގެ ސަބަބުން ސަރުކާރުން ޓްރެފިކް ބެލެހެއްޓުމަށް މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދެއެވެ. ބަލަނީ އެންމެ ގިނައިން ނަފާ ހޯދޭނެ ގޮތެކެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި އަދި ކެލިފޯނިއާ ފަދަ ސްޓޭޓްތަކުގައި މިހާރު އެތަނަތަނުގެ ކަމާއި ބެހޭ މުއައްސަސާތަށް ޓްރެފިކް ޖޫރިމަނާ އާމްދަނީގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ޤާނޫނީ ހައްލެއް ގެނެއުމުގެ ދިރާސާތައް ދަނީ ކުރަމުންނެވެ. އޮރެންޖް ކައުންޓީ ރެޖިސްޓަރ ގެ ދިރާސާއަކުންވެސް ވަނީ ޓްރެފިކް ޖޫރިމަނާތައް އާމްދަނީގެ ވަސީލަތެއްގެ ގޮތުގައި ދެކުމީ އާންމު ސަލާމަތައް ނުރައްކާވާ ކަމެއްކަމުގައި ދައްކާފައެވެ. އެއީ ޒިންމާދާރު މުއައްސާސަތަކުން އާންމު ސަލާމަތައް ދޭ އަހައްމިއްޔަތު ކުޑަވުމުގެ ސަބަބުންނާއި، ޖޫރިމަނާތައް ގިނަވުމުގެ ސަބަބުން އާންމުން އެއަށް ބަހައްޓާ ސަމާލުކަން ކުޑަވެ، އާޙިރުގައި ޓްރެފިކަށް ގަވާއިދުތަކަށް ހުރުމަށްތެރިކޮށް ހިތާ މިންވަރު ދަށްވާތީއެވެ.
ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު 2023 ވަނަ އަހަރު މިހާތަނަށް 958 އެކްސިޑެންޓް ވަނީ ރިޕޯޓްކުރެވިފައެވެ. 2022 ވަނަ އަހަރު އެ އަދަދު އުޅެނީ 1،616ގައެވެ. 2019 ވަނަ އަހަރު އެންމެ ހަފްތާއެއްގައިވެސް 50 އަށްވުރެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ. ސައިކަލް ވަގަށް ނެގުމުގެ މައްސަލަތައް އެހާގިނައެވެ. ޓްރެފިކް ފުލުހުންގެ އިތުރުން 2020 ވަނަ އަހަރު ވަނީ ނެއިބަރހުޑް ޕޮލިސްގެ ނަމުގައިވެސް ޙިދުމަތެއް ވަނީ ފަށާފައެވެ. މަޖީދީމަގު އެންމެ ބާރުބޮޑުވާ ހިސާބުތަކުގައި ފުލުހެއް ހުންނަ ފަހަރަކު ނާދޭ ބުނާހާވެސް މަދެވެ. ޕާކް ކުރާނެ ޖާގައެއް ނެތެވެ. އޮތް ޖާގައެއްގައި ޕާކް ކުރަނީ އެމީހަކު ހިތުހުރި ގޮތަކަށެވެ. ލޭނެއް، އޯވަޓޭކް ކުރަންވީ ފަޅިއެއް ބަލާލުމެއް ނެތެވެ. މަގު އަޅަނީ ފާރުގައި ހުންގާނު ކޭތޭހާ ކައިރިންނެވެ. ހިގާފަދާ މީހާގައިގައި ޖެހުނިއްޔާ ޖެހުނީއެވެ. އެމީހަކު ހިތުހުރި ގޮތަކަށް ދުއްވަންވީއެވެ. ޓްރެފިކް ފުލުހުން ފީލްޑަށް ނުނިކުމެ، ފިނި ކޮޓަރީގައި ތިބެން ޖަހާލަނީ އެތަން މިތާ ކޯނާއި ބެރިކޭޑެވެ. ދެގޮތެއް ނުވެ ކޯނާއި ބެރިކޭޑް ޙިދުމަތުގައި ތިބެއެވެ. އެހެންކަމުން އަސްލު އެއަށްވެސް މިހާރު މާ މުސާރަ ހައްޤެވެ.