މިދިޔަ ހުކުރު ދުވަހަކީ ދިވެހި ދިމަކުރާތީ ހަޔާތުގައި ތާރީހީ ދުވަހެކެވެ. ކުރީގެ ތިން ރައީސުން އެއް މޭޒު ދޮށަށް މަޝްވަރާއަށް ބައްދަލުކުރި ދުވަހެވެ. ވެރިކަމުގައި ގޯސްތަކެއް ހެދުނުކަން ޤަބޫލުކޮށް، ދިވެހިންނަށް އަދު ކުރިމަތި ވެފައިވާ ތަދުން އަރައިގަނެވޭނެ މަގެއް ހޯދައިދޭނެ ކަމުގެ ވައުދާއި އެކުއެވެ. ފިކުރާއި ހިޔާލާއި އެތައް ކަމެއްގައި ތަފާތު ހުރިނަމަވެސް، ޤައުމު ރަތް ރޮނގު ހުރަސް ކޮށްފިކަން ޤަބޫލުކޮށް، ރައްޔިތުންގެ ހައްޤުގައި މަޒީގެ ހިތި ހިންދިރުވާލުމަށްފަހުއެވެ.
ދިމަކުރާތީ ނިޒާމާއި އެކު ދިވެހިންނަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް މިނިވަންކަމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމެވެ. އޭގެކުރިން ބުނެވޭ ބަހަކުން ނުހަނު ލާއިންސާނީ އަނިޔާ ލިބުނު މީހުން އެބަތިއްބެވެ. އެއީ ދުލުގެ މިނިވަންކަން ހިފެހެއްޓުމުގައި ހައްދުފަހަނަ އެޅި ޒަމާނެކެވެ. އެއީ މަޒީއެވެ. ނަމަވެސް އަނެއްކާވެސް މި ބަހުސް ކުރެވެނީ އެ މަޢުލޫއަށެވެ. ޤާނޫނުން ލިބިދޭ ހައްޤުތައް ކަށަވަރުވެފައި އޮންނަން ޖެހޭ މިންގަނޑާއި މެދުއެވެ. އެއްވެސް ހައްދެއް ނެތިތޯ ނުވަތަ ވަކި ހުދޫދެއްގެ ތެރޭގައިތޯއެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު އަސާސީ އިން ލިބިދިން ހައްޤުތަކުގެ ތެރޭގައި؛
- 27 ވަނަ މާއްދާ – ހިޔާލުފާޅު ކުރުމުގެ މިނިވަންކަން
- މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
- 28 ވަނަ މާއްދާ – ނޫސްވެރިކަމުގެ މިނިވަންކަން
- ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ށާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ށާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.
- 33 ވަނަ މާއްދާ – ނަމާއި އަބުރު ރައްކައުތެރިކުރުން
- އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
މި މާއްދާތަކަށް ބަލައިލުމުންވެސް ހައްޤުތަށް ވަނީ އެނަކުންގެ ހައްޤުތަކަށް އިޙްތިރާމް ކުރަންޖެހޭ މިންގަނޑެއްގައި ކަން އިނގެއެވެ. ނަމަވެސް މައްސަލަ ނުކުންނަ ހިސާބަކީ، މި ބަހަނާއަކަށް ހަދައިގެން ލިބިދޭ ހައްޤުތަށް ނިގުޅައިގަންނަން މަސައްކަތް ކުރާ ހިސާބެވެ. ޙާއްސަކޮށް އެކި ބާރާއި ނުފޫޒުގެ ވެރިންނެވެ. ވެރިން ޤާނޫނީ ކުށަކަށް އަރައިގަންނަ ނަމަ އެކަމުގެ ވާހަކަ ދެކެވެން ޖެހެއެވެ. އެއީ ރައްޔިތުންގެ ޙާދިމުންނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާ ބައެކެވެ. ޖައްބާރު ވެރިން ކުރިމަތީ ބަސްބުނުމަކީ ދީނުގައިވެސް ޖިހާދެކެވެ.
މީހަކު ވާހަކައެއް ހިފައިގެން އަތުވެއްޖެނަމަ ދީނުގައި އޮންނަނީ ސުވާލު ކުރުމަށެވެ. ކަން އޮތްގޮތް ބަލައި ސާފު ކުރުމަށެވެ. އެހެންކަމުން ރަދުންނާއި ސުވާލެއް ކޮށްލުމުން ކުޑަ ގޮޅިއަށް ލެވޭނަމަ، އެއޮތީ ދީނީ އަދި ޤާނޫނީ މިންގަނޑުން ރަތް ރޮނގު ހުރަސްކޮށްފައެވެ. ސުވާލު ނުކޮށް ކަން އޮތް ގޮތް ސާފު ކުރާނީ ކިހިނަކުންތޯއެވެ. އަދި ނުވިތާކަށް އަދު އޮތީ މައްސަލަ އާއި ބެހޭ ގޮތުން ޗުއްޕުވެސް ނުބުނާން ކިރިމިނަލް ކޯޓު މެދުވެރިކޮށް އާންމު އަމުރެއް ނެރެފައެވެ. މިއީ ކޮންމެ ހަމައަކުން ބެލިނަމަވެސް ހަމަޖެހޭ ކަމެއް ނޫނެވެ.
ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނެއެވެ. ކުރެވޭ ތުހުމަތުތައް ސާފުކޮށްދޭން ޖެހޭނެއެވެ. ރީތި ގޮތަކީ އެއީ ނޫންތޯއެވެ. އެއް ކޮޅުން ހެކި ތަކެއް ދައްކާ ސުވާލެއް ކުރުމުން، އެނެއްކޮޅުން ތިއީ ދޮގެކޭ އެކަނި ބުނެލުމުން ފުދޭތޯއެވެ. ދުލަށް އައިހާ އެއްޗެއް ގޮވުމަކީ އެދެވޭ ގޮތް ނޫންކަން ދަންނަމެވެ. ހައްޤުތައް ލިބިދިނުމާއި، އެކެއްގެ ހައްޤުތައް އަނެކުންގެ ހައްޤުތަކަށް އަރައިގަތުން ހުއްޓުވުން ބަހުސަކަށް ވަނީ މިހިސާބުންނެވެ.
މަސްދަރު ހާމަކުރަން އެންގުމާއި، ނޫސްވެރިންނަށް މުގުރުގެ ބިރުދެއްކުމަކީ އެއްވެސް ކަމަކަށް އޮތް ހައްލެއް ނޫނެވެ. ހައްލަކަށް ވާނީ މީހަރަށް ވުރެ ޤާނޫނުތައް ސާފުވާނެހެން ބަޔާން ކުރުމެވެ. ހައްޤުތައް ހަނިވާނެ ހާލަތްތަކާއި ސަބަބުތައް ސާފު އިބާރާތުން ލިޔުމެވެ. އެ ހާލަތްތަކުގެ އެޅޭނެ ފިޔަވަޅުތަކަކީ އެންމެ އެކަށޭނެ ފިޔަވަޅުކަން ކަނޑައެޅޭނެ އިމްތިހާނުތަކެއް އެކަށައެޅުމެވެ. އެކި މީޑިއާތަކުގައި ޝާއިރުކުރެވޭ ލިޔެކިޔުން މިނެކޭރެނެ މިންގަނޑެއް އެކުލަވާލުމެވެ. އެންމެނަށް އެއް ހަަމައަކުން އަމަލުކުރުމެވެ. ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި އެ ހައްޤުތަކުން އަނެކުންގެ ހައްޤުތަކަށް ފައިން ނާރާ ދިރިއުޅޭނެ ގޮތުގެ ހޭލުންތެރިން އާންމުންގެ މެދުގައި އިތުރުކޮށްގެނެވެ. ތަފާތު ވިސްނުމާއި ފިކުރުގެ މީހުންނާއި އެކު އެއް މޭޒެއް ދޮށުގައި އިނދެވެން ޖެހޭނެ ކަމުގެ ނަމޫނާ ދައްކައިދީގެނެވެ.
އަދު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަ އަކީ ހައްޤުތައް ނެތުމުގެ މައްސަލައެއް ނޫނެވެ. އެ ހައްޤުތައް ލިބިދިނުމާއި ހައްޤުތައް ހިފެހެއްޓުމުގެ އިން ކަނޑައެޅުމުގެ މައްސަލައެވެ. މިކަމަށް ހައްލު ހޯދޭނީ މެދުމިނުމުގެ ވިސްނުމެއް އިޙްތިޔާރުކޮށް މަޝްވަރާގެ މޭޒު ދޮށުންނެވެ.




