ވެނެޒުއޭލާއަކީ ދުނިޔޭގެ އެންމެ ގޯސްކޯށް އިޤްތިސާދު މެނޭޖުކުރި ޤައުމޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. އިޤްތިސާދު މެނޭޖުކުރަން ނޭގުނު އެހެން ޤައުމުތައްވެސް އެބަހުއްޓެވެ. ނަމަވެސް ލިބިފައިވާ ވަސީލަތްތަކާއި، ގުދުރަތީ މުއްސަދިކަމާއި، ބިމާއި އިންސާނީ ވަސީލަތަށް ރިޢާއަށްކޮށް ބަލާނަމަ ލިސްޓުގެ އެއްވަނައިގައި އޮންނާނީ ވެނެޒުއޭލާއެވެ. މިލިޔުމުގައި އަޅާކިޔާލަނީ ވެނެޒުއޭލާގެ އިޤްތިސާދާއި ރާއްޖޭގެ އިޤްތިސާދާއެވެ. ހުރި އެއްގޮތް ކަންކަމާއި އަވަސް ފިޔަވަޅު ނޭޅިއްޖެނަމަ، ދެންވެދާނެ ގޮތްތަކަށެވެ
ވެނެޒުއޭލާއަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ޤައުމެވެ. މުޅި ދުނިޔޭގެ ތެލުގެ ރިޒާވްއަށް ބަލާނަމަ، ވެނެޒުއޭލާގެ ހިއްސާއަކީ %18 އެވެ. އަޅާކިޔާލުމުގެ ބޭނުމަށް، ސައުދީގެ ހިއްސާއަކީ %16.2، ޔޫ.އޭ.އީގެ ހިއްސާއަކީ %5.9، އަދި ޤަތަރުގެ ހިއްސާއަކީ %1.5 އެވެ. މިވަރުގެ ތެލުގެ މުއްސަދިކަމެއް ލިބުމީ ގޭމެއްގައި ޗީޓް ކޯޑެއް ޖަހައިގެން މޮޅުވުން ފަދަކަމެކެވެ. އަހަރުތަކެއްވަންދެން ވީވެސް އެހެންނެވެ. 1990ގެ އަހަރުތަކުން ފެށިގެން ގޮސް ގާތްގަނޑަކަށް 2010އަކާއި ހަަމައަށް ވެނެޒުއޭލާގެ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ) ދިޔައީ އަރައިގެންނެވެ. 2010 ހިސާބުގައި އެޤައުމުގެ ޖީޑީޕީ އުޅުނީ 372 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. ނަމަވެސް އެއަށްފަހު ދިޔައީ ވެއްޓެމުންނެވެ. ނުހަނު ބާރަށެވެ. އަދާހަމައަސް ބަލާއިރު ޤައުމުގެ ޖީޑީޕީގެ %80 ވަނީ ގެއްލިފައެވެ
މިއަދު ވެނެޒުއޭލާއަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި އަދި ރައްޔިތުން އެންމެ ހާލުގައި އުޅެންޖެހިފައިވާ އެއް ޤައުމެވެ. ޤައުމުގެ ރައްޔިތުން ޢައިނު ޢައިނަށް ޤައުމަށް ދޫކޮށްދަނީއެވެ. ސިޔާސީ ނުތަނަސްވަކުގެ ސަބަބުންނާއި ސަރުކާރުތަކުގެ ‘އަންސްޓޭބަލް’ ކަމުން، އިންވެސްޓަރުން ޤައުމަށް އިންވެސްޓްކުރާކަށް ބޭނުމެއް ނުވެއެވެ. އަވައްޓެރި ޤައުމުތަކާއިވެސް ގުޅުން އެހާ ގޯހެވެ. ސަރުކާރަކަށް މަސްތުވާތެކީގެ ބޮޑުންނާއި ގޭންގްތަށް ކޮންޓްރޯލެއް ނުކުރެވެއެވެ. ދިވެހިން މި ޤައުމާއިމެދު ކުރާ ޝަކުވާތަކާއި ދާދި އެއްގޮތް ވާހަކަތަކެއް ނޫންތޯއެވެ. ވެނެޒުއޭލާ މި ހާލަތަށް އައި ގޮތަށް ބަލާލަމާތޯއެވެ
ފުރަތަމަކަމަކަށް އެމެރިކާއިން އެޤައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކައިރިކޮށްލަމާތޯއެވެ. އެމެރިކާއި އާއި އަރަބިއެތައް ޤައުމަކުން ޤަތަރަށް ދަތިކުރުމުގެ ފިޔަވަޅު އެޅޭތޯ އުޅުނެވެ. ނަމަވެސް ތެލުގެ މުއްސަދިކަން ހެޔޮގޮތުގައި ބޭނުންކުރަން އިނގުނީތީ ކުޑަކަކޫ މައްޗަށް ތިރިވާކަށް ނުޖެހުނެވެ. އެހެންކަމުން، އެޤައުމުގެ އެތެރޭގެ ކަންކަމަށް ނަޒަރުހިންގާލަން ޖެހެއެވެ. ފުރަތަމަ ކަމަކަށް އޮތީ ‘ޑަޗް ޑިސީސް’ ގެ ވާހަކައެވެ. އެއީ ވަކި ސިނާއަތަކަށް ގޮސް ހުސްވެ، އެހެން ސިނާއަތްތައް ހަލާކުވާން ދޫކޮށްލުމެވެ. 1900ގެ އަހަރުތަކުގައި ތެޔޮ ފެނުމާއިއެކު، ވެނެޒުއޭލާ މިސްރާބު ހިފީ އެދިމާލަށެވެ. ދާދިއަވަހަށް މުޅި އަޤްތިސާދު ބިނާވީ އޭގެ މައްޗަށް އެކަންޏެވެ. ޤައުމުގެ %90 އެކްސްޕޯޓް ހިއްސާކުރީ ތެލެވެ. އަވަސް އަރުވާލައިގެން، ރަނގަޅު ޕޮލިސީތަކެއް ނެތި ކުރި ކަންކަމުން، ބޭރު 3 ކުންފުންޏަކުން، ދިޔައީ މުޅި އެ އިންޑަސްޓްރީ ކޮންޓްރޯލް ކުރަމުންނެވެ. ވެނެޒުއޭލާގެ ރައްޔިތުންނަކަށް ސީދާ އޭގެ މަންފާއެެއް ނުކުރެއެވެ. ވަކި ހިސާބަކުން އެޤައުމުގެ ވެރިން ކުރި މަސައްކަތުން، ބޭރު ކުންފުނިތަކުން ތެޔޮ ނަގައިގެން ހޯދާ މަންފާގެ ދެބައިކުޅަ އެއްބައި ސަރުކާރަށް ދޭންޖެހޭ ގޮތަށް ޕޮލިސީތައް ބަދަލުކުރެވުނެވެ. މިއާއެކު، ވެނެޒުއޭލާ ދުނިޔޭގެ ހަތަރުވަނައަށް އެންމެ މުއްސަދި ޤައުމަށްވެސް ދުވަސްކޮޅަކު ވެގެންދިޔައެވެ. އޮޕެކްގެ އެއް ފައުންޑަރ އަކީވެސް ވެނެޒުއޭލާއެެވެ. އަދި ފަހުން ވެނެޒުއޭލާވެސް ހިމެނޭހެން އޮޕެކްގެ ޤައުމުތަކުން ތެލުގެ ރިޒާވްތައް ނެޝަނަލައިޒްކުރިއެވެ. ނެޝަނަލައިޒްކުރިފަހުންވެސް އެތައް ތެޔޮވަޅެއް ވެނެޒުއޭލާއިން ފެނުނެވެ. އަދި މެދުއިރުމަތީގެ ހަގުރާމަތަކާއިއެކު، ވެނެޒުއާލާ އޮތީ މާރކެޓް ލީޑްކުރަން އެންމެ ފަހިވެފައެވެ. ފައިސާ ބޯކޮށް އޮހެންފެށިއެވެ. ރާއްޖެއަށް ބަލާލާނަމަ، މިއޮތީ ފަތުރުވެރިކަމަށް ގޮސް ހުސްވެފައެވެ. ފަތުރުވެރިކަމަށްޓަކައި އެހެން ހުރިހާ ސިނާއަތެއް ޤުރުބާން ކުރަން ޖެހުނަސް ވަރިހަމައެވެ. ފަތުރުވެރިކަމުގެ ސިނާއަތް ބޮޑަށް ކޮންޓްރޯލްކުރަނީވެސް ބޭރު ކުންފުނިތަކުންނެވެ. އަދި ސިނާއަތުގެ ސީދާ ނަފާ ރައްޔިތުންނަކަށް ނުފޯރައެވެ
މިއާއެކު ވެނެޒުއޭލާގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ އެތައް ޙިދުމަތެއް ފޯރުކޯށްދޭންފެށިއެވެ. ކުރިންސުރެ ހަރުލާފައިހުރި ރިޝްވަތުގެ އާދަ އިންތިހާއަށް މައްޗަށް ދިޔައެެވެ. އެންމެ އާދައިގެ ރައްޔިތުމީހާއިން ފެށިގެން، ފުލުސް މީހާވެސް އަދި ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަށްވެސް ދިޔައީ ކިތަންމެ ކުޑަކަމެއްގައިވެސް ‘ކަޓް’ ނަގަމުންނެވެ. ޖީބުތައް ތިޔާގިވިވަރަކަށް ރިޝްވަރު ބެހުންވީ އިތުރެވެ. ބަޔަކު ހީކޮށްފާނެއެވެ. ޤައުމުގައި އެހާ ފައިސާ އޮތް ރިޝްވަތު ބަހައިގެން ވަކި ވާނީ ކޮން ގެއްލުމެއް ހެއްޔެވެ. އެދަނީ އެއް ޖީބުން އަނެއް ޖީބަށް ނޫންތޯއެވެ. ނޫނެކެވެ. އެއީ ކުޅޭ ކުޅޭ ހިޔާލެކެވެ. އަސްލު އިޤްތިސާދު މަސައްކަތްކުރާ ގޮތެއް ނޫނެވެ. އެއް ޖީބުން އަނެއް ޖީބަށް ދިޔުމުގެ ބަދަލުގައި އެންމެ މުއްސަދިން އެ ބައްކުރާނީ ޤައުމުން ބޭރުގައެވެ. އެއެއް އަބުރާ ޤައުމަކަށް ނާންނާނެއެވެ. އިސާހިތަކު ފަގީރުންއަތުގައި ހުރި އެތިކޮޅު ހުސްވެ މުއްސަދިން އޭގެ ތިންގުނަ މުއްސަދިވެގެން ޤައުމު ދޫކޮށް ބަޗާނެއެވެ. ވެނެޒުއޭލާގެ ރައްޔިތުން ބޭނުންވީ ސަރުކާރު ވަޒީފާތަކަށް ދާށެވެ. ސަރުކާރުންވެސް ބޭނުންވީ އެގޮތެވެ. ޕްރައިވެޓް ސެކްޓަރ އެކީ ވީރާވާން ދޫކޮށްލީއެވެ. ސަރުކާރުން ދިޔައީ އެއްވެސް ޒިންމާދާރުކަމެއް ނެތި ހަރަދުކުރަމުންނެވެ
މިހެން ކަންކަން ދަނިކޮށް 2010 ފަހުކޮޅު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއިއެކު ވެނެޒުއޭލާގެ ތެލުގެ މަންފާ %93 ވެއްޓުނެވެ. މިއާއެކު ޖީޑީޕީ ދަށަށް ގޮސް 2014 ގައި ވެނެޒުއޭލާގެ އިންފްލޭޝަން %69 އަށް އަރައިގެން ދިޔައެވެ. 2018 ވަނަ އަހަރާއި ޖެހުނު އިރު ޤައުމު އިންފްލޭޝާން ހުރި %1300000ގައެވެ. އެއީ އޮޅިގެން ޖެހިފައިވާ އަދެއް ނޫނެވެ. ހަަމަ އަސްލުކަން ހިނގިގޮތެވެ. 2023 އަށް އެޅިއިރު ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވެ މިހާރު ހުރީ %200 ގައެވެ. އިންފްލޭޝަންއާއި އެކު ފައިސާގެ އަގު ވެއްޓުނެވެ. ބަންޑެލި ބަންޑެއްޔަށް ރައްކާކޮށްފައި ހުރި ފައިސާތަކުގެ އަގު އެކީހެން ހުލިވީއެވެ. މިއާއެކު ސަރުކާރުގެ ހަރަދު ޖީޑީޕީގެ %25 ގައި ހުރިއިރު، ހަރަދުތައް ހުރީ %45ގައެވެ. ތެލުގެ ތިޔާގިކަން އޮތް އިރު ޤައުމުގައި ވަކިހިއްޕާލައިގެން އުޅުނު ބޭރުކުންފުނިތަކުންވެސް ޤައުމު ދޫކޮށް ދިޔައީއެވެ. ރިޝްވަތުގެ ނިޔަލުގައި ވަރުގަދަވަމުން ދިޔަ ގޭންގް ތަކުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ސަރުކާރަށްވުރެ ވަރުގަދަވާން ފެށީއެވެ. ގޮތް ހުސްވެފައިވާ ރައްޔިތުން އެމީހުންގެ ސިކާރައަކަށް ހަދައި، މަސްތުވާތަކެތީގެ ވަބާގައި ޖައްސުވައި އެމީހުންގެ މާރކެޓް ފުޅާކުރީއެވެ. އިޤްތިސާދު އަލުން ކޮޅަށްޖަހަން އެހީވެދޭނެ އެތައް ޒުވާނުންނެއް ހަލާކުވީއެވެ. މިހާލަތުގައި ‘ބްރެއިން ޑްރެއިން’، ނުވަތަ ކިޔަވައިގެން ތިބި ޤާބިލް މީހުން ޤައުމު ދޫކޮށްދިއުން، އިންތިހާއަށް އެރިއެވެ. މިއަދުވެސް އެ ޤައުމު އެންމެ މުއްސަދިން ތިބީ ބޮޑެތި ގަނޑުވަރުތަކުގައެެވެ. ހާލުގައި ޖެހިގެން އުޅެނީ %90 އާންމު ރައްޔިތުންނެވެ
ރާއްޖޭގައިވެސް ރައްޔިތުން ހަމަ ވޯޓު ވިއްކާ ރިޝްވަތުގެ މަސްތުގައި ޖެހި ހަލާކުވަނީއެވެ. ހައްޖަށްދާންވެސް ރިޝްވަރު ދެނީއެވެ. ސިޔާސީ މީހުންގެ ވާހަކަ ނުދައްކަމާތޯއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއާއި އެއްގޮތް އެހެން މަންޒިލްތައް އެހެން ޤައުމުތަކުން ތަރައްޤީކުރަނީއެވެ. މިއާއެކު، ފަތުރުވެރިން އަންނަ އަދަދު އިތުރުވިއަސް، ރިސޯޓްތަކަށް ކުރާ ހޭދަ ދަނީ ދަށަށެވެ. ގެސްޓް ހައުސްއެއްގައި ހުރެލާފައި ދަނީއެވެ. ފަތުރުވެރިކަމުން ލިބެމުން ދިޔަ ޑޮލަރުތައް މަދުވާވަރަކަށް މިތާ ވަކި ހިއްޕާލައިގެން ތިބި ބޭރު ކުންފުނިތަކުންވެސް ޤައުމު ދޫކޮށްދާނެއެވެ. މިއޮތްހާ ދުވަހު ސަބްސިޑައިޒްކޮށްގެން ދެމުން ދިޔަ ހިދުމަތްތައް ދޭން ސަރުކާރަށް ދަތިވާން ފަށާނެއެވެ. އިންފްލޭޝަން މަތިވާނެއެވެ. ޤައުމު މިދަނީ މި މިސްރާބަށެވެ. މިއަދުވެސް އެހެން ޤައުމެއްގައި އުޅެވޭނެ ގޮތެއް އޮތް ޒުވާނެއް ވިއްޔާ ރާއްޖެއަކު އުޅޭކަށް ބޭނުމެއް ނުވެއެވެ. މިކަމުން ސަލާމަތްވާން ބޭނުންނަމަ، ފުރަތަމަ ރައްޔިތުންވެސް ރިޝްވަތާއި ދުރުވާން ޖެހެއެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރަން ޖެހެއެވެ. އައު ސިނާއަތްތަކަށް ފުރުސަތުދީ، ފަތުރުވެރިކަމުގައި ދިވެހިންގެ ބާރުގަދަކުރަން ޖެހެއެެވެ