ގޯތި ދޭންވީ މިރަށު މީހުންނަށް

Hulhumale Phase 2

ހިޔާ މަޝްރޫޢު ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރަމުން ދިޔަ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލުމުން، އެދުވަހު ފެނިގެން ދިޔަ މަންޒަރުތަކުން، ދިވެހިރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ލޯނު ނަގައިގެންނާއި ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެތައް ފްލެޓެއް ދިޔައީ ބިމުން މައްޗައް އަރަމުންނެވެ. ނަމަވެސް ކަންބޮޑުވުމަކަށްވީ އެ މަޝްރޫޢު ނިމޭއިރު، އަނެއްކާވެސް ދިވެހި އެތައް ދަރީންނެއް ތިބޭނީ ހިޔާވަހިކަމެއްގެ އިންތިޒާރުގައި ކަމުގައިވުމެވެ. ހަމައެކަނި މާލެ ސަރަހައްދަކު ނޫނެވެ. އާއިލާގެ މެދުގައި ގޯތި ބަހަމުން ބަހަމުން ގޮސް އެކީ މަގުމަތިވެފައިވާ، މާލެއަށް އުފަން އެތައް ބަޔަކު އެބަ ތިއްބެވެ. އަމިއްލަ ޤައުމުގައި، އަމިއްލަ ރަށުގައި ރެފިއުޖީންނަށް ވެފައެވެ. ހަމަ މިޚާލަތުގައި ރާއްޖޭގެ އެހެން ރަށްރަށުގައިވެސް މީހުން އެބަތިއްބެވެ. މީގެ އިތުރުން ޒަމާނުއްސުރެ އިޤްތިޞާދީ ހުރިހާ ހަރަކާތެއް ވެރިރަށް މާލެއަށް ޖަމާކުރުމުގެ ސަބަބުން، ކުލީގެ އަޅުވެތިކަމުގައި އެތައް ބަޔަކު މާލެ ސަރަހައްދުގައި އެބަ ދިރިއުޅެމުން ގެންދެއެވެ. ރަށަށްގޮސް ދާނެ ވަޒީފާއެއް ނެތެވެ. އާމްދަނީ ހޯދޭނެ މަގެއް ނެތެވެ. ބޯހިޔާވަހިކަމުގެ މައްސަލަ މިއޮތީ ޤައުމީ ބޮޑު ކާރިސާއަކަށް ވެފައެވެ. ފްލެޓް ކޮޅަކުން ފަރުޖެހޭކަށް ނެތެވެ

އެހެންކަމުން، ތިން ލައްކަ މީހުންގެ އާބާދީއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިސްރާބުޖެހީ ވިލިމާލޭގެ ދެވަނަ ފިޔަވައްސަކަށެވެ. އެއްގޮތަކަށްވެސް މިއަދު ދުނިޔޭގައި ތިބި ހުރިހާ ދިވެހިން އެމީހުންގެ ރަށްތަކުން ގެނެސް މާލޭ ސަރަހައްދައް ޖަމާކުރާކަށް ނޫނެވެ. ނަމަވެސް ކުރިޔަށް އަންނަން އޮތް ޖީލުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުންވެދާނެ ރައްޔިތުންނަށް އެޖާގަ ކަށަވަރު ކޮށްދިނުމަށެވެ. ފްލެޓް އެކަންޔެއްނޫނެވެ. ރޯހައުސް އާއި ތަފާތު ގިންތީގެ ހިޔާވަހިކަމެވެ. އެއީ އަދި މައިގަނޑު ޕްރޮޖެކްޓްގެ އެއްބައެވެ

އާދެ، ވިލިމާލޭގެ ދެވަނަ ފިޔަވައްސަކީ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދޭން ހިންގާ މެގަ ޕްރޮޖެކްޓްގެ އެއްބައެވެ. ހަމަ މިއާއިއެކު ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ފަސްސަތޭކަ ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށް ދާނެއެވެ. ހުސް އެކުއެކީ ކުރިޔަށްދާ ކަންކަމެވެ. ޤައުމީ ކާރިސާއެއްގައި، ފިޔަވައްސަކަށް ފަހު ފިޔަވައްސެއް ކުރިޔަށް ގެންދަން މަޑުކުރެވެން ނެތީތީއެވެ. ވިސްނުމަކަށްވީ މިއީ މާލެ ރާއްޖެއެއް ނޫންކަމުގައެވެ. އަދި ކިއެއް، މިއީ އައްޑޫ ރާއްޖެ އެއް ނުވަތަ ކުޅުދުއްފުށި ރާއްޖެއެއް ވެސް ނުމެނޫނެވެ. މިއީ ދިވެހިރާއްޖެއެވެ. މާނައީ، ކޮންމެ ދިވެއްސަކަށްވެސް މިދިވެހި ފަސްގަނޑުގައި، އެމީހަކު ދިރިއުޅެން ބޭނުންވާ ސަރަހައްދެއްގައި ދިރިއުޅުމުގެ ޙައްޤު ކަށަވަރު ކޮށްދެވެންވާނެއެވެ. އައްޑޫ މީހަކު ހ.ދ ގައި ދިރިއުޅެން ބޭނުންނަމަ އެ ޙައްޤު އޮންނަންވާނެވެ. މާލެއަށް އުފަން މާލެ މީހަކު ސީނު އަތޮޅުގައި ދިރިއުޅެން ބޭނުންނަމަ އެ ޙައްޤު ވެސް ކަށަވަރުކޮށްދެވެން ވާނެއެވެ. ބޯހިޔާވަހިކަމުގެ އިތުރުން، ވިޔަފާރީގެ މާރކެޓް ބޮޑުވެ، އެ ވިޔަފާރިތައް ކުރިއަރާނީވެސް އެއިރުން ކަމުގައިވާތީއެވެ

ނަމަވެސް، އެވަރުން އަދި ފަރުޖެހޭކަށް ނެތެވެ. ކިތަންމެ ކުޑަ ކަމެއް ޖެހުނަސް މާލެ އަންނަންޖެހޭކަމުގެ ޝަކުވާ އަދި ހަމަ އޮތީއެވެ. މިކަމަށް ހައްލު ހޯދަން އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔައީ ޕައިލެޓް ޕްރޮޖެކްޓެކެވެ. އެއީ އެސްޓީއޯގެ ފަރމަސީތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމް ކުރުމުގެ ޕްރޮޖެކްޓެވެ. ޕައިލެޓް ޕްރެޖެކްޓެއްގެ ބޭނުމަކީ އެފަދަ އެހެން ޕްރޮޖެކްޓްތައް ކުރިޔަށް ގެންދާއިރު ދިމާވެދާނެ ދަތިތައް ދެނެގަނެ، އެއަށް ކުރިޔާލާ ތައްޔާރުވުމާއި ހައްލު ހޯދުމެވެ. ބޭނުމަކީ، އެހެން ޙިދުމަތްތައް ރާއްޖޭގެ އެކި ރަށްރަށަށް ފުޅާ ކުރާއިރު ފުރިހަމައަށް ތައްޔާރުވެގެން ފެށުމެވެ

މިވަރުން ވެސް އަދި ވާކަށް ނެތެވެ. ޙިދުމަތްތައް ކިތައްމެ ވަރަކަށް ގާއިމް ކުރެވިގެން ދިޔަޔަސް، އެއްރަށުން އަނެއް ރަށަށް އެކި ކަންކަމުގައި ދަތުރު ފަތުރު ކުރަން ޖެހޭނެތާއެވެ. ތައުލީމަށް، ވަޒީފާއަށް އަދި ޗުއްޓީއަށެވެ. މިކަމަށް ހައްލު ހޯދައިދޭން ފެށިގެން ދިޔައީ ކޮންމެ ރަށަކާއިވެސް އެންމެ ދުރުވެގެން 30 މިނެޓްގެ ދުރުމިނުގައި ޑޮމެސްޓިކް އެއަރޕޯޓްތައް ގާއިމް ކުރުމުގެ މަސައްކަތެވެ. އުއްމީދަކަށްވީ، އިސާހިތަކު އެތެރޭގެ އުދުހުންތައް ގިނަވެ، އަގުތަކަށް ހެޔޮ ބަދަލެއް އައިސް ލޯކަލް ޓުއަރިޒްމް ވެސް ފުޅާވެގެން ދިއުމެވެ. އެއަރޕޯޓް ތަކުގެ ޒަރިއްޔާއިން އެކަނިވެސް އެތައް ވަޒީފާއެއް އުފެދިގެން ދިއުމެވެ

ކަންދިމާކުރި ގޮތުން، 2018 ވަނަ އަހަރު ދިވެހިން ބޭނުންވީ ބަދަލެކެވެ. ބަދަލެއްގެ ހުވަފެނާއެކު އައި ބަޔަކު އައީ ބޯހިޔާވަހިކަމަށްވެސް ތަފާތު ހައްލެއް ގެނެސްދޭނެކަމުގެ ވައުދާއި އެކުގައެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ޓޯޓަލް ސޮލޫޝަނެއްގެ ބަދަލުގައި އަނެއްކާވެސް ދިމާކުރީ ދެ ފްލެޓާއި ބައިން ނިންމާލާށެވެ. އަދި ނުވިތާކަށް ފްލެޓްތައް ބުޑުގައި ޕޯޓެއްވެސް އަޅާށެވެ. ނަތީޖާއަކީ ބޯހިޔާވަހިކަމަށް ލިބެން ޖެހޭ ބިމުން ބޮޑު ޖާގައެއް ގެއްލުމެވެ. މުޅިދުވަސް ބުރަކޮށް ވަޒީފާގައި އުޅެފައި އެބުރި ފްލެޓަށް ދާން ޖެހޭނީ ޕޯޓަށް ދާހާ ބަރު އުޅަދަކާއި އެކު އޭގެ ފަހަތުންނެވެ. ސިޓިންގ ރޫމް ސޯފާގައި އޮންނައިރު އިވޭނީ ބަރުގޮނު އަޅާ އަޑާއި ލޮރީ ލޮރީއަށް މުދާ ބަރުކުރާ އަޑެވެ. ބެލްކަންޏަށް ނުކުމެލާއިރަށް ޖެހޭ ފިނި ވައިރޯޅިއާއި އެކު ނޭފަތައް ކުރާނީ ދުމުގެ އަސަރުކަމެވެ. އިސާހިތަކު، އާމްދަނީ ހޯދުމުގެ މަޤްޞަދުގައި، ފްލެޓްގެ އެންމެ ތިރީބައި ލިބޭނެ ފަރާތްތަކުން، ގޭގެ ސިޓިންގ ރޫމް މުދާ ގުދަންކުރަން ކުއްޔައްދޭން ވެސް ފަސާފާނެއެވެ. މާޒީގައި ކަންވެފައި ހުރި ގޮތުން ނުވާނޭ ދަންނަވާކަށް ނުކުރޭނެއެވެ. މާލޭގެ ކާރުބާރު ބޮޑު ދިރިއުޅުމުން، ފިލާވަޅު ލިބިގެން އާތަނެއް ޕްލޭން ކުރުމުގެ ބަދަލުގައި، ފެންނަނީ ދެވަނަ މާލެއެއް ހަދާ މަންޒަރެވެ. ޕްލޭނެއް ނެތި ކުރިޔަށް ދާކަން ހާމަވަނީ، ވެރިކަމަށް ދޮޅު އަހަރުވީ ފަހުން މޫދުގައި ގެ އަޅާވާހަކަ ދެއްކީމައެވެ. ވެރިކަމަށް އަންނަނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހޯދައިދޭނެ ހައްލު، ޕްލޭންކޮށް ނިންމާފައި ކަމުގައި ހީކުރީމެވެ. ވެރިކަމަށް އައުމަށްފަހު އޮންނާނީ އެ ޕްލޭން ތަންފީޒުކުރުން ކަމުގައި ދެކުނީމެވެ. ކަން މިވީ އެހެނަކުން ނޫން ތާއެވެ

މޫދުގައި ގެ އެޅީމައި ވާނެގޮތް މިއަދު ދިރާސާކުރަން ފެށިއްޔާ، ދެން މައްސަލައަށް ހައްލު ހޯދުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ދުވަހަކުން ތޯއެވެ؟ ތިމާވެށީގެ ޙައްޤުގައި ޕޮލޫޝަނާއި ދެކޮޅަށް މަސައްކަތް ކުރާއިރު، އިންސާނުންގެ ޙައްޤުގައި ރެސިޑެންޝަލް ޒޯނެއްގެ ބުޑުގައި ޕޯޓެއް އަޅާއިއިރު ކުރިމަތިވާނެ އެއަރ ޕޮލޫޝަނާއި ނޮއިސް ޕޮލޫޝަނާއި މެދު ވިސްނާލުން ކީއްތޯއެވެ؟ ދެމެހެއްޓެނިވި ތަރައްޤީގެ ވާހަކަ ދައްކާއިރު ދިވެހިންގެ އަބާދީވެސް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެން ދާނެ ގޮތެއް ފަހިކޮށްދިނުން ކީއްތޯއެވެ؟

ކޮންމެއަކަސް، އަނެއްކާވެސް މިއޮތީ ދެ ފްލެޓާއި ބައިގެ ނިޒާމަށް އެބުރި ގޮސްފައެވެ. ދެ ފްލެޓް އަޅާ ނިމި އޭގެން ރާހަތެއް ބަޔަކަށް ކުރާއިރު ކުރިން ތިބި ވަރަށް ވުރެ ހިޔާވަހިކަމަކަށް ބޭނުން ޖެހިފައިވާ މީހުން ގިނަވާނެއެވެ. ދެން އޮންނާނީ އަނެއްކާވެސް، ގޯތި ލިބެންވީ މަށަށޭ، މި ރަށު މީހުންނަށޭ ކިޔާ އެއްބަޔަކު އަނެއްބަޔަކާ ޒުވާބުކުރުމެވެ. ވެރިން ދާނީ ފަސް އަހަރު ނިންމާ ކޮންމެ ދަރިއަކަށް ވާވަރަށް ލަކްޒަރީ ފްލެޓް ގަނެފައެވެ

Leave a Comment

Your email address will not be published. Required fields are marked *

މީޑިއާތައް ހިންގަން ރައްޔިތުންގެ ޓެކްސް ފައިސާ ދޭން ޖެހޭތޯ؟

ކުރިއަތް އޮތް ތާނގައިވެސް “ހިޔާލު” އިން މަސައްކަތް ކުރާނީ މިމަގުގައެވެ. ތިކުރާ ކަމަކުން ކުރާނެ ފައިދާއެއް، ނުކުންނާނެ ނަތީޖާއެއް ނޯޢްނާނޭ ގޮވާ އެތައް ރައްޔިތުންނަކާއި ދިމާވެއެވެ. ނަމަވެސް ފަރުވާލެއް ނެތެވެ. ނަޝޭހަތަކީ އެކަނި ހުންނަން ޖެހުނަސް ރިޝްވަތާއި ދެކޮޅަށް ހުންނަ މީހަކަށް ވާށެވެ. އުފާވެރި އައު އަހަރަކަށް އެދެމެވެ

<- އިތުރަށް ކިޔާލުމަށް

ޕާޓީތައް ދެކެ ފޫހިވެއްޖެއޭ ގޮވަމުން ގޮނޑިތައް ޕާޓީތަކަށް

ރައްޔިތުން ބުނަނީ ޕާޓީތައް ދެކެ ފޫހިވެއްޖެކަމުގައެވެ. ޕާޓީތަކުން ބުނަނީ ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރަން ބޭނުންކަމުގައެވެ. ފެންނަނީ ބަހާއި އަމަލާއި ދިމާވާ މީހުން މަދު ޤައުމެއްގައި ކަންވާނެ ގޮތެވެ

<- އިތުރަށް ކިޔާލުމަށް

ފަޅުވި ޖޯލި

ހިތްގަޔާ ނުވާ ކަމެއް ނުހިގައެކޭ ނޫނެވެ. އެ ހަދާންތަކުން ހެވަށްވުރެ ގިނަ މީހުން ހިތުލަނީ ނުބައެވެ. ޒަމާނާއިއެކު އެ ޖޯލިތައް ކަނޑާލައިފިއެވެ. ފަޅުވެއްޖެއެވެ. އޭރު އެފެނުނު ގުޅުންތަކާއި، ހީ ސަމާސާކުރާ އަޑު އަދު މަދުން ނޫނީ ނީވެއެވެ.

<- އިތުރަށް ކިޔާލުމަށް

ވަޒީފާއަކީ މުޅި ދިރިއުޅުން ކަމުގައި ނުހަދާ

ވަޒީފާގައި އަވަދިވިޔަސް، އަލްވަދާއު ކިޔަން ޖެހޭނެ ދުވަސް އަންނާނެއެވެ. އެގުޅުންތައްވެސް ފަނޑުވެދާނެއެވެ. ފީވި ކަށިތަކާއި ސިއްހަތު އިޔާދަކުރަން ދަތިވާނެއެވެ. ބަލިވީމަކާއި އޮފީހަކުން އަޅައެއް ނުލާނެއެވެ. އެހީވާން ތިބޭނީ ހަމަ އާއިލާއެވެ. އެޅި ނަމާދަކާއި މެދު ސުވާލު ވެވޭނެ ދުވަސްވެސް އަންނާނެއެވެ. ސަލާމަތްކޮށްދޭން މެނޭޖަރެއް ނާއްނާނެއެވެ

<- އިތުރަށް ކިޔާލުމަށް