ވޯޓު ވިއްކާހާ ހިނދަކު ރައްޔިތުން ފަގީރުވުމީ ވެރިންނަށް ލިބޭ މޮޅެއް

ނަވާރަވަނަ މަޖިލިސް އިންތިހާބެވެ. އިންތިހާބުތެރޭ ރިޝްވަތު ބެހިކަމީ ސިއްރެއްނޫނެވެ. ކޮންމެ މުޖުތަމައުއެއްގައިވެސް ނޭދެވޭ ކަންކަންކުރާ މީހުން ތިބޭނެއެވެ. އެގޮތުން ރިޝްވަތު ބަހަން ނުކުންނަނީ ސިޔާސީ މައިދާނުގައި ތިބޭ އެންމެ ނޭއްގާނީ ކޮރަޕްޓް މީހުންނެވެ. އަނެއްކޮޅުން ޓްރާންސްޕޭރަންސީގެ ރިޕޯޓުތައް ދައްކާގޮތުން އެފަހަރު ވޯޓުލާން ނުކުތް އާބާދީގެ %70 މީހުން ވޯޓު ވިއްކިއެވެ. ވޯޓު ވިއްކަނީ ވިޔަފާރިވެރިންނަށެވެ. ތިމާގެ ދަރިންނަށް މަސްތުވާތަކެތި ފޯރުކޮށްދޭ ޑްރަގް ޑީލަރު ފަންޑުކުރާ މީހުންނަށެވެ. ކޮންމެވެސް ރިސޯޓު އޯނަރެއް ފަންޑުކުރާ މީހަކަށެވެ. ވޯޓު ވިއްކުމުގެ ނަތީޖާއަކީ އެމީހުން ހޮވުމުވެ. ބާރުހުރި، ގޮތް ނިންމާ ބޮޑެތި މަޤާމުތަކަށް އައުމެވެ. ވޯޓު ވިއްކާފައި ރައްޔިތުން ކުރަނީ ޝަކުވާއެވެ. ބުނަނީ މަޖިލީހަށްވެސް ބޭނުންވަނީ ކިޔަވައިގެން ތިބި ހަރުދަނާ ބައެއްކަމުގައެވެ. ވިޔަފާރިވެރިންގެ އަތްދަށުން މަޖިލިސް ސަލާމަތްކުރަން ޖެހޭކަމުގައެވެ. މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރަން ޖެހޭކަމުގައެވެ. ބަހާ އަމަލާ އެބަ ދިމާވޭތޯއެވެ. އެފަދަ ބަޔަކަށް ބާރު ލިބޭނެހެން ވޯޓު ވިއްކާފައި އައިސް ދައްކާ ވާހަކައެވެ.

ރިޔާސީ އިންތިހާބެއް، މަޖިލިސް އިންތިހާބެއް، ކައުންސިލް އިންތިހާބެއް ވަކި ނެތެވެ. ކޮންމެ އިންތިހާބަކަށް ވޯޓު ވިއްކަނީއެވެ. ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައިވެސް ވޯޓު ވިއްކަނީއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީ ތެރެއިންވެސް ކުރިއަރައިގެން ދަނީ އެންމެ ކޮރަޕްޓް މީހުންނެވެ. ޤައުމުގެ ކުރިބޯއްޓަށް އަރަނީވެސް އެންމެ ކޮރަޕްޓް މީހުންނެވެ. ބަހާނެ ފައިސާ ހުރިއްޔާ ރައްޔިތުންގެ ތާއީދު ނެތަސް ވޯޓު ލިބެއެވެ. ވިޔަފާރީގެ އުސޫލުން ވިސްނަވާށެވެ. ވޯޓު ވެފައި މިއޮތީ އިންވެސްޓްމެންޓަކަށެވެ. ގަންނަ މީހާ ބޭނުންވާނީ ވީހާވެސް ކުޑަ އަގެއްގައި ވީހާ ގިނަ ވޯޓު ގަންނާށެވެ. އެމަގަށް ދެވޭނީ ވޯޓު ވިއްކަން ތިބި ބައެއްގެ ހާލަތު ދަށްވެގެންނެވެ. ދެއިރު ކާން ނުލިބޭ މީހާ އެއްއިރުގެ ކޮއްތުއަށް ވޯޓު ވިއްކާލާނެއެވެ. އެކަމަކު ކިރިޔާވެސް ދެކޮޅު ޖެހިގެން އުޅޭ މީހަކުނަމަ ކިޔާނީ ބޮޑު އަގެކެވެ. ބޮޑު އަގު ދޭންޖެހޭ މީހުން ގިނަވުމީ ވޯޓު ވިއްކާ މީހުންނަށް އިންވެސްޓްމެންޓް އަބުރާ ހޯދުމުގައި ދިމާވާނެ ދައްޗެކެވެ.

އެއްބައި މީހުން އަތުން ވޯޓު ގަންނަނީ ކްރެޑިޓަށެވެ. ބޭސް ސިޓީއަކަށް ފައިސާ ދެއްކުމަށާއި، ގޭގެ ކަރަންޓް ބިލާއި ފެން ބިލް ދައްކައިދިނުން ފަދަ ކަންކަމަށެވެ. މިކަންކަން ހަމަ އެކަނި މެމްބަރުންނަށް އެ ލިބޭ މުސާރައަކުން ނުވާނެއެވެ. އެކަމަކު މިފަދަ ކަންކަމަށް ޑިމާންޑް ކުރުމާއިއެކު ރައްޔިތުން ގޮވާލަނީ މެމްބަރުންގެ މުސާރަ ކުޑަކުރުމަށެވެ. އެމީހުން އެއްބަސްވެގެން ކުރާނެތޯއެވެ. މުސާރަ މަދުވެގެން ދެން ވައްކަން ކުރަނީ ހަމަ ތި ދާއިރާތަކަށް އަންނަން ހުރި ޕްރޮޖެކްޓްތަކުންނެވެ. ދެވަނަ ދައުރަކަށް ހޮވެންވެސް ފައިސާ އެބަ ބޭނުންވެއެވެ. އެހެންވީމައި ވެންމަސް ވެނަށް ކާންދެނީއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުން ގަންނަނީއެވެ. ވޯޓު ވިއްކާލާ ރައްޔިތު މީހާވެސް އެއަރައިގަންނަނީ އެހެން ރައްޔިތުންގެ ހައްޤުތަކަށެވެ. މާނައީ ދީނީ ނަޒަރަކުން ބަލާއިރު ކާނެ ވަރަކަށް ކާލައިގެން އަދި ތައުބާވިއަކަސްވެސް ނުފުދެއެވެ. މީހެއްގެ ނުވަތަ ބައެއްގެ ހައްޤަކަށް އަރައިގެނެފައިވާނަމަ، އެމީހުންގެ ކިބައިން މާފުނުލިބޭހާ ހިނދަކު ތައުބާފުރިހަމަވެސް ނުވާނެއެވެ. ވޯޓު ވިއްކުމުގެ ނަތީޖާއަކީ ޤައުމުގެ ހުރިހާ ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހުމެވެ. ކިތަންމެ ގިނަ ބަޔަކު ކުރިއަސް ފާފައެއްވާނީ ފާފައަކަށެވެ.

ރައްޔިތުމީހާގެ ޒިންމާއަކީ ހަމައެކަނި ވޯޓުލުމެއް ނޫނެވެ. ރައްޔިތު މީހާގެ ބާރަކީވެސް ހަމަ އެކަނި ވޯޓު ކަރުދާސްކޮޅެއް ނޫނެވެ. ތިމާގެ ވޯޓުން ހޮވާ މެމްބަރުންނާއި ކައުންސިލަރުން ތިމާ ޒިންމާދާރު ކުރުވަން އުޅެންވާނެއެވެ. އެކަން ނުވަނީ ވޯޓު ވިއްކާތީއެވެ. ވޯޓު ވިއްކަ މީހާއަށް ކަންކަން ރަނގަޅުކުރަން އެދި މެމްބަރު ގާތަށް ދާކަށް ނުކެރެއެވެ. ދިޔަސް މެމްބަރުވެސް ދިމާލަށް ބުނާނީ މިއީ ގަނެފައި އިން ގޮނޑިއެއް ކަމުގައެވެ. މި ނިކަމެތި ލިބިގަތީ އަމިއްލައަށެވެ. ފައިސާގެ އަވާގައި ގިނަ ބަޔަކު ހައްދުފަހަނައަޅައި ގޮސްފައިވަނިކޮށް ކުރިމަތިމިވަނީ ފައިސާގެ ތަދުމަޑުކަމެކެވެ. ރޯދަމަހުގެ ފަހުދިހައެއްގައި ރައްޔިތުންގެ ގިނަ ބަޔަކު އުޅުނީ ހޭވައްޓާލާފައި ރިޝްވަރު ކާށެވެ. މަޖިލިސް އިންތިހާބާއި ޖެހުމުންނެވެ. މިފަހަރު ސައިތޯނާގެ ބޮލަށްވެސް ކަޑާނުލެވޭނެއެވެ. ދުޢާ އަކީ ރިޝްވަތުގެ ފާފައިގައި ބައިވެރި ނުވާ މީހުން އާންމުވެގެން އަތުވެދާނެ އަޒާބާކުން ރައްކާތެރިކުރެއްވުމެވެ. ރިޝްވަތު ނަގާ މީހާއަށް ހެޔޮވިސްނުން ދެއްވުމެވެ.

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް