ޓެކްސްއާއި ގުޅޭ ބިލް ތަސްދީގުކުރެވި ރައްޔިތުންގެ ޖީބުން ޓެކްސް ނެގެން ފެށީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ބޭނުމަކަށްވީ މުޅި ދައުލަތް އެކީ ވެލްފެއަރ ސްޓޭޓަކަށް ބަދަލުކުރުމެއް ނޫނެވެ. ހުރިހާ ޙިދުމަތެއް ހިލޭ ކޮށްދިނުމެއް ނޫނެވެ. ނަމަވެސް އެންމެ ނިކަމެތި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ދައުލަތުން ލުއި ފޯރުކޮށްދޭއިރު އެއީ ދައުލަތަށްވެސް ބުރައަކަށް ނުވާނޭހެން އެކަން ކުރުމެވެ. އަހަރަކަށްވުރެ އަހަރެއް ޓެކްސްގެ ގޮތުގައި ދައުލަތަށް ވަންނަ އާމްދަނީ ދަނީ އިތުރުވަމުންނެވެ. ރައްޔިތުންގެ އަތުން ނެގޭ ޓެކްސްގެ އިތުރުން، ޓީ.ޖީ.އެސް.ޓީ އަދި އެކި ފިޔަފާރިތަކުން ނެގޭ ފީތަކާއި އެކި ނަންނަމުގައި ރައްޔިތުންގެ އަތުން ނެގޭ ފީތަކުން ދައުލަތަށް މަހަކު އެތައް މިލިއަނެއް އާމްދަނީގެ ގޮތުގައި ވަދެއެވެ. ނަމަވެސް ދުވަހަކުވެސް ދެކޮޅު ޖެހޭކަމަކަށް ނުވެއެވެ. އަބަދުވެސް ނާޅިގަނޑު ހިފައިގެން ސަލާންޖެހަން އެކުވެރި ޤައުމުތަކަށް އޮންނަނީ ދާންޖެހިފައެވެ. ލޯނު ނަގައިގެންނޫނީ ރަސްމީ ފާލަމުގެ ފުރާޅުގައި މޮހޮރެއްވެސް ޖަހާނުލެވެއެވެ. ފަޅުތައް ނުއަގުގައި ވިއްކައިގެން ނޫނީ އަހަރުގެ ހަރަދުތައް ނުޗަލައެވެ. ބޮންޑު ވިއްކައިގެންނޫނީ ދައުލަތުގެ ހަޒާނާގައި އެއްޗެއް ނުހުރެއެވެ. މިވަރުން ނުވެގެން ފައިސާ ޗާޕުކޮށްގެންވެސް ދެކޮޅު ނުޖެހުނެވެ. ދެން އަނެއްކާވެސް ޖެހުނީ ރައްޔިތުންގެ ޖީބަށް އަތްކޮށްޕާށެވެ. ޓެކްސް ބޮޑުކޮށް ކޮތަޅުން ފީ ނަގާށެވެ. މިއީ ވަކި ޕާޓީއަކާއި ގުޅިފައިވާކަމެއް ނޫނެވެ. އެމް.ޑީ.ޕީގެ ސަރުކާރުން ބިލް ހުށަހަޅާ، އެ ޕާޓީގެ ޕީޖީ ގްރޫޕުން ބިލާއި އެއްކޮޅަށް ވޯޓު ދޭން ތްރީ ލައިން ވިޕެއް ނެރުނު އިރު، އެމް.ޑީ.ޕީގެ 12 މެމްބަރުން އެ ބިލާއި ދެކޮޅަށް ވޯޓު ދިނެވެ. އަނެއްކޮޅުން މިހާރުގެ ނައިބު ރައީސް، އޭރުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު، އެ ބިލާއި އެއްކޮޅަށް ވޯޓު ދިނެވެ. އޭރު އިދިކޮޅުގައި އޮތް، މިހާރު ވެރިކަމުގައި އޮތް ޕާޓީއިންވެސް މިހާރު ޓެކްސް ކުޑަކޮށް ކޮތަޅުފީ ކަނޑާލަން ދެކޮޅެވެ. ހަރަދުތައް ދެކޮޅު ނުޖެހިގެން ދައްކަނީ އާސަންދައަށް ފީ ނަގަން ޖެހިދާނެ ކަމުގެ ވާހަކައެވެ. ކަރަންޓާއި ފެނުގެ ސަބްސިޑީ ކަނޑާލަން ޖެހިދާނެކަމުގެ ވާހަކައެވެ. އެކި އިނާޔަތްތައް ނުދެވިދާނެ ވާހަކައެވެ
ރައްޔިތު މީހާގެ އަތުން ނެގޭ ޓެކްސް ބޮޑުކޮށް، ލިބޭ ސަބްސިޑީތަކާއި އިނާޔަތްތައް ކަނޑާލުން ނޫންގޮތެއް ހަމަ ސަރުކާރަށް ނޯންނަނީތޯއެވެ. މިދިޔަ ސަރުކާރުން ބޮޑުކުރި ޓެކްސްއާއިއެކު އަނެއްކާވެސް ސިޔާސީ މަޤާމުތައް މިދައުރުގައިވެސް ވީ އިތުރެވެ. މަޖިލިސް މެމްބަރުންގެ އަދަދުވެސް ވީ އިތުރެވެ. ސިޔާސީ މަޤާމުތައް މަދުކޮށް، އެމީހުންނަށް ލިބޭ މުސާރަ ރިވައިޒްކޮށް ކުޑަކުރުމަކީ ހަގީގަތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ. މަޖިލިސް މެމްބަރުންގެ އަދަދު ވަކި މިނެއްގައި ހިފަހައްޓައި، އެމީހުންނަށް އަމިއްލައަށް މުސާރަ ކަނޑައެޅުމުގެ ބާރު އޮންނައޮތުން ނިމުމަކަށް ގެންނަން ޖެހެއެވެ. މެމްބަރުންގެ މުސާރު ކުޑަކޮށް، މުސާރައިގެ އިތުރުން ލިބޭ ކޮމެޓީ އެލަވަންސް ކަނޑާލަން ޖެހެއެވެ. ކޮމެޓީ މަސައްކަތްތަކަކީ މެމްބަރެއްގެ މަސައްކަތްތަކުން އެއްބައެވެ. އެއަށް އިތުރު އެލަވަންސެއް ދޭކަށް ނުޖެހޭނެއެވެ. މެމްބަރުންނަށް ލިބޭ އަގުބޮޑު ހެލްތް އިންސިއުރެންސް އަގު ހެޔޮ ޕްކޭޖަކަށް ބަދަލުކުރަންޖެހެއެވެ. ހާޒިރު ނުވާ ދުވަސް ދުވަހަށާއި ގަނޑިޖެހިމުން މުސާރައިން ކެޑެން ޖެހެއެވެ. ދައުލަތުގެ ހަރަދުގައި ކޮންމެ ދުވަހަކު މަޖިލީހުގެ އިދާރާއިން ހެދުނުގެ ސަޔާއި މެންދުރުގެ ކެއުން ދޭކަށް ނުޖެހެއެވެ. ސަރުކާރުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދިވެސް އަމިއްލަ މީހުންގެ ގޭގެއިން އެޕާޓްމެންޓް ކުއްޔަށް ނަގައިގެން އެބަހިންގައެވެ. އެންމެ މުއްސަދިންގެ އަތުން އިންކަމް ޓެކްސް ނެގޭއިރު، އެމީހުންނަށް ކަރަންޓާއި ފެނުން ފަގީރުންނެކޭ އެއްވަރަށް ސަބްސިޑީ ދޭކަށް ނުޖެހެއެވެ. މިއީ ހަރަދު ކުޑަކޮށް ދައުލަތުގެ ހަރަދު ދެކޮޅު ޖައްސަން ކުރެވިދާނެ ކަންކަމެވެ. ދެން އޮތީ އިޤްތިސާދު ފުޅާކޮށް އާމްދަނީ އިތުރުކޮށްގެން ދައުލަތުގެ ހަރަދުތައް ދެކޮޅުޖެއްސޭނެ ކަންކަމެވެ. އޭގެ މާބޮޑު ތަފްސީލަކަށް މި ލިޔުމުގައި ނުދާނަމެވެ. ނަމަވެސް އެއްބަޔަކު ކުރަން ފައްޓާފައި އޮތް ކަމެއް ނިންމުމުގެ ބަދަލުގައި، އެކަން ބާއްވާފައި، އަނެއްކާ އެހެން ކުރެހުންތަކެއް ހަދައިގެން އެހެން ކަންތައްގަނޑެއް ފެށުމީވެސް ޤައުމެއްގެ ހަޔާތުން ގެއްލޭ ހާދަ ވަގުތަކާއި ފައިސާއެކެވެ
މިސާލަކަށް 2019 ވަނަ އަހަރު އައްޑޫގެ ކަރަންޓް މަޝްރޫއު ބިޑަކާއި ނުލައި 37.5 މިލިއަން ޑޮލަރަށް، ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރިއެވެ. އަނެއްކާ 2024 ވަނަ އަހަރުގެ ވެސް އައްޑޫގެ ކަރަންޓް މައްސަލަ ހައްލުކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެފަހަރުވެސް ޑޮންގް ފެންގް އިލެކްޓްރިކް އިންޓަނޭޝަލް ކުންފުންޏާއެވެ. މިފަހަރުވެސް ހަމަ އެ ކުންފުންޏާއެވެ. ޑިވެލޮޕާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއަށް ފެނަކައިން ފައިސާ ދައްކާ ނިންމަން ދީފައިވަނީ 12 އަހަރެވެ. ބިޑަކާއި ނުލައި ކުރިން ހަވާލުކުރިއިރު އެދިޔަ 37.5 މިލިއަން ޑޮލަރަށް ވީކިހިނެތްކަމެއް ނޭގެއެވެ
މިފަދަ ކަންކަމަށް ވަކާލާތުކުރާތާ އެތައް ދުވަހެކެވެ. މިފަދަ އެތައް ކަމަކު ދާއިރާގެ މެމްބަރަށް އަދި މަޖިލީހުގެ އިދާރާއަށްވެސް ސިޓީ ފޮނުވިފައިވާނެއެވެ. ދިނީ ބީރު ކަންފަތެކެވެ. ނަމަވެސް ހިތާމައަކީ، ބާރުލިބޭ ވަގުތު ރައްޔިތުންވެސް މިއަށް ބީރުކަންފަތެއް ދޭތީއެވެ. އަބަދުވެސް ބުނަމުން ދަނީ މިފަދަ ކަންކަމާއި އުޅޭނެ މީހަކު ސިޔާސީ ދާއިރާގައި ނެތް ކަމަށެވެ. ނަމަވެސް މިކަންކަމާއި މިއޮތްހާ ދުވަހު އުޅެފައި މަޖިލީހަށް މިކަންކަމުގައި ވަކާލާތުކުރަން ނުކުތުމުން ގިނަ މީހުން އެދުނީ ފައިސާއަށެވެ. އަހަރަކަށްވުރެ އަހަރެއް ގިނަވަމުން އަންނަ މެޑިކަލް ނެގްލިޖެންސްގެ ކޭސްތަކަށް ހެއްލެއް ގެނެއުމަށް އެކަމާއި ގުޅޭ ބިލެއްގެ މަސައްކަތްކޮށްދޭން ވައުދުވީމެވެ. މީގެ ކުރިންވާނީ އެފަދަ ކޭސްތައް ކުރިމަތިވާ ފަރާތްތަކަށް ބަސްބުނުމުގެ ހިތްވަރު ދިނުމުގެ ގޮތުން ކޭސްތައް މި ބްލޮގްގައި ސާއިޢުވެސް ކޮށްފައެވެ. އަދި އެކަމާއި ގުޅޭ ޕެޓީޝަނެއްގެ މަސައްކަތްވެސް ކުރެވުނެވެ. ޕެޓިޝަންގަނޑުގައި ސޮއި ކޮށްލަންވެސް ބައެއް މީހުން ފައިސާއަށް އެދުނެވެ. މީގެ އިތުރުން މަޖިލިސް މެމްބަރުންގެ ކޮމެޓީ އެލަވަންސް ކަނޑާލައި މުސާރަ ކަނޑައެޅުމުގެ ބާރު ދައުލަތުގެ އެހެން ބާރަކަށް ދޭން ވަކާލާތު ކުރާނެކަމުގައި ވައުދުވީމެވެ. ޕާޓީތަކުން ދައްކާހާ މީހަކަށް ވޯޓުލާން ޖެހިފައި ތިބެން ޖެހުން ނިމުމަކަށް ގެނެސް، ވޯޓު ކަރުދާހުގައި ރަނގަޅު އެކަކުވެސް ނެތޭ ބުނުމުގެ ހައްޤު ހޯދައިދޭން ވަކާލާތުކުރާނެ ކަމުގައި ވައުދުވީމެވެ. މިހުރިހާކަމަކަށްވެސް ގިނަ މީހުން ދިނީ ބީރު ކަންފަތެކެވެ. އެދުނީ “ކުޑަ އެހީއެއް” ދިނުމަށެވެ. އެހެންނޫންނަމަ، މިފަދަ ލިޔުންތަކުގެ ބަދަލުގައި މިއަދު މިއަޑު އިވުނީހީ މަޖިލީހުންނެވެ. ތިޔީ ހަމަ އިންތިހާބަކާއި ޖެހުމުން ދައްކާލި ވާހަކަތަކެކޭ ބުނެވޭނެ ޖާގައެއްވެސް ނޯންނާނެއެވެ. ކުރި މަސައްކަތްތަކުގެ ހެކި ބްލޮގުން ފެންނަން ހުންނާނެއެވެ. ހޮވުނު މީހާ ހޮވަން އެކުގައި އުޅުނު މީހުންވެސް މެމްބަރާއިއެކު ގެއްލިއްޖެއެވެ. އެމީހުންވެސް އެމީހުން ހޮވި މީހާ ޒިންމާދާރު ކުރުވާކަށް ނޫޅެއެވެ. ދެން ކަންކަން އިސްލާހު ކުރާނީ ކިހިނަކުންތޯއެވެ. ރައްޔިތުން ވަގުތީ މަންފާއެއްގެ އަވާގައި ތިބީތީ މުޖުތަމައުގެ އެންމެ ކޮރަޕްޓް މީހުން ހުރިހާ ގޮތަކުންވެސް މޮޅުވަނީއެވެ. ރައްޔިތުންވެސް، ބޭނުމީ ކިޔަވައިގެން ތިބި މީހުންނޭ، ވިޔަފާރިވެރިންގެ މަޖިލީހެއް ބޭނުމެއް ނޫނޭ، ކިޔާބަހައްޓާފައި ގޮސް ވޯޓުލަނީ ސަތޭކަ ރުފިއާއަށެވެ. ވިޔަފާރިވެރިއެއް ނުވަތު ބޮޑު ޑްރަގް ލޯޑަކަށްވިޔަސް ވަރިހަމައެވެ. ދެން ކުރެވެން އޮތްހާވެސް ކަމަކީ ވޯޓުލައިގެން ތިޔަ ހޮވި މެމްބަރުންނަށް މިކަންކަމަށް ޕްރެޝަރ ކޮށްގެން މިކަންކަން ހައްލުވޭތޯ އުޅުމެވެ. ނުވަތަ ރައްޔިތުންވެސް ރައްޔިތުންގެ ޖީބާއި ނުކުޅެ ދައުލަތުގެ ހަރަދުތައް ދެކޮޅުޖެއްސިދާނެކަމަށް ގަބޫލު ނުކުރަނީތޯއެވެ