އެމެރިކާގެ އިކޮނޮމިސްޓެއް ކަމުގައިވާ ސައިމަން ކުޒްނެޓްގެ ބަސްކޮޅެއްގައި ވެއެވެ. ދުނިޔޭގައި ވަނީ 4 ބާވަތެއްގެ އިގްތިސާދެކެވެ. އެއީ ކުރިއަރާފައިވާ ޤައުމުތަކާއި، ކުރިއަރަމުން އަންނަ ޤައުމުތަކާއި، ޖަޕާނާއި އާޖެންޓީނާއެވެ. ޖަޕާނާއި އާޖެންޓީނާގެ އިޤްތިސާދީ ތާރީހާއި އިގްތިސާދް ބައްޓަންވެފައިވާ ގޮތް އެހެން ޤައުމުތަކާއި ހުރި ތަފާތުކަމުންނެވެ. ސައިމަން އަށް އަދު ރާއްޖޭގައި ހިގަމުން މިދާ ކަންކަން ފެންނަނަމަ ދުނިޔޭގައި 5 ވަނަ ބާވަތެއްގެ އިޤްތިސާދެއް ވާކަމުގައި ދަންނަވާ އެއީ ދިވެހިރާއްޖެ ކަމުގައި ހާމަކުރެއްވީސް ކަންނޭގެއެވެ.
ދުވަސްކޮޅެއް ކުރިން ޓީމް ސޯލިހް ނަމުގައި ޓްވިޓަރގައި ހިންގަމުންދާ އެކައުންޓުން ރައީސް ސޯލިހް ޕްރޮމޯޓްކުރުމަށް ކުރި ޓްވީޓެއްގައި ފާހަގަކޮށްފައިވާ ގޮތުން ރައީސް ސޯލިހް އިގްތިސާދީ ކަންކަމުގައި ގެންގުޅުއްވަނީ ކޭނިޝިއަން ތިއަރީގެ ޕޮލިސީތަކެވެ. ތަފްސީލަކަށް ނުގޮސް ދަންނަވާނަމަ މި ތިއަރީގެ އެއް އަސާސަކީ ރައްޔިތުންނަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށް މަރކެޓްގެ ރޭޓްތައް އެއްވަރެއްގައި ހިފަހައްޓާލައިފިނަމަ އިޤްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރެވިދާނެކަމުގައެވެ. އެހެންކަމުން ރައީސް ސޯލިހް ގެންގުޅުއްވަނީ މި ތިއަރީ ކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. މަޑުން އިން ގުރާ ބާރަށް ދައިގަންނަން މިގެންގުޅުއްވަނީ މުޅިން އައު އިޤްތިސާދީ ތިއަރީއެކެވެ. އެހެނީ ފެންނަނީ ސިޔާސީ މަގާމުތަކަށް މެޓާ ބެހުން އިތުރުކޮށް، ރައްޔިތުން ކައިރީ ޙަރަދު ކުޑަކުރަން ބުނެފައި، މެޖިކް ކާޕެޓްގައި ދުނިޔެ ވަށާ ބުރު ޖަހާތަނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރު ނިންމަވާލެއްވިއިރު ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 700ގައެވެ. އޭރު އިދިކޮޅުގައި ތިއްބެވި ރައީސް ސޯލިހް އާއި އެމް.ޑީ.ޕީ އިން ދިޔައީ މިއަދަދު ބޮޑުވެގެން ކަރުތާ ފެނަށް އެރި ކުޑަދޫ ދުޅަވަންދެން ކޮންމެ ދުވަހަކު ހަޅޭއްލަވަމުންނެވެ. މަންޒަރު ފެނެނު ގިނަ ރައްޔިތުން ލޮލުން ކަރުނަ ހިލި ސޯލިހް ވެރިކަމެއްގައި ސިޔާސީ މަގާމު މަދުވާނެ ކަމަށް ގަބޫލުކުރިއެވެ. ޖަޒުބާތުގައި ޖެހުނީއެވެ. ނަމަވެސް 2019 ގައި ސިޔާސީ މަގާމުތަކުގެ އަދަދު 700 އިން މައްޗައް ދިޔައެވެ. ވެރިކަމަށް އަހަރެއް ނުވެއެވެ. 2021 ނިމުނު އިރު ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 967 ގައެވެ. 2022 ވަނަ އަހަރު ފެށުނު އިރު މި އަދަދު ހުރީ 1045ގައެވެ. ޙަރަދަށް 2022ގެ ބަޖެޓްގައި 407.6 މިލިއަން ރުފިޔާ ސިޔާސީ މަގާމުތަކުގެ މުސާރައަށް ކަޑައަޅާފައިވާއިރު، ރައްޔިތުން ޖޫރިމަނާކޮށްގެން މީގެ ދެބައިކޮޅު އެއްބައި ސަރުކާރުން ފޫބައްދައެވެ. މިގޮތުން 2019 އަދި 2021 ގައި ވަނީ ރައްޔިތުން ޖޫރިމަނާކޮށްގެން 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ. މީސް މީހުންގެ މަރު ސިޔާސީކޮށްގެން، ރައްޔިތުން ޖަޒުބާތުގައި ޖައްސައިގެން ވެރިކަމަށް އައިސް ރަނގަޅަށް ވެސް ރައްޔިތުން ފެލާލައިފިނޫންތޯއެވެ. ޕާކް ކުރާނެ ތަން ނުދައްކައި ޖޫރިމަނާ ނުކުރާނެކަމަށް ވީ ވައުދު ކެންސަލްއެވެ.
އަދި މެޖިކް ކާޕެޓްގައި ވެރިން ކުރައްވާ ދަތުރުތައް އޮތީއެވެ. 2019 ވަނަ އަހަރު ދަތުރުތަކަށް 200 މިލިއަނަށް ވުރެ ގިނައިން ޙަރަދު ކުރި އިރު ކޮވިޑްއާއި ގުޅިގެން އެތައް ޤައުމެއްގެ ބޯޑަރު ބަންދުކޮށް އެތައް އެއަރލައިނެއް ދަތުރުތައް ހުއްޓާލިއިރުވެސް މެޖިކް ކާޕެޓް ދިޔައީ ހަމަ ކުރިއަށެވެ. މިގޮތުން 2020 ވަނަ އަހަރުވެސް ދަތުރުތަކަށް 140 މިލިއަނަށް ވުރެ ގިނައިން ޙަރަދުކޮށްފައިވެއެވެ. ބައެއް ވަޒީރުން ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުގައި ފަރިއްކޮޅަށް އެކަނި އަރާ ޙަރަދު އެގިއްޖެނަމަ އަރަބި މަހުޖަނު ސޭޙުންނަށްވެސް އެބުރުން އަރާ ވަރުވާނެއެވެ.
ސޮވެރިން ގެރެންޓީ ހިމަނައިގެން 2019 ވަނަ އަހަރު ސަރުކާރުގެ ދަރަނި ހުރީ 50 ބިލިއަނަށްވުރެ މަތީގައެވެ. 2020 ވަނަ އަހަރު ވަރަށް މަސައްކަތުން 80 ބިލިއަން ފަހަނައެޅިއެވެ. ވެރިކަމަށް ނާދެވިގެން އުޅުނު އިރު ޗާބި ދީފައިވާ ބުދެއްހެން ދަރިންގެ ދަރިންނަށް ދަރަނި ކިޔަމުން އައިސް 2021 ވަނަ އަހަރު ނިމުނުއިރު 100 ބިލިއަނާ ދަރަނި ގާތްކޮށްލިއެވެ. 2022 ވަނަ އަހަރު ރިކޯޑް ގާއިމްކޮށް 100 ބިލިއަންގެ ސީލންގ ވަނީ ފޫއަޅުވާލާފައެވެ.
ހުރިހާކަމެއްވެސް ސޯލިހް ތިއަރީގައި އަޅުވަނީ ކޮވިޑް ބޮލުގައެވެ. މުލިއާގޭގައި ވެރިކަމުގައި އިންނެވީ ކޮވިޑް 19 އޭ ބައެއް ފަހަރު ހީވާ ވަރަށެވެ. ވޯލްޑް ބޭންކުން 2020 ވަނަ އަހަރު ޖެނުއަރީގައި ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވަނީ 2019ގައި ވެސް ރާއްޖޭގެ އިޤްތިސާދު ދިޔައީ ދަށަށެވެ. ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ ޕްރޮޖެކްޓްތައް ސޯލިހް ސްޕީޑްގައި ކުރިއަށް ދިޔުމެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ފޮޓޯގަޑެއްހެން ހުއްޓިފައި ހުރުމެވެ. ރައްޔިތުންނަށް ފެނުނީ ގާތް މީހުންނަށް ބަދަލުގެ ގޮތުގައި އުފަން ދުވަހު ކްލާހުގައި މެޓާ ބަހާހެން ދައުލަތުގެ ފައިސާތައް ބަހާލިތަނެވެ. އެހްންކަމުން އެއްގޮތަކީ ރައީސް ސޯލިހް އިތުރުފުޅު ހައްދަވަނީއެވެ، ނުވަތަ ދުނިޔޭގެ އެއްވެސް އެހްން ޤައުމަކަށް ވުރެ ކުރިން ރައްޖޭގައި ކޮވިޑް އޮތީއެވެ. އަޅުގަނޑަށް ގަބޫލު ކުރެވެނީ ރައީސް ސޯލިހް މުޅިން އައު އިޤްތިސާދީ ތިއަރީ އެއް އީޖާދުކުރެއްވީ ކަމުގައެވެ. ކޭނިޝިއަން ތިއަރީ އާއި ވަރަށް ތަފާތެވެ. ކެވުނު ވަރަކަށް ކައި ތިއަރީއެވެ.