ސިހުރާއި ފަންޑިތައިގެ ވާހަކަތަކަކީ ނުހަނު ސައުޤުވެރިކަމާއި އެކު މީހުން އަޑުއަހާ ވާހަކަތަކެކެވެ. މިފަދަ ބައެއް ވާހަކަތަކަކީ ބަޔަކު ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ނަމަވެސް އަނެއްބައި ވާހަކަތަކަކީ ހަޤީޤީ ހާދިސާތަކެކެވެ. އެތައް ބަޔަކަށް އޭގެ ހިތާމައާއި އަނިޔާ ލިބުނު ހާދިސާތަކެކެވެ. އެފަދަ ކަމަކާއި ދިމާނުވާ މީހަކަށް، ސިހުރާއި ފަންޑިތައިގެ ވާހަކަތަކަކީ ވަރަށް ކުރީގެ ކަމެކޭ ހީވެދާނެއެވެ. މަދުންނަމަވެސް ސިހުރާއި ފަންޑިތައިގެ އަސަރު ގަބޫލު ނުކުރާ ޒުވާނުން މިހާރު ރާއްޖޭގައިވެސް އުޅެއެވެ. ނަމަވެސް މީގެ އަނެއް ފަޅިއަށްވެސް ބަލާލަންޖެހެއެވެ. މިއީ ހަމައެކަނި ކުރީގެ މުސްކުޅިން ކޮށް އުޅުނު ކަމެއްނަމަ މިކަން އަދިވެސް މިހާ އާންމުވެފައެއެް ނޯއްނާނެއެވެ. އެކަމުގެ އަސަރާއި އަނިޔާ ތަހައްމަލް ކުރަމުންދާ އާއިލާތައް އެހާ ގިނައެއް ނުވީހެއެވެ. ހަޤީޤަތަކީ ޒުވާނުންގެ ތެރެއިންވެސް އެތައް ބަޔަކު މިކަން ކުރިންކޮށް އުޅުނު މީހުން ކައިރިން ދަސްވެނިވެގެން މި ސަޤާފަތް ކުރިއަށް ގެންދާކަމެވެ. ނެތިގެން ނުދިޔަ ނުބައި ކަމެކެވެ
ބައެއް މީހުން ފަންޑިތަ ހަދަނީ އެއީ ބަޔަކަށް މަންފާ ކޮށްދޭން ކުރާ ކަމެއްގެ ބަހަނާގައެވެ. އަހަރުމެން ބަޔަކަށް ގެއްލުމެއް ދޭފަދަ އެއްވެސް ސިހުރެއް ނުހަދަންކަމުގައި އެމީހުން ބުނެއެވެ. ނަމަވެސް ހަޤީޤަތަކީ ބަޔަކަށް ގެއްލުމެއް ދިނުމަށްވެސް އަދި ފައިދާއެއް ހޯދައިދޭންވެސް ޖިންނި ޝައިތޯނުންގެ މަދަދު ހޯދުމީ ދީނުގައި ހަރާމް ކަމެކެވެ. ދެމީހަކު ގުޅުވަން، ދެމަފިރިން ވަރިކުރުވަން، ގެއެއްގެ ކުދިބައެއްގެ ކިޔެވުން ހަލާކުކޮށްލަން، ދެމަފިރިންނަށް ދަރިން ނުލެބޭގޮތަށް ހަދަން، ގޯތި ފަޅުކޮށްލަން އަދި އެކި މީސްމީހުންގެ ފުރާނަ ދުއްވާލަންވެސް ސިހުރު ހަދައެވެ. އެތައް އަހަރަކު ރުޤްޔާކޮށް، މިފަދަ ސިހުރުގެ ވޭނުގައި އުޅެން ޖެހުނު އާއިލާތައް ރާއްޖޭގައި ބައިވަރެވެ. ރުޤްޔާކުރުމުގެ ނަމުގައި ސިހުރުހަދާ، އެމީހުންގެ ވިޔަފާރިއަށް ޑިމާންޑް އިތުރުކުރަން މަސައްކަތް ކުރާ މީހުންވެސްް އުޅެއެވެ. އާދެ، ހަމަ އެހާވެސް ނުލަފާމީހުން އުޅެއެވެ. ކޮންމެ އިންތިޙާބަކާއި ދިމާކޮށް އިންތިހާބު ކާމިޔާބުކުރަން އެވެނި މިވެނި ބަޔަކު ސިހުރުހެދިޔާ ކިޔާ އަޑުވެސް ރަށުތެރޭ ގަދަވޭތާއެވެ. މިފަދަ ބައެއް ހާދިސާތަކަށް ބަލާލާނަމެވެ
ށ.ފޮނަދޫއިން މިއަހަރު މެއި މަހު ވަނީ 60 އަހަރުގެ ފިރިހަނަކު ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އެ ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އެ މީހާ ސިހުރު ހަދަން މަސައްކަތްކޮށްފައިވަނީ ދާދި ފަހުން އެ ދާއިރާއިން މަޖިލިސް ގޮނޑި ކާމިޔާބުކުރި މެމްބަރަށެވެ. އުމުރު އެ ހުސްވަނީ ކިހާ ބޮޑު ފާފައެއްގައި ތޯއެވެ. ނަމަވެސް އެ ރަށު މީހުން މައުލާމާތު ދޭގޮތުގައި، އަދިވެސް އެ މީހާ ގަދަ ހަދާފައި ހަދާނީ ބޭނުންއެއްޗެކޭ، ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނޭ ބުނެއެވެ. މުޅިއަކުން ދޮގެއްވެސް ނޫނެވެ. ސިހުރު ސާބިތުކުރުމުގައި ޤާނޫނީ ގޮތުން ބޮޑެތި ގޮންޖެހުން ހުރެއެވެ. ޤާނޫނުގައި އެކުށް ސާބިތު ކުރެވޭނެ ގޮތްތައް މަދެވެ. ކުރުކޮށް ބުނާނަމަ، ޤާނޫނު “މޮޑާރން” ކަމުން ހަޤީގަތުގައި ސިހުރު ބަލައެއް ނުގަނެއެވެ. 2023 ވަނަ އަހަރު ނޮވެމްބަރުގައި، ހޮޅުދޫ އާއިލާއަކަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި 66 އަހަރުގެ މީހަކު ދޫކޮށްލިއެވެ. ސާބިތުކުރެވޭނެ ގޮތެއް ނުވިއެވެ. މިފަދަ މައްސަލަތަކުގައި އަމިއްލައަށް އިއުތިރާފްވުމުންވެސް ގިނަފަހަރު އަންނަނީ ގޭބަންދުގެ ހުކުމެކެވެ. ތާކުންތާކު ނުޖެހޭނޫންތޯއެވެ. ގޭގައި އިދެގެންވެސް ސިހުރުހެދޭނެއެވެ. އަދި ސިހުރު ހަދުވަން ބޭނުންވާ މީހުންނާއި ބައްދަލުވެސް ވެވޭނެއެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީގައި ށ.ފޯކައިދޫއިން މީހަކު ހައްޔަރުކުރެވުނެވެ. އުމުރުން 47 އަހަރުގެ ސްކޫލް ޓީޗަރެކެވެ. ހައްޔަރުކުރެވުނީ މަސްތުވާތެކެތި ބޭނުންކުރަން އިންދައެވެ. އެރަށު މީހުން ތުހުމަތު ކުރާގޮތުގައި އޭނާ ސިހުރާއި ފަންޑިތަވެސް ހަދައެވެ. އެކަމުގައި ކައިރި ރަށްރަށްވެސް ގޮސް އުޅެއެވެ. ނަމަވެސް ހެއްކެއް ނެތްކަމަށް ބުނެ އޭނައާއިމެދު އެއްވެސް ފިޔަވަޅެއް ނާޅާއެވެ. އެރަށު މީހުން ބުނާގޮތުން ސިހުރު ހަދައިދިނުމަށް މީސްމީހުންގެ އަތުން އޭނާ 5،000ރ އާއި 10،000ރ ގެ އަދަދުތަކުން މީހުންގެ އަތުން ނަގައެވެ. އެފައިސާއިން އެ ބޭނުންކުރަނީ މަސްތުވާތަކެއްޗެވެ. ފާފައަކުން ހޯދި ފައިސާއިން އެކުރަނީ ފާފައެކެވެ
ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅު ނާޅާތީ އަމިއްލަ އަތްމައްޗަށް ކަންކަން ނަގާ ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ. ބުނެވޭގޮތުގައި 2023 ވަނަ އަހަރުގެ މެދުތެރޭގައި މަނަދޫގައި ހިނގައިދިޔަ ނައީމާގެ މަރުގެ މައްސަލައިގައިވެސްވީ މިހެންނެވެ. ކުރި މީހަކު ނޭގި ސިހުރުގެ ހެކި ފެންނަފަހަރުވެސް އާދައެވެ. މިގޮތުން 2022 ވަނަ އަހަރުގެ މާރިޗް މަހު ހިރިގަލުގައި ލިޔެ ފައްޔާފައިއޮތް ސިހުރެއް ވަނީ ރައްފަންނު ބޭރު ފަރުމަތިން ފެނިފައެވެ. 2021 ވަނަ އަހަރުވެސް ރަސްފަންނަނުން ވަނީ ސިހުރު ހަދާފައިއޮތް ކަނދޮޅެއް ފެނިފައެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ވެސް ރަސްފަންނު ސަރަހައްދު މޫދު ނެރު ތެރޭގައި ތާށި ކޮށްފައި އޮތް ސިހުރެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް ވެސް ވަނީ ނަގާފައެވެ. ރަސްފަންނު ނޫނަސް މާލެ ވިލިގިލި އަދި މިހާރު ހުޅުމާލޭގައިވެސް މިފަދަ އެއްޗެހި ވަޅުލާފައި އޮތްވާ ފެނިފައި އެބަހުއްޓެވެ. ގޭގޭގެ އެނދުތަންދޮށް، ވަޅުތެރެއިން އަދި އޮޅިގަނޑު ދަށުގައި ވަޅުލާފައި ހުއްޓާވެސް ފެނެއެވެ. 2020 ވަނަ އަހަރު ފުލުހުންވަނީ ތ.ބުރުނީ ގެއަކުން ސިހުރު ހަދަން ދަސްކުރާ ފޮތްތަކަކާއި އަލާތްތަކެއް ހޯދާފައެވެ. ހަމަ މިގޮތަށް ލ.ގަމުންވެސް މިފަދަ ފޮތްތަކެއް ފުލުހުން އަތުލިއެވެ. ކޮންމެ ފަހަރަކުވެސް ލިބޭ ރިޕޯޓަކާއި ގުޅިގެން މިހެން ތަކެތި އަތުލައިގަތަސް، މީހަކު ހައްޔަރެއް ނުކުރެއެވެ. 2020ވަނަ އަހަރު ޑިސެމްބަރު މަހު މާލޭގެ މާފަންނު ސަހަރާތެރެއިންވެސް ވަނީ އުމުރުން 56 އަހަރުގެ މީހަކު ސިހުރުހަދަން ބޭނުންކުރެވިދާނެ ފަދަ އާލާތްތަކާއިއެކު ހައްޔަރުކޮށްފައެވެ. ބަންދުގެ މުއްދަތުޖެހިއެވެ. ނަމަވެސް އެމީހާއަށްވެސް ފަހުންވީގޮތެއް ފުލުހުން ހާމައެއް ނުކުރެއެވެ
މަދު ފަހަރަކު ނަމަވެސް މިފަދަ މީހުން ހައްޔަރުކޮށް ހުކުމް ޖެހޭގޮތްވެއެވެ. މިގޮތުން 2018 ވަނަ އަހަރު ސިހުރު ފޮތްތަކެއް ގެންގުޅުނު 72 އަހަރުގެ މީހަކުވަނީ 3 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. މި މީހާވަނީ ފުލުހުން 2013 ވަނަ އަހަރުވެސް ލިބުނު ރިޕޯޓަކާއި ގުޅިގެން ހައްޔަރުކޮށްފައެވެ. އެފަހަރު ހައްޔަރު ކުރެވުނީ ހދ.ކުރިބީގައި ހުއްޓައެވެ. އެފަހަރުވެސް އޭނާ ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރުމުގެ ތެރޭގައި ސިހުރު ހަދަން ބޭނުންކުރާ ފޮތްތައް ފެނިފައިވެއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ. އަދި އެނާގެ ކޮޓަރި ބަލައި ފާސްކުރުމުގެ އަމުރު ނެރެދިން ގާޒީ ހޯދައި މަގުމަތިން ދިމާކޮށް މާރާމާރީ ހިންގައިގެން 2014 ވަނަ އަހަރުވެސް އޭނަ ހައްޔަރުކުރިއެވެ. އަނެއްކާވެސް ދޫކޮށްލީއެވެ. އާދެ، އިންސާފުގެ ބާލިދީ އިނީ ފޫގޮސްފައެވެ. 2018 ވަނަ އަހަރު އޮގަސްޓް މަހުވެސް ވަނީ ރ.މާކުރަތު ދެ ގެއެއްބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކަކާއި އާލާތްތަކެއް ފުލުހުން ހޯދާފައެވެ. އެއިން އެއްވެސް ގެޔަކުން މީހަކު ހައްޔަރެއް ނުކުރެއެވެ
ބޮޑެތި މަޤާމުތަކުގައި ތިބޭ މީހުންވެސް މިކަމުގެ ތުހުމަތުގައި ހައްޔަތުކުރާ ފަހަރު އާދެއެވެ. ސިހުރު ހަދާކަމުގެ ތުހުމަތުގައި 2016 ވަނަ އަހަރު ހއ.އިހަވަންދޫ ސިއްހީ މަރުކަޒުގެ، އުމުރުން 55 އަހަރުގެ ޒިންމާދާރުވެރިޔާ ވެސް ވަނީ ހައްޔަރުކޮަށްފައެވެ. 2018 ވަނަ އަހަރު ހދ.ކުޅުދުއްފުށި ކައުންސިލްގެ ޒިންމާދާރުވެރިޔާއާއި އެޑްމިން އޮފިސަރުވެސް ވަނީ މިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ބައެއް ފަހަރު މިއީ ސިޔާސީ ތުހުމަތުތަކެކެވެ. އަނެއް ބައި ފަހަރު ބައެއްގެ ބޮލުގައި އެޅުވޭ ދޮގުތުހުމަތެކެވެ. ނަމަވެސް މިއީ ހިޔާލީ ވާހަކަތަކެއްކަމަށް ދެކެވޭނެވަރަށްވުރެ ބޮޑަށް ފެތުރިފައިވާ ކަމެކެވެ. ބޮޑުވެގެންވާ ފާފައެކެވެ. ދީނުންބޭރުވާވަރުގެ ފާފައެކެވެ