މުސްކުޅި އާބާދީ އަކާއި އިޤްތިސާދް

ނޮވެމްބަރ 15 2022 ގައި ދުނިޔޭގެ އަބާދީ ވަނީ 8 ބިލިއަން ހުރަސްކޮށްފައެވެ. 7 ބިލިއަނުން 8 ބިލިއަނަށް އިތުރުވާން ނެގީ އެންމެ 12 އަހަރެވެ. މިއާއެކު އެއް ދުވަސްވަރެއްގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ދުނިޔޭގެ އާބާދީ ބޮޑުވުމާއި އެކު ދިވާމާވާނެ ގޮންޖެހުންތަކުގެ ވާހަކައެވެ. އެންމެނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި، ކާބޯތަކެތީގެ ޔަގީންކަމާއި ބިމުގެ ވަސީލަތްތައް ހުސްވެދާނެކަމުގެ ކަންބޮޑުވުމެވެ. ނަމަވެސް މިއަދު އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން ފާހަގަ ކުރަނީ މުޅިން އެހެން ކަންބޮޑުވުމެކެވެ. އެއީ ދުނިޔޭގެ އަބާދީ އިތުރުވަމުންދާ މިންވަރު ދަށްވަމުން ދިއުމެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ދަރިން ހޯދައި މިންވަރު ދަށްވެ، ޒުވާން ކުޑަ އާބާދީއަކަށް މުސްކުޅި ބޮޑު އާބާދީއެއް ބަލަން ޖެހިދާނެ ކަމުގެ ކަންބޮޑުވުމެވެ. މިއާއި އެކު މުޅި ދުނިޔޭގެ އިޤްތިސާދަށް އަންނާނެ ލޮޅުމެވެ

އަބާދީ އިތުރުވާ ނިސްބަތް މަދުވާ ސަބަބުތަކުގެ ގޮތުގައި ޔޫ.އެން އަދި އައި.އެމް.އެފް އިން ފާހަގަކޮށްފައިވަނީ މުއްސަދިންނާއި ފަގީރުންގެ ފަރަގު ބޮޑުވަމުން ދިއުމާއި، ފިރިހެނުންގެ ދަރިފަނީގެ ބާރުދެރަވަމުން ދިއުމާއި، މީހުންގެ އުމުރު ދިގުވުމާއި (ޔޫ.އެން ގެ ހިސާބުތަކުން ފެންނަ ގޮތުގައި 1934ގައި އިންސާނުންގެ އުމުރު ހުރީ އެވެރެޖް ގޮތެއްގައި 34 އަހަރުގައެވެ. 2022 ގައި މި އެވެރެޖް ހުރީ 72 އަހަރުގައެވެ)

މުސްކުޅި އާބާދީ އަކާއި އެކު ބޭސްފަރުވާގެ އެކި ސްކީމްތަކަށް ސަރުކާރުން ކުރަންޖެހޭ ހޭދަ ބޮޑުވާނެއެވެ. ވަޒީފާއަށް ނުކުންނަ ރަށްވެހިން މަދުވެ، ބިދޭސީން ގިނަވާނެއެވެ. ޤައުމުން ފައިސާ ބޭރުވުން އިތުރުވާނެއެވެ. ސަރުކާރު ހިންގުމަށް ބޭނުންވާ ޓެކްސް ފައިސާ ލިބުން މަދުވާނެއެވެ. ޤައުމުގެ އުފެއްދުންތެރިކަން ދަށްވެ ޚަރަދު އިތުރުވެގެންދާނެއެވެ. ޢިޤްތިސާދުގެ އިންޖީނު ހުއްޓުނަ ނުދިނުމަށް ރިޓަޔަރ ކުރެވޭ އުމުރު މަތިކުރަން މަޖުބޫރުވާނެއެވެ. ބިދޭސީންނަށް ރަށްވެހިކަން ދޭންޖެހޭނެއެވެ. ފާޅުގައި އެވާހަކަ ނުދެއްކިނަމަވެސް މީގެ ނިޝާންތައް ރާއްޖެއިންވެސް ދަނީ ފެންނަމުންނެވެ. ދާދިފަހުން އާސަންދައިން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި އެ ސްކީމް ހިންގަން ރައްޔިތުންގެ އަތުން ފީއެއް ނަގަން ޖެހިދާނެކަމަށް ބުނެފައެވެ. ރިޓަޔަރ ކޮށްފައި ތިބި ސިއްހީ ޚިދުމަތްތެރިން އަލުން ޚިދުމަތަށް ނެރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފިއެވެ. ރިޓަޔާރ ކުރެވިދާނެ އުމުރު މަތިކޮށްފިއެވެ

މުސްކުޅިވަމުންދާ އަބާދީ އަކާއި އެކު އިޤްތިސާދު މެނޭޖްކުރާނެ ގޮތުގެ ފިލާވަޅަކަށް މިއަދު ގިނަ ޤައުމުތަކުންނާއި ދުނިޔޭގެ އިޤްތިސާދާއި ބެހޭ ޖަމިއްޔާތަކުން ބަލަނީ ޖަޕާނާއި ދިމާލަށެވެ. މުސްކުޅިވަމުންދާ އާބާދީއަކާއި އެކު އަންނަ ގޮންޖެހުންތަކާއި، އެއަށް ހޯދިދާނެ ހައްލުތަކުގައި، އެއް ޤައުމު އެނެއް ޤައުމާއި ދެމެދު ތަފާތުތަކެއް އުޅޭނެއެވެ. ނަމަވެސް ޖަޕާނުގެ ތަޖުރިބާތަކުން ފިލާވަޅު ހާސިލްކުރެވޭނެއެވެ. އިޤްތިސާދީ އިންޖީނު ހުއްޓުނަ ނުދީ ހިފެހެއްޓުމަށް ރިޓަޔާރ ކުރެވޭ އުމުރު މަތިކުރުމުގެ އިތުރުން، ރޮބޮޓިކްސް އަދި އޮޓޮމޭޝަން ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވީހާވެސް ގިނަ މަސައްކަތްތަކެއް އޮޓޮމޭޓުކުރުމަކީ ދުރުރާސްތާގައި ހައްލެކެވެ. މިކަމަށް ބޭނުންވާ ޚަރަދު ކުރެވޭނެ ގާބިލުކަން ނެތް ޤައުމުތަކުން ބިދޭސީންނަށް ރަށްވެހިކަން ދީގެންވެސް އިޤްތިސާދު ހިންގިދާނެއެވެ. މުސްކުޅި އާބާދީއަކާއި އެކު ފަހަށް ރައްކާކުރާ މިންވަރު އިތުރުވެ، އިޤްތިސާދުގައި ފައިސާ ދައުރުވާ މިންވަރުވެސް ދަށްވެގެންދާނެއެވެ. މިއާއެކު ޕޮލިސީތައް ބައްޓަން ކުރަން ޖެހޭނީ ޒުވާނުންނަށް ލިބޭ “ޑިސްޕޯސެބަލް އިންކަމް” އިތުރުވާ ގޮތަކަށެވެ. އެކި ސިއްހީ ސްކީމްތަކަށް ކުރަމުންދާ ހޭދަ ދަށްކުރުމަށް، މުސްކުޅި އުމުރުގައި ރަނގަޅު ސިއްހަތެއްގައި ހުރެވޭނެހެން، ޒުވާން އުމުރުން ފެށިގެން ކަސްރަތުކުރުމާއި ރަނގަޅު ކާނާ ކެއުމަށް ބާރުއެޅުމަށްވެސް މިހާރު ގިނަ ޤައުމުތަކުން މަސައްކަތްކުރެއެވެ. އުމްރާނީ ތަރައްޤީގައިވެސް ކުރިއަށް އޮތްތަނުގައި، ނޮއިސް ޕޮލޫޝަން އަދި އެއަރ ޕޮލޫޝަން ފަދަ ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަންކަމަށް ބަލައިގެން ވެށި ބިނާކުރާނެ ވައްޓަފާޅިއެއް ފެނިގެންދާނެއެވެ

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފައިވާ ގޮތުގައި އޮކްޓޯބަރ 2022 ގެ ނިޔަލަށް ރާއްޖޭގައި ދިރިއުޅޭ އާބާދީ ހުރީ 452،495 ގައެވެ. މީގެ ތެރެއިން 355،331 އަކީ ދިވެހިންނެވެ. 97،164 އަކީ ބިދޭސީންނެވެ. މިދިޔަ އަށް އަހަރުގެ ތެރޭގައި އާބާދީއަށް އިތުރުވި ދިވެހިންގެ އަދަދަކީ 16،897އެވެ. ބިދޭސީންގެ އަދަދަކީ 33،527އެވެ. އެއީ އަދި ގަވައިދާ ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީން ނުލައެވެ. ރާއްޖޭގެ ޒުވާނު އާބާދީ އެކީ އެކައްޗަކަށް މިދަނީ މުސްކުޅިވަމުންނެވެ. އަހަރުން އަހަރަށް ދިވެހިންގެ އާބާދީ އިތުރުވާ ނިސްބަތުން، ކުރިއަށް އޮތްތާގައި އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. ކުރީ ސަރުކާރުގެ އިޤްތިސާދާއި ބެހޭ ވަޒީރު ފައްޔާޒު އިސްމާއިލްވެސް ސެޕްޓެމްބަރ 2021 ގައި ފާހަގަކުރައްވާފައިވާ ގޮތުން، ކުރިއަށް އޮތްތާގައި ރާއްޖޭގެ އިޤްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ ވަރަށް ވުރެ ދިވެހިންގެ އާބާދީ މަދެވެ. އަދި ދޭތެރެ ކައިރި ކުރާ ޕްރޮގްރާމެއް ފަށަން ޖެހިދާނެކަމަށް ވެސް އިޝާރާތްކުރެއްވިއެވެ. އިޤްތިސާދުގެ އިންޖީނު ހުއްޓުނަ ނުދީ ކުރިއަށް ދިއުމަށް އަދި އިތުރު ގިއަރަކަށް ލުމަށް އިންސާނީ ވަސީލަތް ބޭނުންވާނެ ކަމީ އެއްވެސް މީހަކު ދެކޮޅުހަދާނެކަމެއް ނޫނެވެ

ރާއްޖޭގައި އާބާދީ އިތުރުވުމަށް އޮތް އެންމެ ގޮންޖެހުމަކީ ދިރިއުޅުމުގެ ހާލަތެވެ. ތިން ހަތަރު ދަރިން ގެންގުޅޭނެ ހިޔާވަހިކަމެއް ނެތެވެ. ހުދު ތިމާމީހާ އުޅޭނެ ތަނެއްވެސް ހަގީގަތުގައި ނެތެވެ. ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހެއެވެ. އަހަރަކަށްވުރެ އަހަރަށް މުދަލުގެ އަގު އުފުލެވެ. އާއިލާއަށް ކުރަންޖެހޭ ހޭދަ އިތުރުވެއެވެ. ނަމަވެސް ޖީބަށް ވަންނަވަރު އިތުރެއް ނުވެއެވެ. ކޮންމެ އަހަރަކު އެތައް ރިސޯޓެއް ހުޅުވި އެތައް ޑޮލަރެއް ޤައުމަށް ވަންނައިރު އާންމު މީހަކަށް އެއީ ވާކަމެއްކަންވެސް ނޭގޭހާ ދިވެހިންނާއި އެކަން ދުރެވެ. މުއްސަދިންނާއި ފަގީރުންގެ ފަރަގު އަންނަނީ ބޮޑުވަމުންނެވެ. އަހަރަކަށް ވުރެ އަހަރެއް ތަނަވަސް ވަމުން އަންނަ މެދުފަންތިއެއް ހަގީގަތުގައި ރާއްޖެއަކު ނެތެވެ. 2020 ވަނަ އަހަރު އާންމުކުރި ގޭބިސީއާއި ދިރިއުޅުމުގެ ޚަރަދާއި ގުޅޭ ސާވޭގެ ނަތީޖާއަށް ބަލާއިރު މެދު ފަންތީގެ އާބާދީގެ %60 މީހުންނަކީ ބޮލަކަށް އެވެރެޖްކޮށް މަހެއްގެ މައްޗަށް 5،000 ރުފިޔާ އަށްވުރެ ދަށުން ލިބޭ މީހުންނެވެ. ކިރިއާވެސް އާއިލާއެއް ގެންގުޅެވޭ ވަރުގެ ގިނަ މީހުންނަށް ވަނީ އުމުރުން 30 އަހަރަށް ވުރެ މަތިވުމުންނެވެ. އޭރު ބަލަނީ އެކެއް ނުވަތަ ދެ ދަރިން ހޯދާފައި ފުއްދާލާށެވެ. ދަރިން ހޯދާ އުމުރު ލަސްވެފައި ހޯދައި މިންވަރު ވެސް ދަށްވީއެވެ. އެކި ސަބަބުތަކާއި އެކު ދަރިމައިނުވުމުގެ މައްސަލަވެސް ނުހަނު ބޮޑެވެ. ކުރީގައި ކޮންމެ ދެމަފިރިއަކު މުސްކުޅި ވާއިރު އިޤްތިސާދަށް އެމީހުންގެ ބަދަލުގައި ފަސް ހަ ދަރިން ޒުވާނުންގެ ގޮތުގައި ދޫކުރާނެއެވެ. މިހާރު ކޮންމެ މުސްކުޅި ދެމަފިރިއަކަށް އެކެއް ނުވަތަ ގިނަވެގެން ދެ ޒުވާނުންނެވެ. މިއީ ދުރުރާސްތާގައި ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިސާދު ހިންގޭނެ މިންވަރެއް ނޫނެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް