މަޖިލިސް މެމްބަރެއްގެ މުސާރަ 1990ގެ އަހަރުތަކުގައި ހުރީ 2،000ރ އާއި 2،600ރ އާއިދެމެދުއެވެ. 1999 ވަނަ އަހަރު މުސާރު 4،700ރ އަށް ބޮޑުވެގެން ދިޔައެވެ. އެއަށްފަހު 2004 ވަނަ އަަހަރު 7،200ރ އަށް ބޮޑުވިއެވެ. 2006 ވަނަ އަހަރު 19،000ރ އަށް ބޮޑުވިއެވެ. ދެން އައީ ކުއްލި ބޮޑު ބަދަލެކެވެ. 2008 ވަނަ އަހަރު މެމްބަރެއްގެ މުސާރަ 60،000ރ އަށް މައްޗަށް އަރައިގެން ދިޔައެވެ. އަދި 2011 ވަނަ އަހަރު 80،000ރ އަށް ވުރެ މަތިވެގެން ދިޔައެވެ. މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވަމުން ދިޔުމާއި، މެމްބަރުންނާއި މެމްބަރުންގެ އާއިލާތަކަށް ލިބޭ އެކި ސިއްހީ އިންސިއުރެންސް ޕެކޭޖްތަކާާއި، މަޖިލިސް މާލަމުގެ ކެއުމާއި ބުއިމަށް ކުރާ ހޭދަ ހިމަނައިގެން ބަލާނަމަ މިއީ ޤައުމަށް މާލީގޮތުން އުފުލަން ޖެހިފައިވާ ބޮޑު ބުރައެކެވެ
މަޖިލިސް މެމްބަރެއްގެ އެންމެ ބޮޑު ޒިންމާއަކީ ތަންފީޒު ކުރެވޭނެ ޤާނޫނުތަކެއް ހެދުމެވެ. މެމްބަރުން ދާއިރާތައް ތަމްސީލު ކުރަނީ އެ ޤާނޫނަކާއި ގުޅިގެން، އެ މެމްބަރެެއް ތަމްސީލުކުރާ ދާއިރާއެއްގެ ރައްޔިތުންނަށް ކުރާނެ އަސަރުބަލާ، އެ ރައްޔިތުންގެ އަޑު އިއްވުމަށެވެ. ޤާނޫނީ ބިލެއްގެ މަަސްކަތްކުރާއިރު، ތަޅުމުގައި ކުރެވޭ ބަހުސްތަކަކީ ދިރާސާކުރެވިގެން، ދާއިރާގެ ރައްޔިތުންގެ ބަސް ހިމެނިގެން ކުރެވޭ ބަހުސްއަކަށް ވާންޖެހެއެވެ. މި މަންޒަރެއް ރާއްޖެއަކުން ނުފެނެއެވެ. ދާއިރާއާއި ގުޅުން ކުޑައިރު، ދިރާސާއެއް ކޮށްލާނެ ފެންވަރު ހުރީ މަދު މެމްބަރެއްގެއެވެ. ތަޅުމުގައި ކުރެވޭ ބަހުސްގެ އިތުރުން، ތަޅުމަށް ފޮނުވުމުގެ ކުރިން، ބިލް ދިރާސާކޮށް އުނިއިތުރާއި އެކު ވީހާވެސް ފުރިހަމައަށް ތަޅުމަށް ހުށަހަޅަން ކޮމެޓީތަކަށް ފޮނުވައެވެ. އެހެންކަމުން ކޮމެޓީގެ މަސައްކަތަކީ މަޖިލިސް މެމްބަރެއްގެ މަސައްކަތުން އެއްބައެވެ. ނަމަވެސް ކޮމެޓީ މަސައްކަތަށް އަދި އިތުރު އެލަވެންސެއް ނަގައެވެ. އެލަވަންސްތަކާއިއެކު މެމްބަރަކު މުސާރައިގެ ގޮތުގައި މަހަކު 100،000ރ ވުރެ ގިނައިން ގެއަށް ގެންދާނެއެވެ
މުސާރަ ކުޑަކޮށްފިނަމަ މިހާރު ކުރިމަތިލައިގެން މިއުޅޭ ކެންޑިޑޭޓުންގެ ތެރެއިން ކިތައް ކެންޑިޑޭޓުން ރައްޔިތުންނަށްޓަކައި ކުރިމަތިލާނެބާއެވެ. މުސާރަ ކުޑަކުރަން ކިތައް ކެންޑިޑޭޓުން ވަކާލާތު ކުރޭބާވައެވެ. ތިޔަ ދާއިރާއިން ކުރިމަތިލާ ކެންޑީޑޭޓާއި މިކަމާމެދު ސުވާލުކުރާށެވެ