ހަރަދުކުޑަކޮށް ދުޅަހެޔޮކޮށް

ކުއްލި މަރުތައް ގިނަވަމުންދާ ވާހަކައެވެ. ޒުވާން އުމުރުގައި ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހި ވަކިވެގެންދާ ވާހަކައެވެ. ކެންސަރާއި ހަކުރު ބަލި އިތުރުވަމުންދާ ވާހަކައެވެ. މި ވާހަކަތައް ދައްކާތާ އެތައް އަހަރެކެވެ. ފުޓްބޯޅަ ކުޅެން ގޮސްހުއްޓާ ކުއްލިއަކަށް މަރުވެގެން ވެއްޓިދާނެއެވެ. ހެނދުނު ނުހޭލައިގެން ބަލާއިރު މަރުވެފައި އޮވެދާނެއެވެ. މިފަދަ ހާދިސާތައް ގިނަވުމަކީ އިންޒާރެކެވެ. ދިރިއުޅުމުގެ ވައްޓަފާޅީއާއި އާދަތަކަށް ބަދަލު އަންނަންޖެހެއެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވާ އެއް ސަބަބަކީ ގައިން ގަޔަށް ނާރާ ބަލިތަކެވެ. ބައެއް މީހުން ބުނާތީ އިވެއެވެ. މަރުވާ ވަގުތު ޖެހުމުން މަރުވާނެއެވެ. ނަމަވެސް ހަމަ މަރުގެންދަވާ ފަރާތުން އަންގަވާފައިވަނީ ސަބަބުތަކުގައި ހިފުމަށެވެ. އަމިއްލަ ނަފްސަށް ގެއްލުން ނުދިނުމަށެވެ. އެހެންވީމައި އެފަދަ ތާކުންތާކު ނުޖެހޭ ބަހާނާ ނުދައްކަމާތޯއެވެ

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާއި އެފަދަ ބަލިތައް ކޮންޓްރޯލްކުރުމާ ބެހޭގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގައި 2011 ވަނަ އަހަރު ބޭއްވުނު “ހައި ލެވެލް މީޓިންގ އޮން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮފް ނޮން-ކޮމިޔުނިކެބަލް ޑިޒީޒަސް” ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން، ޤައުމުގެ ކުރިއެރުންތަކަށް ހުރަސް އެޅޭކަމުގައި ކުރީގެ ރައީސް، ޑރ.މުޙައްމަދު ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. އެޕިޑެމިއޮލޮޖިސްޓެއްކަމުގައިވާ ޑރ.އައިޝަތު އަރޫނާ 2017 ވަނަ އަހަރު ވިދާޅުވެފައިވަނީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހޭ އުމުރު ހަގުވަމުންދާކަމުގައެވެ. އޭގެ ފަހުން ހަތް އަހަރުވީއިރު، މިކަން އަދިވެސް އޮތީ މި ހާލަތުގައެވެ. ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މައިގަނޑު ސަބަބުތަކެއް ކަމުގައި އޭރުވެސް ޑޮކްޓަރ ފާހަގަކުރެއްވި މައިގަނޑު ކަންކަމަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި، ހެލިފެލިވެ އުޅުން ކުޑަވުމާއި ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން މަދުވުމާއި އެނަޖީ ޑްރިންކް ފަދަ ގެއްލުންހުރި އެއްޗެހި ބޭނުންކުރާ މިންވަރު އިތުރުވުމެވެ. 2016 ވަނަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތު ސްކްރީންކޮށްކުރި ދިރާސާއެއްގައި އެއްކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެކުދިންގެ ބެލެނިވެރިންގެ 43 އިންސައްތަ މީހުން ދުންފަތުގެ އިސްތިއުމާލުކުރެ އެވެ. ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން 2020 ވަނަ އަހަރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވީ ހިތުގެ މައްސަލަތަކުގައިކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ

2022 ވަނަ އަހަރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި ދިރާސާގެ ނަތީޖާތައް ދައްކާގޮތުން، ދިވެހީންގެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ބްލަޑް ޕްރެޝަރ ހުރީ ހުންނަންޖެހޭ މިންވަރަށްވުރެ މާ މަތީގައެވެ. ޔުނިސެފުން އިސްނަގައިގެން މިއަހަރު ފަށާފައިވާ ސިލްސިލާ މަޝްވަރާތަކެއްގެ ސެޝަނެއްގައި، ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ ވިދާޅުވީ ހުންނަން ޖެހޭ ވަރަށްވުރެ ރާއްޖޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބަރު ކަމަށެވެ. އެއާއެކު، މި ސަރަހައްދުގައި އެންމެ ބަރު މީހުން އުޅެނީ ރާއްޖޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން މިހާރު ދަނީ ރާއްޖޭގައި ކެންސަރު ގިނަވާ ސަބަބު ދެނެގަތުމަށް ވޯލްޑް ހެލްތް އޯގަނައިޒޭނާއި ގުޅިގެން ދިރާސާއެއް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ގައިންގަޔަށް ނާރާ ބަލިތައް ގިނަވެ، އޭގެ ސަބަބުން ސިއްހީ ދާއިރާއަށާއި، ދައުލަތުގެ މާލިއްޔަތަށް ވަނީ ބޮޑު ބުރައަކަށްވެފައެވެ. ސަރުކާރުތަކުން އިސްނަގައިގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހިތްވަރުދިނުމުގެ ޕްރޮގްރާމްތައް ހިންގައެވެ

ގިނަ މީހުންގެ ބަހަނާއަކަށްވަނީ ކަސްރަތުކުރަން ވަގުތު ނުވުމާއި ރަނގަޅު ކާނާ ކައުމަށް ފައިސާނެތުމެވެ. ސިގިރޭޓް ބޯން ކޮންމެ ދުވަހަކު ހޭދަކުރާ ވަގުތު އެހެންވީމައި ދޫކޮށްލަންވީނުންތޯއެވެ. ދުވާލަކު ސަތޭކަ ރުފިޔާ ދީފައި ހުސްކޮށްލާ ސިގިރޭޓް ފޮށި ގަތުން ހުއްޓާލަންވީނުންތޯއެވެ. އެ ސަލާމަތްވީ ގާތްގަޑަކަށް މަހަކު ތިންހާސް ރުފިޔާއެވެ. އޭގެން ހަމަގައިމުވެސް މަހަކު ދެ ހަފްތާނަމަވެސް ކާލެވޭނެވަރުގެ ކެރެޓްކޮޅަކާއި ކިއުކަމްބާކޮޅެއް ގަނެވޭނެއެވެ. ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓު އެތެރެކުރާކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ. އެއީ 1.8 ބިލިއަން ރުފިޔާގެ ހޭދައެކެވެ. ދުވާލަކު ތިން ހަތަރު ކޮފީއަށް އެރުމުގެ ބަދަލުގައި އެވެސް މަދުކޮށްލަންވީނުންތޯއެވެ. އެއީވެސް ވަގުތާއި ފައިސާއެވެ. ތިން ކޮފީއަށް، ކޮންމެ ކޮފީއަކަށް ބައިގަނޑިއިރުކަމަށް ބަލާނަމަ، ދުވާލަކު އެންމެ ކޮފީއަކަށް މަދުކޮށްލަނިކޮށް އެ ސަލާމަތްވީ އެއް ގަނޑިއިރެވެ. ކޮންމެ ކޮފީއަކަށް ބިލް ބަހާލައިގެން، މީހެއްގެ އަތުން ފަންސާސް ރުފިޔާކަމަށް ބަލަމާތޯވެ. ތިން ކޮފީއަށް އެއީ ސަތޭކަ ފަންސާހެވެ. ދުވާލަކު އެއްކޮފީއަށް މަދުކޮށްލުމުން މަހަކު އަނެއްކާވެސް ތިންހާސް ސަލާމަތްވީއެވެ. އޭގެން ހަމަގައިވެސް ކަދުރު ޕެކެޓެއް ގަނެވޭނެއެވެ. ކަދުރަކީ ފައިދާހުރި މޭވާއެކެވެ. ހަމައެކަނި ރޯދަމަހަށް ހާއްސަ އެއްޗެސްވެސް ނޫނެވެ. ކޮންމެ ދުވަހަކު ތިން ކަދުރު ކާލިޔަސް މިހާރަށްވުރެ ހެޔޮ ބަދަލެއް އަންނާނެއެވެ. އަދި އެނާޖީ ޑްރިންކަށް ކުރާ ހަރަދު ކޮބައިތޯއެވެ

ދުޅަހެޔޮކޮށް އުޅެން ހަރަދު އިތުރުވުމުގެ ބަދަލުގައި ހަރަދު ސަލާމަތްވީއެވެ. ދެން އޮތީ ރަނގަޅަށް ނިދުމެވެ. މެންދުރު ބާރައިގެ ފަހުން ކޮފީ ނުބޯށެވެ. ކޮފީގެ އަސަރަކީ އެތައް ގަނޑިއިރެއް ހަށިގަނޑުގައި ހުންނަ އެއްޗެކެވެ. އިރުއޮއްސޭއިރު ބޯ ކޮފީގެ އަސަރު ދަންވަންދެން ހުންނާނެވެ. ނިދުނަސް ހަށިގަނޑަށް ބޭނުންވާ “ޑީޕް ސްލީޕެއް” ނުލިބޭނެއެވެ. ކެއުމުގައިވެސް މެދުމިންގަނޑެއް ގެންގުޅޭށެވެ. ދީނީ ގޮތުން ބަލާއިރުވެސް ކާން އޮންނަނީ ގޮހޮރުގެ ތިންބައިކުޅަ އެއްބައި ފުރޭވަރަށެވެ. ހަބަނޑަށް ހުދު ބަތް ކައިގެން ލޮޑުވެފައި އޮތުމުން ކަމަކުނުދާނެއެވެ. ދެން އޮތީ ހެލިފެލިވެ އުޅުމެވެ. ހެދުނު ދުވަން ކޮންމެ މީހަކަށް ނުދެވިދާނެއެވެ. ދަރިން ސްކޫލަށް ލާންދާން ޖެހޭ މީހުން ސައިކަލުގައި ގޮސްގެން ނޫނީ ނުވާނެއެވެ. ނަމަވެސް އެފަދަ ޒިންމާއެއް ނެތްނަމަ ތަންކޮޅެއް ކުރިން ނުކުމެ އޮފީހަށް ހިނގާފައި ދިޔުން ކީއްތޯއެވެ. ގެޔަށް އައުމާ ލައިގެން، ދުވާލަކު ހަށިގަނޑަށް ބޭނުންވާނެ ބައިގަނޑިއިރުގެ ލުއި ކަސްރަތު ހުންނާނީ ލިބިފައެވެ. ޒިންމާތަކާއިހެދި އެކަން ވާން ނެތް މީހުން، ރޭގަނޑު ފިހާރައަކަށް ދާއިރު ނުވަތަ ރަހްމަތްތެރިންނާއި ދިމާވެލަން ދާއިރު ހިގާފައި ދިއުން ކީއްތޯއެވެ. ތިމާގެ އަމިއްލަ ސިއްހަތައް ބަލަން ބޭނުން ނޫންނަމަ ކުޑަމިނުން އެހެން މީހުނާއި މެދު ވިސްނާލައިގެން އުޅުން ކީއްތޯއެވެ. ދުންފަތުގެ ދުމަކީ އޭގެ އަސަރުން އެ ނުބޯމީހުންނަށްވެސް ގެއްލުންވާ އެއްޗެކެވެ. ހަރަދުކުޑަކޮށްވެސް ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ނުވާނެހެން ދިރިއުޅުން ބައްޓަން ކުރެވޭނެއެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް