މެޑިކަލް ނެގްލިޖެންސްގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނައިރު، ބައެއް ޑޮކްޓަރުން ދެކެނީ އެމީހުންނަކީ ޤާނޫނުތަކަށްވުރެ މަތީގައި ތިބި ބައެއް ކަމަށެވެ. މިގޮތުން މެޑިކަލް ނެގްލިޖެންސްގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ދިމާވި ފަރާތެއް ކިޔާދިން ގޮތުގައި، 2016 ވަނަ އަހަރު އޭނާގެ ބަނޑަށް ދަރިފުޅު މަރުވީ ވިހަން ވެގެން ހޮސްޕިޓަލުގައި އެޑުމިޓުކުރިތާ 3 ވަނަ ދުވަހުއެވެ. ދަރިފުޅުގެ ވިންދު ހުއްޓި ބަނޑަށް މަރުވީ ސިޒޭރިއަން ހެދުން ލަސްވެގެންނެވެ. ހެލްތް މިނިސްޓްރީއަށް މައްސަލަ ހުށަހެޅުމުން، ތަޙްޤީޤުތަކެއް ކުރިއެވެ. އޭގެ ރިޕޯޓުތައް ވެސް އާއިލާ އާއި ހިއްސާކުރިއެވެ. ރިޕޯޓަތަކުންވެސް މިކަމުގައި ހޮސްޕިޓަލުގެ އިހުމާލުވާކަން ފެންނަން އެބައޮތެވެ
އާއިލާއިން މައުލޫމާތު ދޭގޮތުގައި މިކަމުގައި އިހުމާލުވެފައިވަނީ އައި.ޖީ.އެމް.އެޗްގެ ލޭބަރ އިންޑަކްޝަން ޔުނިޓުގައި ފަރުވާ ދިނުމުގެ އުޅުނު ޑޮކްޓަރުންނާއި ނަރުހުންނެވެ. ދަރިފުޅު މަރުވި ހާދިސާގެ ލިޔެކިޔުންތައް ހޯދުމަށް އައި.ޖީ.އެމް.އެޗްގައި ތަކުރާރުކޮށް އާއިލާއިން އެދުނެވެ. ނަމަވެސް ނުދިނެވެ. އާއިލާއިން ބުނާގޮތުގައި، ޑރ.ނަޒީމް އާއި ބައްދަލުކުރުމުން ބުނީ “ލިޔެކިޔުންތަކެއް ނުލިބޭނެ، އާއިލާއިން ތި އުޅެނީ ހޮސްޕިޓަލާއި ޗެލެންޖް ކުރަންތަ؟” މިހެންނެވެ
މިއީ އިންސާނީ ޙިދުމަތުގައި ތިބި ކަމަށް ބުނާ ބައެއް ޑޮކްޓަރުންގެ ހާލަތެވެ. އިންސާނިއްޔަތުކަމެއް ހުރިނަމަ މިހެން ޖަވާބުދޭން ކެރޭނެތޯއެވެ. މިހާރު މި ހާދިސާއަށް 7 އަހަރު ވެގެން ދިޔައީއެވެ. އަދިވެސް ކަމުގައި އިހުމާލުވީ ފަރާތްތަކަށް އެޅުނު ފިޔަވަޅެއް ނެތެވެ. އާއިލާ އިން ވީ ކޯޓަށް ގޮސް އެތައް ވަގުތަކާއި ފައިސާއެއް ހޭދަކުރަންތޯއެވެ. އެއީ ވެސް ކޮންމެ ކޮންމެ މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. މިކަމަށް ހައްލެއް ގެނެވެން އޮތީ މެޑިކަލް ނެގްލިޖެންސް އާއި ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިގެންނެވެ