ޖެހުނު މީހަކާއި އެކު ސެލްފީ ނަގަމުން ވެރިކަމަށް އައިސް، ވެރިކަން ލިބުމުން ކުރީ ސަރުކާރާއި ކޮވިޑް 19ގެ ނިވަލުގައި ފިލާތިބެ ބަޔަކު ދަޢުލަތް ހިންގަމުންދާއިރު، ނިކަމެތި މީހާއަށް މިވަނީ އަނެއްކާވެސް ލިބޭ މަދު އާމްދަނީ އިން އިތުރު ބައެއް ސަރުކާރަށް އަޅަން ޖެހިދާނެކަމުގެ ބިރު ހީވެފައެވެ. ޖީ.އެސް.ޓީ ބޮޑުކުރުމަށް ސުޕަރ މެޖޯރިޓީ އޮތް ވެރިކަންކުރާ ޕާޓީގެ މެމްބަރުންގެ ފުރަގަހުގައި ވިޕްއިން ތަޅާއިރު، މިހިސާބަށް ކަންކަން އައީ ކިހިނެތްތޯ ބަލާލަން ޖެހެއެވެ.
ވެރިކަން ލިބުމާއިއެކު ފެށީ ކުޑަކުދިން އުފަންދުވަހު ކްލާހުގައި މެޓާ ބަހާހެން ދައުލަތުގެ ހަޒާނާ އިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ބަހާށެވެ. މިގޮތުން ނެކްސްބިޒްއަށް 280 މިލިއަން ރުފިޔާ، ވިލާ ގްރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް އަށް 130 މިލިއަން ރުފިޔާ، އެމްއާރުޑީސީ އުވާލުމާއި އެކު 26.1 މިލިއަން ރުފިޔާ، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ބޭބެގެ މަންދު ކޮލެޖް ހިންގާ މާލެ ހައި ޕވޓ ލމޓ އަށް 3.4 މިލިއަަން ރުފިޔާ ދީފައިވެއެވެ. މީގެ އިތުރުން ނޫމަޑި ރިސޯޓްސް ކުންފުންޏަށް 862 މިލިއަން ރުފިޔާ ދީފައިވެއެވެ. މިފަދައިން އެތަށް ބަޔަކަށް ބަދަލުގޮތުގައި އަދާ ހަމައަށް ދީފައިވާ އަދަދު 2 ބިލިއަނާ ގާތްކުރާނެއެވެ. މެޓާ ޕެކެޓް ހިފައިގެން، ހެމުން ބަހަމުން ދަނިކޮށް ބީއްސާލީ ކޮވިޑްގެ ބޮޑު ރާޅެވެ.
އާދައިގެ އިންސާނުންނަށް ބޮޑު ވަބާއަކަށް ވި ބަލިމަޑުކަން، ސަރުކާރުގެ ވެރިންނަށް ވީ ބޮޑު ޕާޓީއަކަށެވެ. ވާނީވެސް އެހެންތާއެވެ. ރައްޔިތުންގެ ތެރެއިން އެއްބަޔަކު ކުލި ނުދެއްކޭ ހާލަތަށް ދިއުމުން ގެއިން ބޭރުކޮށްލާ، އަނެއް ބަޔަކު ކުންފުންޏަށް ލިބޭ ގެއްލުން ކުޑަކުރަން ވަޒީފާއިން ކަޑާލައިގެން ގޮތް ހުސްވަމުން ދިޔައިރު، ވެރިންގެ ޖީބުތައް ދިޔައީ ފުރެމުންނެވެ. ވެންޓިލޭޓަރުންނާއި، ހަކުރު ކިލޯއިންނާއި، ޓެސްޓް ކިޓްތަކުން ވެސް ކުރީ ވައްކަމެވެ. އޭޕްރިލް 2020 ގައި ރާއްޖޭގެ މަނިޓަރީ އޮތޯރިޓީއިން ވަނީ ރާއްޖޭގެ އިޤްތިސާދް %9 ދަށަށް ދާނެކަމަށް ލަފާކޮށްފައެވެ. އަދި އޭޝިއަން ޑިވޮލެޕްމެންޓް ބޭންކުން ރާއްޖޭގެ އިޤްތިސާދް %3 ދަށަށް ދާނެ ކަމުގައި އަންދާޒާކުރިއެވެ. ކޮވިޑް އައުމުގެ ކުރިންވެސް ރާއްޖޭގެ އިޤްތިސާދް ދިޔައީ ދަށަށްކަން މިހިސާބުން ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން 2019ވަނަ އަހަރު ރާއްޖެ ވަނީ ވޯލްޑް ބޭންކްގެ އީޒް އޮފް ޑުއިންގ ބިޒްނަސް އިންޑެކްސްގައި 139 އިން 147 ވަނަ އަށް ކައްސާލާފައެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް 2019ގައި އައި ހުއްޓުމާއިއެކު އިޤްތިޞާދު ހީނަރުވެފައިވާ ކަމުގައި ވޯލްޑް ބޭންކުން ބުނެފައިވެއެވެ.
އެ ވަރުންވެސް ގާތް އެކުވެރިންގެ ރިސޯޓްތަކަށް ފައިސާ ލިބޭނެހެން ކުއަރެންޓީން ފެސިލިޓީތައް ހަދައިގެން ދައުލަތުގައި ނެތްވަރުން ފައިސާތައް ތަޅާބުރުވީއެވެ. 26 ލަގްޒަރީ ރިސޯޓެއްގެ 3000 ކޮޓަރި ކުއަރެންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ނަގާފައިވާ އިރު، ރަސްމީ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި އޭގެން ރޫމަކަށް ސަރުކާރުން ދުވާލަކު 750ރ ޙަރަދުކުރިއެވެ. އެއީ ދުވާލަކު ޖުމްލަ 2،250،000 ރުފިޔާއެވެ. ތައިލެންޑް ފަދަ ޤައުމުތަކުގެ ކޮވިޑް މެނޭޖްމެންޓް ޕްލޭން ދިރާސާކޮށްލުމުން ފެންނާނީ، އެންމެ ގޯސް ހާލަތުގައި ސްކޫލްފަދަ އިމާރާތްތައް ކުއަރެންޓީން ފެސިލިޓީގޮތުގައި ބޭނުންކުރާ ކަހަލަ ވީހާވެސް ޚަރަދު ކުޑަ އުސޫލްތަކެއް އިޙްތިޔާރުކުރިކަމެވެ. ރާއްޖެއަށް ފެނުނީ ކަނޑު ހުރަސްކޮށްފައި ދާ 5 ތަރީގެ ރިސޯޓްތައް އެކަންޏެވެ. ވެރިން އުޅުނީ މާގިރީގައި ޕާޓީކުރުމުގަ އާއި ޓޮއިލެޓް ޕޭޕަރ އިން ފުޓްބޯޅަ ކުޅުމުގެ ހުނަރު ދެއްކުމުގައެވެ. އެ ބޭފުޅުންނަށް އީދެއް އައި ފަދައެވެ. ކޮވިޑް ތެރޭ އެކުވެރި ޤައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ދިން އެހީތަށްވެސް ވަނީ ވެރިންގެ އެނދު ތަންދޮށަށެވެ. މިގޮތުން ކޮވިޑް ފެށިގެން އައިއިރު ލިބިފައިވާ ބައެއް އެހީތަކަށް ބަލާލާއިރު؛
މާރޗް 2020 ގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ވަނީ 500،000 ޑޮލަރުގެ ހިލޭ އެހީއެއް ދީފައެވެ. އެއީ އެފަރާތުގެ އޭޝިއާ ޕެސިފިކް ޑިސާސްޓަރ ރެސްޕޮންސް ފަންޑުންނެވެ. މި އެހީ ދީފައިވަނީ ސަރުކާރުން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީ ވުމަށެވެ. އަދި މިއީ އޭ.ޑީ.ބީ އިން ޓެކްނިކަލް ސަޕޯޓްގެ ގޮތުގައި ދީފައިވާ 100،000 ޑޮލަރުގެ އިތުރަށް ދީފައިވަ އެހީއެކެވެ.
މަރޗް 2020ގައި ވޯލްޑް ބޭންކް އިންވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ދޭނެކަމުގައި ބުނެފައެވެ.
އެޕްރިލް 2020 ގައި ވޯލްޑް ބޭންކް އިން ވަނީ 7.3 މިލިއަން ޑޮލަރުގެ އެހީ ދޭން އެޕްރޫވްކޮށްފައެވެ. އެއީ ކޮވިޑްގެ ހާލަތައް އިތުރަށް ތައްޔާރުވުމުގެ ގޮތުން ދީފައިވާ އެހީއެކެވެ. އަދި އެއީ ކުރިން ދެންނެވުނު 10 މިލިއަން ގެ ކޮންޓިންޖެންސީ ފަންޑިންގެ އިތުރަށް ދޭ އެހީއެކެވެ.
އެޕްރިލް 2020 ގައި ވިލާތުގެ އިއްތިހާދުން ވެސް ވަނީ ރާއްޖެއަށް 3.28 މިިލިއަން ޑޮލަރު ދޭން އެޕްރޫވްކޮށްފައެވެ. އޭގެ ތެރެއިން 1.09 މިލިއަން ޑޮލަރު ހާއްސަ ކޮށްފައިވަނީ ސިއްހީ ޙިދުމަތްތައް ރަނގަޅުކުރުމަށެވެ. 2 މިލިއަން ހާޢްސަ ކޮށްފައިވަނީ ފަތުރުވެރި ކަމުގެ ސިނާއަތުގައި އުޅޭ ކުދި ވިޔަފާރިތަކާއި އެތަންތަނުގެ މުވައްޒަފުންނަށް އެހީވުމަށެވެ.
އެޕްރިލް 2020ގައި އައި.އެމް.އެފް އިންވެސް ވަނީ 28.9 މިލިއަން ޑޮލަރު ދޭން އެޕްރޫވްކޮށްފައެވެ. އެއީ ކޮވިޑް އާއި ގުޅިގެން އިޤްތިޞާދަށް އަންނާނެ ހީނަރުކަން ފޫބެއްދުމަށާއި ބަޖެޓް ދެކޮޅުޖެއްސުމަށް އެހީވުމަށެވެ.
އެޕްރިލް 2020 ގައި އޮޕެކް ފަންޑުންވެސް ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ ލޯނެއް ދޭނެކަމުގައި ބުނެފައިވެއެވެ. އެއީ ކޮވިޑާއި ގުޅިގެން އުފެދޭ އިޖްތިމާއީ އަދި އިޤްތިޞާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީވުމަށެވެ.
މެއި 2020 ގައި އެމެރިކާ އިންވަނީ ރާއްޖެއަށް 2 މިލިއަން ޑޮަލަރުގެ އެހީ ދޭނެކަމަށް ބުނެފައެވެ. އެއީ އިޤްތިޞާދީ ދަތިކަމުން އަރައިގަނެ ޤައުމު އާރާސްތުކުރުމުގެ މަސައްކަތުގައި އެހީވުމަށް ކަމުގައި ބުނެފައިވެއެވެ.
މެއި 2020 ގައި އޫރިދޫ ގްރޫޕްއިން ވަނީ 161،332 ޑޮލަރު ދީފައެވެ. އެއީ ވެންޓިލޭޓަރ، ޕީ.ޕީ.އީ އަދި ޓެސްޓިންގ ސަޕްލައި ގަތުމަށެވެ.
މެއި 2020 ގައި ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް 500 މިލިއަން ޔެން (4.6 މިލިއަން ޑޮލަރު) ގެ އެހީއެއް ފޯރުކޮށްދީފައެވެ. އެއީ އިމިގްރޭޝަނާއި ކަސްޓަމްސްގެ ބޯޑަރ ކޮންޓްރޯލް ކުރުން އިތުރަށް ހަރުދަނާ ކުރުމަށެވެ. މީގެ އިތުރުން ޖަޕާނު ސަރުކާރުން ވަނީ 356،400 ޔުނިސެފް މޯލްޑިވްސް އަށް، 185،000 ޑޮލަރު ރެޑް ކްރެސެންޓް މޯލްޑިވްސް އަށް ހަދިޔާ ކޮށްފައެވެ. އެއީ ކޮވިޑް ރެސްޕޮންސް އިތުރަށް ވަރުގަދަ ކުރުމަށެވެ. އަދި ޔޫއެންޑީޕީ މޯލްޑިވްސް އަށް އިތުރު 1.4 މިލިއަން ދޭނެ ކަމުގައިވެސް ބުނެފައި ވެއެވެ. އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އެހީ ވުމަށެވެ.
މެއި 2020 ގައި ކެނެޑާ ސަރުކާރުން ވަނީ 1 މިލިއަން ރުފިޔާ (64،900) އެހީއެއް ދީފައެވެ. އެއީ ކޮވިޑްގައި އެންމެ ހާލުގައި ޖެހޭ ނިކަމެތިންނަށް އެހީވުމަށެވެ.
ޖޫން 2020ގައި ވޯލްޑް ބޭންކުން ވަނީ 12.8 މިލިއަން ދިނުމަށް އެޕްރޫވް ކޮށްފައެވެ. އެއީ ވަޒީފާ ގެއްލޭ ފަރާތްތަކަށާއި ނިކަމެތި އާއިލާތަކަށް އެހީވުމަށެވެ.
ޖޫން 2020 ގައި އޭސިއަން ޑިވެލޮޕްމެންޓް ބޭންކުން ވަނީ 50 މިލިއަން ޑޮލަރު ދޭން އެޕްރޫވްކޮށްފައެވެ. އޭގެތެރެއިން 25 މިލިއަން ޑަލަރަކީ ލޯނެކެވެ. އަނެއް 25 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ.
ޖޫން 2020 ގައި ޖަޕާނު ސަރުކާރުން ވަނީ 600 މިލިއަން ޔެން (5.6 މިލިއަން ޑޮލަރު) ގެ އެހީއެއް ދީފައެވެ. އެއީ އަތޮޅު ތެރޭގެ ސިއްހީ ޙިދުމަތްތައް ވަރުގަދަ ކޮށް ކޮވިޑް އަށް ފަރުވާ ދޭނެ ވަސީލަތްތައް ރަށްރަށުގައި ގާއިމް ކުރުމަށެވެ.
ޖުލައި 2020 ގައި އޭސިއަން ޑިވެލޮޕްމެންޓް ބޭންކުން ވަނީ 1 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެފަރާތުގެ އޭސިއާ ޕެސިފިކް ޑިސާސްޓަރ ރެސްޕޮންޑް ފަންޑުން ދޭން އެޕްރޫވް ކޮށްފައެވެ. އެއީ ސަރުކާރުގެ ކޮވިޑް އެމަރޖެންސީ ރެސްޕޮންސް އިތުރަށް ހަރުދަނާކުރުމަށެވެ.
އޮގަސްޓް 2020 ގައި ޔުނިސެފް މެދުވެރިކޮށް ޔޫ އެސް އެއިޑް އިން ވަނީ 750،000 ޑޮލަރުގެ އެހީ ދީފައެވެ. އެއީ ސްކޫލް ތަކާއި އާންމު ތަންތަން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ހުޅުވުމަށް އެހީވުމަށެވެ.
މީގެ އިތުރުން އިންޑިއާއިން ވަނީ 6.7 ޓަނުގެ ސިއްޙީ ވަސީލަތްތައް ފޯރުކޮށްދީފައެވެ. ބަގްލަދޭސް އިން 100 ޓަނު، އެކުވަރި އަރަބި އެމިރޭޓްސް އިން 72 ޓަނު، އަދި ޗައިނާ އިން އެތައް ޝިޕްމެންޓެއްގެ ސިއްހީ އެހީވަނީ ފޮނުވާފައެވެ.
އިހު ދެންނެވުނު އެހީ ތަކުގެ ތެރެއިން ހުރިހާ ފައިސާއެއް އަދި އެ ދޭން ބުނި ފަރާތްތަކުން ނުދޭ ކަމަށް ސަރުކާރުން ބުނެފާނެއެވެ. އެހެންބުނެފިނަމަ މި ސަރުކާރުގެ ވަރުގަދަ ހާރިޖީ ސިޔާސަތޭ ކިޔައިގެން މެޖިކް ކާޕެޓްގައި ޝާހިދު އުދުހޭ އުދުހުން ޖަސްޓިފައިކޮށްދެވޭތޯއެވެ. ރައްޔިތުން އެންމެ ހާލުގައި ޖެހުނުދުވަހު އެކި ފަރާތްތަކުން ދޭނެކަމަށް ބުނި އެހީތައް ސެކުއަރ ނުކުރެވުނީ ނޫންތޯއެވެ. މިވަރަށް އެހީ ލިބުން އިރުވެސް ވެރިންގެ ބަނޑުފުރުން ކަމަކަށް ނުވިއެވެ. ޤައުމު ހަމަ އެއްގޮތަކަށްވެސް ހިންގޭ ވަރެއް ނުވިއެވެ. މާލިއްޔަތު ކޮމެޓީގެ މުގައްރިރު، ކިނބިދޫ ދާއިރާގެ މުހަންމަދު ނާޝިޒް މި ސަރުކާރަށް އަދި އިތުރު 5 އަހަރު ހައްޤުކަމަށް ބުނަމުން ސަރުކާރުން ހިންގެން އޮތް ހަމަ އެކަނި ގޮތަކީ ފައިސާ ޗާޕްކުރުން ކަމުގައި ދެންނެވިއެވެ. އާދެ، ޤައުމެއް ހިންގުން މޮނޮޕޮލީ ގޭމް ގަނޑެއް ޖަހާލުން ހާ ފަސޭހަކަމަށް ވީއެވެ. މިގޮތުން 2020 އާއި 2021 ދެމެދު އެކަނިވެސް 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕްކުރިއެވެ. އޭރުވެސް މާހިރުން ގޮވަމުންދިޔައީ ތަކެތީގެ އަގު އުފެލޭނޭ، “ދިސް އިޒް ނޮޓް ހައު އިޓް ވޯކްސް” އޭ އެވެ. މާހިރުންނަށް ރޭކާނުލީ މި ވާހަކަދެއްކެނީ ބީރު ސަރުކާރަކާކަމެވެ. ކުރިން ޗާޕް ކުރެވުނު ވަރު މަދުކަމުން، އިތުރަށް ޗާޕްކުރާ ހިތުން، ފިނޭންސް މިނިސްޓަރ އަމީރު ނޮވެމްބަރ 2021 ގައި މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފައިސާ ޗާޕްނުކޮށް ދަރަންޏަށް ފައިސާ ނަގައިފިނަމަ ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެގެންދާނެ ކަމަށެވެ.
ދަރަނި ވަރަށް ކުޑަވެއްޖެތާއެވެ. ސޮވެރިން ގެރެންޓީ ހިމަނައިގެން 2019 ވަނަ އަހަރު ސަރުކާރުގެ ދަރަނި ހުރީ 50 ބިލިއަނަށްވުރެ މަތީގައެވެ. 2020 ވަނަ އަހަރު 80 ބިލިއަން ފަހަނައެޅިއެވެ. 2021 ވަނަ އަހަރު ނިމުނުއިރު 100 ބިލިއަނާ ދަރަނި ގާތްކޮށްލިއެވެ. 2022 ވަނަ އަހަރު ރިކޯޑް ގާއިމްކޮށް 100 ބިލިއަންގެ ސީލންގ ވަނީ ފޫއަޅުވާލާފައެވެ.
ސަރުކާރުން ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓް އިން ނުވެގެން ސަޕްލަމެންޓަރީ ބަޖެޓް ފާސް ކޮށްގެންވެސް ގާތް ބޭފުޅުންގެ ސިޔާސީ މަގާމުތަކާއި ނުހައްގު މުސާރަތައް ކަށަވަރުކުރަން ޖެހެއެވެ. ނޫންނަމަ އާއިލީ ބޭފުޅުން ބޭރުގެ އެމްބަސީތަކުގައި ބަނޑަށް ޖެހިފައި ތިބެންޖެހިދާނެއެވެ. 2019 ވަނަ އަހަރުވެސް ވަނީ 1.7 ބިލިއަން ރުފިޔާގެ ސަޕްލެމެންޓަރީ ބަޖެޓެއް ފާސްކޮށްފައެވެ. 2021 ވަނަ އަހަރު 2.24 ބިލިއަންގެ ސަޕްލެމެންޓަރީ ބަޖެޓަކަށް ސަރުކާރުން އެދުނެވެ. މީގެން ބޮޑު ބައެއް ހޭދަކުރާ ސިޔާސީ މަގާމުތަކުގެ އަދަދު 2019 ގައި ހުރީ 700 އިން މަތީގައެވެ. 2021 ނިމުނު އިރު ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 967 ގައެވެ. 2022 ވަނަ އަހަރު ފެށުނު އިރު މި އަދަދު ހުރީ 1045ގައެވެ.
އަދި މިވަރުން ނިމުނީކީ ނޫނެވެ. ވެރިކަމަށް އަންނަނީ މެނިފެސްޓޯއަަކާއި އެކްޝަން ޕްލޭނެއް ހަދައިގެންނެވެ. ހުދު ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައިވެސް ބުނެފައިވަނީ ވަޢުދުު ވަނީ ވަޢުދުު ފުއްދާނެ ގޮތް ބަލައި ހޯދައިގެންކަމުގައެވެ. ބޭނުމަކީ ވަކި ތަރުތީބެއްގެ ތެރެއިން ކަންކަން ކުރުމެވެ. އިސްރާފް ކުޑަކުރުމަށެވެ. ކޮންމެ އަހަރަކު ބަހުސްތަކެއް، ކުރިއަށް އޮތް އަހަރު ކުރާނެ ކަންކަން ލިސްޓްކޮށް ބަޖެޓެއް ފާސްކުރަނީވެސް ހަމަ މި ސަބަބަށެވެ. ނަމަވެސް ބަޖެޓް ފާސްކޮށް ނިމޭއިރަށް ފާސްކުރި ބަޖެޓް ދަނީ ޑަސްބިނަށެވެ. ޚަރަދު ކުރަނީ ހިތުހުރިގޮތަކަށް ހިތުހުރި ކަމަކަށެވެ. ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި އިލެކްޝަނަށް ސަރުކާރުން ކޮށްލި ހޭދަ މިކަމުގެ ހެއްކަކަށް ފުދެއެވެ.
ރާއްޖޭގައި މިވަގުތު ހުރި ސިނާއަތްތައް އިތުރަށް ކުރިއެރުވުމަށް މާގިނަ މަސައްކަތްތަކެއް ސަރުކާރަށް ނުކުރެވޭއިރު، އިޤްތިސާދު ޑައިވައިސިފައި ކޮށް އައު ސިނާއަތްތަކެއް ބިނާކުރުމުގެ އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ސަރުކާރަށް އިޤްދިސާދޭ ބުނާއިރަށް ފެންނަނީ ރައްޔިތުމީހާގެ ޖީބެވެ. އާއިލާ ބޭފުޅުން ބޭރުގެ އެމްބަސީތަކުގައި ބައިތިިއްބައިގެން ދޭ މުސާރަ ކުޑަކުރުމުގެ ވިސްނުމެއް، ސިޔާސީ މަގާމުތައް މަދުކުރުމުގެ ވިސްނުމެއް ނެތެވެ. ރިސޯޓްތަކުން ނުދައްކާ ހުރި ބިމުކުއްޔާއި ޖޫރިމަނާ ހޯދުމުގެ ވިސްނުމެއް ނެތެވެ. ހުރީ އެކަނިވެރި މަޔާއި، ދެ ވަޒީފާ އަދާކޮށްގެން އަނބިދަރިން ބަަލުންދާ ބަފާގެ ޖީބަށް އަތް ބާނައިގެން ފޭރުމުގެ ވިސްނުމެވެ. މިހާލަތުގައި ޓެކްސް ބޮޑުކުރަން ތިބޭފުޅުން ރުހޭނަންތޯއެވެ؟