ދައުލަތުގެ ދަރަނީގެ ވާހަކަ އަބަދުވެސް ދެކެވެއެވެ. އިޤްތިސާދު އޮތް ނާޒުކު ހާލަތުގެ ވާހަކައެވެ. ޤައުމުތަކުގެ އިޤްތިސާދު ނާޒުކުވުމުން، އެދެނީ ބޭރުގެ ބޮޑެތި ބޭންކުތަކާއި، މުއްސަދި ޤައުމުތަކާއި އަދި އެކި ބައިނަލަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ އެހީއަށެވެ. ރައްޔިތުންގެ އިޤްތިސާދީ ހާލަތު ދަށްވުމުން އެނބުރެނީ ބޭންކުތަކާއި ރަހްމަތްތެރިންނާއި ދިމާލަށެވެ. އަދު ޤައުމު މިސްރާބު ހުރީ ރައްޔިތު މީހާ އަދަވަޅަކަށް ވެއްޓުމުން ނަގައި ދެވޭ ވަރަށް ވުރެ ބަނަ މިސްރާބަކަށެވެ. އިޖްތިމާއީ ފޭރާން ވީދި އަޙްލާގީ ފެންވަރު ދަށްވުމަކީ ނުސީދާގޮތެއްގައި އިޤްތިސާދަށް އަސަރުކުރާނެ ކަމެކެވެ. އާބާދީ އިތުރުވާ މިންވަރު ދަށްވެ، ބޮޑު ޒުވާން އާބާދީއެއް އެއްފަހަރާ މުސްކުޅިވެ، ކުޑަ ޒުވާން އާބާދީއަކުން ބޮޑު މުސްކުޅި އާބާދީއެއް ބަލަހައްޓަން ޖެހުން ވާނީ ސީދާ ގޮތުން އިޤްތިސާދަށް ނޭދެވޭ އަސަރު ކުރުވާނެ ކަމަކަށެވެ. ތައުލީމީ ސަނަދުތަކުގެ ފެންވަރު ދަށްވުމާއި، މާޤާމުތަކަށް ސަރުތު ހަމަނުވާ މީހުން އައްޔަންކުރުމުގެ ގެއްލުން އިޤްތިސާދާއި ޖުމްލަ ގޮތެއްގައި އަރައި ހަމަކުރާނެއެވެ. އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތާއި އެއްވަރަށް ފިރިހެން ދަރިން ތައުލީމީ ދާއިރާއިން އަދި ވަޒީފާގެ ބާޒާރުން ގެއްލިގެން ދާ ދިއުމަށް ހައްލު ނުހޯދައިފިނަމަ، އާއިލާތައް ރޫޅި، އިޤްތިސާދު އިތުރަށް ބިކަވާނެއެވެ.
މުސްކުޅުންނަށް ދޭ އިނާޔަތްތައް، އެކަނިވެރި މައިންނަށް ދޭ އިނާޔަތްތައް، ކަރަންޓާއި ފެނަށް ދޭ ސަބްސިޑީތައް، ހިލޭ ބޭސްފަރުވާ ކުރަންދޭ އާސަންދަ، ހިލޭ ސާބަހަށް ގެންގުޅޭ ކުށްވެރިންނަށް ކުރާ ހަރަދު، ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ސަރުކާރަކަށް ނުދެވޭނެއެވެ. އެ ވަރުގެ ޤާބިލް އާބާދީއެއް ނެތެވެ. ޓެކްސް އިތުރަށް ބޮޑުކުރުން، ސަބްސިޑީތައް ކަނޑާލުން، އެކި ނަން ނަމުގައި ފީތައް ނަގައިގެން ނޫނީ މާ ގިނަ ދުވަހަކަށް މިހެނެއް ނުހިފެހެއްޓޭނެއެވެ. އެހެންކަމުން ރައްޔިތު މީހާ ހުރި ހިސާބެއް ބަލާލަން، ޖީބަށް ނަޒަރު ހިންގާލުން މުހިންމެވެ.
ޤައުމުގެ އިޤްތިސާދީ ހާލަތު ދެނެގަތުމަށް ސަރުކާރުތަކުން އެ ޤައުމެއްގެ ގޭބިސީތަކުގެ ދަރަނި ހުރިވަރު ބަލާ ދިރާސާކުރެއެވެ. އަދި އިތުރު ޚަރަދު ކުރަން ގޭބިސީއަކަށް ބާކީވާނެ އާމްދަނީގެ އަންދާޒާ ކުރެއެވެ. މިނިވަން ވިޔަފާރިއަކަށް ހުޅުވާލެވިފައިވާ އިޤްތިސާދަކަށް ނުހަނު މުހިއްމު ކަމެކެވެ. ދަރަނީގެ ހާލަތު ބިނާވެގެންވަނީ ގޭބިސީތަކުގެ ލޯނާއި، މޯރގޭޖާއި، ކްރެޑިޓް ދަރަނީގެ މައްޗަށެވެ. ދަރަންޏަށް ނަގާފައިވާ އުޅަދާއި ފޯނުވެސް ހިމެނޭހެންނެވެ. ރަސްމީ ހިސާބުތަކުން ނުދެއްކި ނަމަވެސް، އާބާދީގެ ބޮޑު ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަނީ ގާތް މީހުންގެ އަތުންވެސް ލޯނު ނަގައިގެން މަހުން މަހަށް ކުރަން ޖެހޭ ޚަރަދު ހަމަޖެއްސުމަށް ކަމަށްވާއިރު، އަންދާޒާގައި އެއަށްވެސް އިންސައްތައެއް ހިމަނާނެއެވެ. ކަންމަތީ ފިހާރައަށް ދަރާފައިވާ މިންވަރުވެސް ހިމަނަންޖެހޭނެއެވެ. އެއީ ކުއްޔާއި ކަރަންޓާއި ފެން ބިލާއި، ފޯނު ބިލަށް އެވެރެޖްކޮށް ގޭބިސީއަކުން ދައްކަން ޖެހޭނެ ބައި ކަނޑާފައެވެ. އަދަދެއް ނުޖެހިޔަސް، އާބާދީގެ ބޮޑުބައެއް އޮތް ހާލަތު އަންދާޒާކޮށްލެވޭ ނޫންތޯއެވެ.
ގޭބިސީއެއް މަހެއްގެ މައްޗަށް ކުރާ ހޭދަ އުޅެނީ އެވެރެޖްކޮށް މާލޭގައި ނަމަ 37،000 ގައެވެ. އަތޮޅުތެރޭގައި ނަމަ 20،000 ގައެވެ. އެންމެ ބޮޑު އަދި އެންމެ ދަށް އަދަދުތަކުގެ ފަރަގުގެ ސަބަބުން އެވެރެޖަކުން އަސްލު މަންޒަރު ނުދައްކަފާނެއެވެ. “މީޑިއަން” ނުވަތަ މެދު އަދަދުން ދެކޮޅު ބަލާލީމައި މަންޒަރު މާ ސާފުވާނެއެވެ. މިގޮތުން ގޭބިސީއެއްގެ މަހެއްގެ މައްޗަށް ކުރާ ހޭދަ، މާލޭގައި ނަމަ، މެދު އަދަދު ހުރީ 35،000 ގައެވެ. މާނައަކީ %50 ގޭބިސީއިން ޚަރަދުކުރަނީ އެއަށްވުރެ ދަށުންނެވެ. އަތޮޅުތެރޭގައި ނަމަ ހުރީ 17،000 ގައެވެ. އެވަރެޖާއި މެދު އަދަދުގައި މާބޮޑު ފަރަގެއް ނެތެވެ. އެއީ ރާއްޖޭގައި މެދު ފަންތީގެ އާބާދީ ބޮޑުވީމައި، ބޮޑު އާބާދީގެ މެދުގައި ލިބޭ އާމްދަނީގެ ފަރަގު ކުޑަވީމައެވެ. އެއީ ޚަރަދުތަކެވެ. މަންޒަރު ބަނަވަނީ އެވެރެޖްކޮށް ލިބޭ އާމްދަނީއަށް ބަލާލުމުންނެވެ. އެވެރެޖްކޮށް މާލޭގެ ގޭބިސީއެއްގެ އާމްދަނީ އުޅެނީ 28،000 ގައެވެ. މާނައަކީ ގިނަ ގޭބިސީތަކަށް ދަރަނިވެރިނުވެ މަސް ނިމޭއިރު ދެކޮޅު ނުޖެހޭނެއެވެ.
ރާއްޖޭގައި ގިނަ ގޭބިސީތަކުގައި އަދިވެސް ދިރިއުޅެމުން އަންނަނީ ބޮޑު އާއިލާއެއް އެކީގައެވެ. ގިނަ ގެދޮރުވެރިކަމުގެ ސްކީމްތައް ފުރިހަމަވަމުން އަންނަވަރަކަށް އެ ވައްޓަފާޅި ދަނީ ބަދަލުވަމުންނެވެ. ނަމަވެސް އިޤްތިސާދަށް އޭގެން އިގުންވާވަރުގެ ބަދަލެއް އަދި ނާދެއެވެ. މާލޭގައި ނަމަ ޖުމްލަ ގޭބިސީތަކުގެ ތެރެއިން، ދެ މީހުން ދިރިއުޅޭ ހުރީ 9% ގޭބިސީއެވެ. ތިނެއް ނުވަތަ ހަތަރު މެމްބަރުން އުޅެނީ 35% ގޭބިސީގައެވެ. ފަހެއް ނުވަތަ ހަތް މެމްބަރުން އުޅެނީ 38% ގޭބިސީގައެވެ. ހަތް މެމްބަރުންނަށްވުރެ ގިނައިން އުޅެނީ 15% ގޭބިސީގައެވެ. އަތޮޅުތެރޭގައި ނަމަ 10% ގޭބިސީގައި އުޅެނީ ދެ މެމްބަރުންނެވެ. %31 ގޭބިސީގައި އުޅެނީ ތިނެއް ނުވަތަ ހަތަރު މެމްބަރުންނެވެ. %33 ގޭބިސީގައި ހަތަރެއް ނުވަތަ ފަސް މެމްބަރުން އުޅެއެވެ. %19 ގޭބިސީގައި ހަތް މެމްބަރުންނަށް ވުރެ ގިނައިން އުޅެއެވެ.
ދެ މީހުން ނުވަތަ ތިން މީހުން އުޅޭ ގޭބިސީތަކުގެ އެވެރެޖް ޚަރަދު ހުރީ މަހެއްގެ މައްޗަށް 11،100ގައެވެ. ހަ މީހުންނާއި އެއަށްވުރެ ގިނަ މީހުން އުޅޭ ގޭބިސީތަކުގެ ޚަރަދު ހުރީ 37،200ގައެވެ. ބޮޑު އިންސައްތައެއް ހިއްސާކުރަނީ ކުއްޔެވެ. ނަމަވެސް ކުލީގެ ޚަރަދު ކަނޑާފައި ބަލާނަމަ، ގިނަ މީހުން އުޅޭ ގޭބިސީތަކުގައި، ގިނަ ބޮލަށް ޚަރަދު ބަހާލުމުން، މީހަކު ކުރަން ޖެހޭ ޚަރަދު ކުޑަވެއެވެ. އެވެރެޖް ގޮތެއްގައި މާލޭގައި ދިރިއުޅޭ މީހަކު މަހެއްގެ މައްޗަށް ޚަރަދުކުރަނީ 7،100 އެވެ. މެދު އަދަދަށް ބަލާނަމަ 6،400 އެވެ. އަތޮޅު ތެރޭގައި ނަމަ އެވެރެޖްކޮށް މަހެއްގެ މައްޗަށް 3،800 އެވެ. މެދު އަދަދުން ބަލާނަމަ 3،400 އެވެ. ހަތަރު ފަންތިއަކަށް ބަހާލައިގެން ޙަރަދުކުރާ މިންވަރު ބަލާއިރު، އެންމެ މުއްސަދި އަދި އެންމެ ފަގީރުންގެ އަދަދުތައް އެއްފަރާތްކޮށް ބަލާލުމުން، ފުދިގެން އަދި ކިރިޔާ ފުދިގެން އުޅޭ މީހުން ޚަރަދު ކުރާ މިންވަރުގައި މާ ބޮޑު ފަރަގެއް ނެތެވެ. އެއް ގޮތަކީ އިޤްތިސާދުގައި، ކިރިޔާ ފުދިގެން އުޅޭ މީހުންނަށް އެދެވޭ އަގެއްގައި ވިއްކޭ އޮޕްޝަންތައް މަދީއެވެ. އަނެއް ގޮތަކީ ގިނަ ބަޔަކު ލިބޭ އާމްދަނީއާއި ނުބައްދަލު މުއްސަދި ދިރިއުޅުމަށް ލޯބިކުރަނީއެވެ. ނަތީއަކީ ކިރިޔާ ފުދިގެން އުޅޭ މީހުން، ފުދިގެން އުޅޭ މީހުންގެ ފަންތިއަށް، އަދި ފުދިގެން އުޅޭ މީހުން މުއްސަދިންގެ ފަންތިއަށް، އެރޭނެ މިންވަރު ދަށްވުމެވެ. އަދި ބޮޑު ކާރިސާއަކާއި އެކު އިޤްތިސާދަށް އަންނަ ލޮޅުމަކުން، ކުއްލިއަކަށް ފަގީރުންގެ ފަންތިއަށް އެތައް ބަޔަކު ކައްސައިލަގެން ދިޔުމުގެ ފުރުސަތު ބޮޑުވުމެވެ.
ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާލާއިރު، އެންމެ ބޮޑު ހިއްސާއެއް (%26) ނަގަނީ ކުއްޔާއި، ގޭހާއި، ފެނާ ކަރަންޓު ފަދަ ޒަރޫރީ ޚަރަދުތަކެވެ. ދެވަނައަށް (%23) ހިއްސާކުރަނީ ކެއިން ބުއިމުގެ ޚަރަދެވެ. އާމްދަނީގެ ގާތްގަނޑަކަށް %50 އެ ދިޔައީއެވެ. ރެސްޓޯރެންޓް އަދި ކެފޭތަކަށް ކުރާ ހޭދަ އުޅެނީ އާމްދަނީގެ %6 ގައެވެ. ރީތިވާ ސާމާނު ގަތުމާއި އެފަދަ އެހެނިހެން ޚަރަދު އާމްދަނީގެ %5 ހިއްސާކުރެއެވެ. ތަޢުލީމަށް އާމްދަނީގެ %4 އަދި ސިއްހަތަށް %3 އެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެއްޗަށް %2 އެވެ. އަންނައުނަށް %4 އެވެ. މިއީ ހުސް އެވެރެޖެވެ. ބޮޑު ބައްޔަކަށް ފަރުވާ ކުރަމުން ދާ މީހާ ބޭސްފަރުވާއަށް އާމްދަނީގެ ބޮޑު ބައެއް ހޭދަކުރާނެއެވެ. ދުވާލަކު ސިގިރޭޓު ކާރޓަނެއް ހުސްކޮށްލާ މީހަކު ދުންފަތައް ކުރާ ހޭދަ ބޮޑުވާނެވެ. އަދި ގޭގައި ކައްކާފައި ހުއްޓަސް ބޭރުން ނޫނީ ނުކެވޭ މީހަކު ރެސްޓޯރެންޓް ކެފޭތަކަށް ކުރާ ހޭދަ އިތުރުވާނެއެވެ.
ޖުމްލަ ގޮތެއްގައި ކުއްޔަކީ އެންމެ ބޮޑު ޚަރަދެވެ. މާލޭގައި ނަމަ %74 އުޅެނީ ކުއްޔަށެވެ. އަތޮޅުތެރޭގައި ނަމަ %5 އެވެ. މާލޭގައި ގޭބިސީއަކުން ކުލީގެ ގޮތުގައި އެވެރެޖްކޮށް 13،500 ޚަރަދުކުރާއިރު، މީހަކު އެވެރެޖްކޮށް ޚަރަދު ކުރަނީ 3،100 އެވެ. އަތޮޅު ތެރޭގައި ނަމަ ގޭބިސީއަކުން އެވެރެޖްކޮށް 2،600 ޙަރަދުކުރާއިރު، މީހަކު އެވެރެޖްކޮށް 1،400 އެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން އޮތް އެންމެ ބޮޑު ހުރަހަކީ މިއެވެ. އާބާދީ އެއް ސަރަހައްދަކަށް ޖަމާކުރުމުގެ ސިޔާސަތަކާއި އެކު އައި ގޮންޖެހުމެކެވެ. ނަމަވެސް އައު ގެދޮރުވެރިކަމުގެ މަސްރޫއުތަކާއި އެކު ކުޑަ ތަސައްލީއެއް ލިބޭނެކަމުގެ އުއްމީދު އެބައޮތެވެ.