ކޮރަޕްޓް ސިޔާސީންގެ ހަޤީގީ ބާރަކީ ވޯޓު ވިއްކާ ރައްޔިތުން

މިއީ ގުޅިލާމެހިފައިވާ ދެބައެކެވެ. އުޅުމާއި އަމަލުތައްވެސް އެއްގޮތެވެ. ކުރާ މަސައްކަތަށްވުރެ ތަޅާ ފޮނި އަނގަ ގިނަވާނެއެވެ. ތައުލީމީ ފެންވަރު ނެތަސް ނުފޫޒުން ވަޒީފާ އާއި މަޤާމުތައް ހޯދާނެއެވެ. ކުންފުނިތަކުގެ އޮނިގަނޑު ފަޅާލާ ދަމައިގަންނަ ވަޒީފާތަކުން ކުންފުނިތައް ބަގުރޫޓުވިޔަސް ވަރިހަމައެވެ. މުހިންމީ ތިމާގެ ޖީބަށް ލިބޭ ވަގުތީ މަންފާއެވެ. ޤައުމާއި މެދުވެސް ދެކެނީ އެހެނެވެ. ރިޝްވަތު ކައިކައި ހަލާކުވިޔަސް ވަރިހަމައެވެ. އެހެންމީހުންނަށް އިނގިލިދިއްކޮށް އޭނަ ގޯސް މީނަ ގޯސް ރަނގަޅު އެކަކުވެސް ނެތޭ ކިޔަން ފޯރި ހުންނާނެއެވެ. ވޯޓު ނުވިއްކާނޭ ހީވާ މީހުން ވޯޓާއި ދުރުކުރުވަން ރަނގަޅު އެކަކުވެސް ނެތޭ ވޯޓު ލާނެކަމެއް ނެތޭ، ހޮރުތަކަށް ވަދެ ފިލާށޭ ބުނެ ނަސޭހަތްތެރިވާނެއެވެ. ވިހި ތިރީސް މީހުން ވޯޓުލާން ނެރޭނަމޭ ބުނެ ހަމަ އޭނަ ގަނޑުކޮށް ރިޝްވަރު ނަގާ ވޯޓު ވިއްކަން ދުވާނެއެވެ.

ތިމާގެ އަމިއްލަ ދަރިފުޅަށް މަސްތުވާތަކެތި ދީ މަގުއޮޅުވާލި ޑްރަގް ލޯޑް ވިޔަސް ވަރިހަމައެވެ. ވޯޓާ ޖެހުމުން ވިކިގެން އޭނަ ވެސް ހޮވަންވީއެވެ. ހަމަ އަނެއް ދުވަހު ގޭންގްތަކާއި މަސްތުވާތަކެތި ނުހުއްޓުވޭތީ ސަރުކާރަށް ބަވަންވީއެވެ. ހަމަ ބުއްދި ހުރި ބަޔަކު ކުރާ ޒާތު ކަމެއްތޯއެވެ. ބޭނުމީ ތައުލީ ގަދަރުވެރި ބައެކޭ ކިޔާފައި، ރަށުގައި ހުރި އެންމެ ސުންޕާ މީހާއަށް ވިކިގެން ހޮވަންވީއެވެ. އޭގެ އަނެއް ދުވަހު މަޖިލީހަށް ކުރިމަތިލެވޭނެ ވަކި ތައުލީމީ ފެންވަރެއް ކަނޑައަޅަން އެބަ ޖެހޭ ގޮވާ ހޭރެނީއެވެ. ހަމަ ބުއްދި ހުރި ބަޔަކު ކުރާ ޒާތު ކަމެއްތޯއެވެ. ވިޔަފާރިވެރިންގެ މަޖިލީހެކޭ ގޮވާ، ވިޔަފާރިވެރިންނަށް ވޯޓު ވިއްކަނީއެވެ. ހަމަ ބުއްދި ހުރި ބަޔަކު ކުރާ ޒާތު ކަމެއްތޯއެވެ. ބަކަރި ކޮށްޓެކޭ ކިޔާފައި، ހޮޅުއަށީގެ އަޑުގަދަ ކުރާއަށް ވޯޓު ވިއްކަނީއެވެ. ހަމަ ބުއްދި ހުރި ބަޔަކު ކުރާ ޒާތު ކަމެއްތޯއެވެ.

ވޯޓު ވިއްކަނީ ހަމައެކަނި ފައިސާއަކަށް ނޫނެވެ. ނެތް ވަޒީފާތަކެއް ވުޖޫދުކޮށްގެންވެސް ހޯދަނީއެވެ. ކުންފުނިތައް ވެސް ހަލާކު ކުރަނީއެވެ. އިޤްތިސާދު ފުޑުނަސް ވަރިހަމައެވެ. މިމަހުގެ މުސާރަ ލިބެނިކޮށް ވަރިހަމައެވެ. ކޮރަޕްޝަނާއި ވެސް ދެކޮޅެވެ. ނަމަވެސް ތިމާގެ ގާތް މީހަކަށް ފިޔަވަޅު އަޅައިފިއްޔާ ގޯހެވެ. ގެކައިރި ގޭންގް ކުދިންކޮޅަކީ ވަރަށް މީހުންނާއި ގުޅޭ އެކުވެރި ބައެއްކަމުގައި ސިފަކުރަނީއެވެ. ތަނަކުން މީހެއްގެ ގަޔަށް ވަޅި ހަރާފައި އައީމައި އެސޮރު އެފަދަ ކަމެއް ނުކުރާނޭ ބުނެ ހޭރެނީއެވެ. އެކަމަކު އިންސާފުވެސް ބޭނުމެވެ. ތިމާއަށް ގެއްލުމެއް ވީމައެވެ. މިއީ ކޮންފަދަ ބަލިމަޑުކަމެއް ޖެހިފައިވާ ބައެއްތޯއެވެ.

ކަންކަން އިސްލާހުކުރަންވެސް ބޭނުމެވެ. ޕާޓީ ނިޒާމުދެކެ ފޫހިވެއްޖޭ ގޮވައެވެ. އެކަމަކު ހަމަ ހޮވަނީ ޕާޓީ ޓިކެޓުގައި ނުކުންނަ ސޮރެވެ. ފައިސާ ގިނައިން ބަހާތީއެވެ. ޕާޓީއާއި ނުގުޅޭ ޒުވާނަކު ނުކުމެއްޖެނަމަ، ކުރިން ދިޔަ މުސްކުޅިން ހޭވި ހުރިހާ ހަޑިއެއް އޭނަ ބޮލުގައި އަޅުވައި ބަވާނެއެވެ. ހުރިހާ ސިޔާސީން އެކައްޗެކޭ ގޮވާނެއެވެ. މިތަން ރަނގަޅެއް ނުވާނޭ ގޮވާނެއެވެ. އޭގެ އަނެއް ދުވަހު ހަރުދަނާ ޒުވާނުން ސިޔާސީ ދާއިރާއަށް ނުނިކުންނަ ވާހަކަ ގޮވާނެއެވެ. އެކަމަކު ސޭޓު އަންނައިރަށް، މަޖިލީހަށް ހާޒިރުނުވިޔަސް ވިކިގެން ހޮވާނެއެވެ.

ހަމައެކަނި ސިޔާސީ މީހުން ގޯސްކުރެވޭކަށް ނެތެވެ. މުޖުތަމައު ފަސާދަވީ ވިއްކި ވޯޓުންނެވެ. ކޮރަޕްޓް މީހުންގެ އެންމެ ބޮޑެ ބާރަކީ ވޯޓު ވިއްކާ ރައްޔިތުންނެވެ.

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް