ސްކޫލަށް ގެންދިޔުންވެސް ބޮޑު ބުރަޔަކަށް

ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާއަކީ ބޮޑު ޒިންމާއެކެވެ. ބޮޑު ހަރަދެއްވެސް ހިނގާކަމެކެވެ. ވަޒީފާއަށް ވަގުތު ދީފައި ބެލެނެވެރިއެއް އެންމެ ގިނަ ވަގުތު ހޭދަކުރާނެ އެއްކަމަކީ ދަރިންގެ ތަރުބިއްޔަތާއި ގުޅޭ އެކި ކަންކަމުގައި އަވަދިނެތި އުޅުމެވެ. ހެދުނުގެ ނާސްތާ ދިނުމެވެ. ސްކޫލަށްލާ ބަލައިދިއުމެވެ. ފޮތްތައް ދަބަހަށް އަޅައިދީ ހަމަކޮށްދިނުމެވެ. ޓިއުޝަން ކްލާހަށްލާ ބަލައިދިއުމެވެ. ހޯމްވޯކް ހެދުމުގައި އެހީވެދިނުމެވެ. ސްކޫލުން ބޭރުގައި ހިންގޭ އެކި ހަރަކާތްތަކަށް ގެންގޮސްދިނުމެވެ. މިހެން ގޮސް އެތައް ކަމެކެވެ

ދިރާސީ އަހަރު ފެށޭއިރު ސްކޫލަށް ޓީޗަރުން ހަމަނުވެގެން އެކަމާއި ކަންބޮޑުވާން ޖެހެއެވެ. ފޮތް ލިސްޓަށް ފޮތްކޮޅު ހޯދަން އަދިވެސް ޖެހެނީ ސިޓީއަކުން ދަންނަވާށެވެ. ފޮތް ލިސްޓަށް ފޮތް ލިބުން ލަސްވެ އެކަމާއި ކަންބޮޑުވާން ޖެހެއެވެ. ނަންކޮޅު ހަރުކޮށް ސޮލޭފިން ލައްވަން އަދި އެތައް ވަގުތެކެވެ. ސްކޫލް ޔުނީފޯމް ލިބުން އެހާ ދައްޗެވެ. އެކަންވެސް ވަކި ބަޔަކު ކޮންޓްރޯލް ކުރާ ވިޔަފާރިއަކަށް އޮންނަނީ ވެފައެވެ

ވަޒީފާއަށް ދިއުމުގެ ކުރިން ދަރިން ސްކޫލަށް ލާންދާން ޖެހޭނެއެވެ. އޮފީހުގައި އިނދެފައި މެންދުރު ދަރިން ބަލާ ސްކޫލަށް ދާންޖެހޭނެއެވެ. ހަވީރު ކޮންމެވެސް ހަރަކާތަކަށް ނުވަތަ އިތުރު ގަނޑީގެ ކޮންމެވެސް ކްލާހަކަށް ލާންދާން ޖެހޭނެއެވެ. އިރުއޮއްސޭއިރަށް އަނެއްކާ ދަރި ބަލާ ދާންޖެހޭނެއެވެ. ޓިއުޝަން ކްލާހަކަށް ގެންދާނަމަ ރޭގަނޑު އެތާކަށް ގެންގޮސް ބަލާ ދާންޖެހޭނެއެވެ. އެކި ގްރޭޑްތަކުގައި އުޅޭ ދެތިން ދަރިން ތިބިނަމަ މިއީ ކިހާ ވަގުތެއްތޯއެވެ

ދެންއޮތީ މިހުރިހާ ކަމަކަށް ހިނގާ ހަރަދެވެ. އެކްޓިވިޓީ ޔުނީފޯމް ލިބެނީ އީވްއިންނެވެ. ސްޓޮކް ހުސްވެއްޖެނަމަ ކިޔެވުން ފެށޭފަހުންވެސް އެތައް މަހެއް އެ ޔުނީފޯމް ނުލިބި ހުންނަންޖެހެއެވެ. ދެން އޮންނަނީ އެކި ކޮންސާޓްތަކެވެ. އިރުކޮޅުކޮޅާ މިއަށް އެކި ހެދުން ފަހަން ޖެހެއެވެ. މިއީވެސް ހިނގާ ބޮޑު ހަރަދަކަށް ވެއްޖެއެވެ. މީގެ މައްޗަށް އެކި ފިލާވަޅުތަކާއި ގުޅިގެން ކޫސަނި ތަކެތި ހޯދަން ޖެހެއެވެ. ވައިބަރ ގްރޫޕެއްގައި ގިނަ ފަހަރު ތަކެތި ހޯދަން އަންގާނީ އިގިރޭސިން، ގެންދަން ޖެހޭ ދުވަހުގެ ކުރީ ރެއެވެ. އިގިރޭސި ބަސް އެހާމޮޅަށް ނޭގޭ ބެލެނިވެރިއެއް ނަމަ އެހެން މީހުން ކައިރިން އަހައިގެން އެއީ ކޯއްޗެއްތޯ އޮޅުންފިލުވަންޖެހެއެވެ. ފިހާރަތައް ލައްޕަންވާއިރަށް އެތަކެތި ހޯދަން އަދި ދުވަން ޖެހެއެވެ

މިވަރުކޮށްފައި މަތިމައްޗަށް ދަރިވަރުންނަށް އެދޭ ހޯމްވޯކްތަކާއި ހެދި ދަރިވަރުންނަށްވެސް ހަޤީގަތުގައި ހަމަޖެހިލުމުގެ ފުރުސަތެއް ނުލިބެއެވެ. ބޮޑު ޗުއްޓީއަށް ކުދިން ދާއިރުވެސް އަލުން ސްކޫލް ހުޅުވެންވާއިރަށް ނިންމަން ހޯމްވޯކްދެއެވެ. ބޮޑު ޗުއްޓީ އޮތީވެސް ބޮޑު ސަކަރާތަކަށްވެފައެވެ. ފޮތަށް ހައްދުފަހަނަ އެޅިއެޅީނުން ދިރިއުޅުމުގެ އެއްވެސް ހުނަރެއް ދަރިންނަށް ދަސްކޮށްނުދެވެއެވެ. ހިތާމައަކީ ކުރިއަށްވުރެ ގަދަޔަށް ފިލާވަޅު ހެދުމުގައި ދަރިވަރުން ގާނުވާލިޔަސް، މިއަދު ތައުލީމީ ފެންވަރު ދަށްކަމެވެ. ސްކޫލް ނިންމާ ގިނަކުދިންގެ ފެންވަރު ދަށްވަމުންދާކަމީ ޤަބޫލުކުރަންޖެހޭ ހާގީގަތެކެވެ. ސްކޫލަށް ގެންދިއުމުގެ ބޮޑު ބުރަ އުފުލަނީ ނުހަނު ފޮނި އުއްމީދުތަކަކާއި އެކުއެވެ

ނަމަވެސް ތަފާތުކުރުންވެސް އެހާމެ ބޮޑެވެ. ތަނަވަސް ބެލެނިވެރިން ޓީޗަރު ރުއްސަން އެކި ހަރަކާތްތަކަށް ހެސްކިޔާފައި ހަރަދުކޮށްލަނީއެވެ. ހަރަދު ދެވެން ނެތް ބެލެނިވެރިންގެ ދަރިން ބާކީކޮށް ތަފާތުކޮށްލާ މަންޒަރު ސްކޫލްތަކުން ފެންނަނީ މަދެއްކޮށެއްނޫނެވެ. މިވެސް ބަދަލު ނުވި އާދަކާދައެކެވެ. ސްކޫލްތަކުގައި ހަޤާކުރުންވެސް އެހާ އާންމެވެ. އަދި މިހާރު ވޭޕްކުރުން ފަދަ ކަންކަންވެސް އަންނަނީ އާންމުވަމުންނެވެ. މިއިން ކަމެއް ދުވަހަކުވެސް ހައްލުވެ ހުއްޓުވޭތަނެއް ނާދެއެވެ. ހައްތަހާވަނީ އިތުރެވެ. ހާޤީގަތުގައި ސްކޫލަށް ދަރިން ގެންދިއުމަކީ ބޮޑު ބުުރައެކެވެ. މިކަމަށް ބަދަލެއް އަންނަން އެބަޖެހެވެ

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް