މުޅި ސާކް ސަރަހައްދުގައި މަޖިލިސް މެމްބަރުންނަށް އެންމެ ބޮޑު މުސާރައެއް ރާއްޖޭގައި

މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކޮށް، ކޮމެޓީ އެލަވެންސް ކަނޑާލާ، އަގުބޮޑު ހެލްތް އިންޝިއުރެންސްގެ ބަދަލުގައި އާސަންދަ ހަމަޖައްސާ އަދި ކުރީގެ މެމްބަރުންގެ އިނާޔަތްތައް ކަނޑާލަން ގޮވާލާ ފެށި ޕެޓީޝަން މަޖިލީހަށް ހުށަހަޅައިފީމެވެ. ވޯޓު ވިއްކައިގެން އަމިއްލަ އެދުމުން ފުރިފައިވާ ބަޔަކު މަޖިލީހަށް ހޮވާފައި ތިބީތީ، ކައުންޓަރ ސޮއި ކޮށްލާނެ މެމްބަރަކު ނުވުމުން، މަޖިލީހުން މި ޕެޓިޝަން ބަލައިގަންނާނެ ކަމާއި މެދު ޝައްކެވެ. މެމްބަރުން ހިތްޕުޅާ ނުވާ ޕެޓިޝަނެއް މަޖިލީހަށް ހުށަނޭޅޭނެ ގޮތަށް، މެމްބަރެއްގެ ކައުންޓަރ ސައިން ބޭނުންވާނެހެން އޮތުމީ ވަރަށް ހުދުމުހުތާރު ގޮތެކެވެ. ރައްޔިތުން އެދޭ ޕެޓިޝަނެއް މެމްބަރެއްގެ ފައިންޕުޅަށް ގޮސް ސޮއި އަކަށް އެދި ނުދަންނަވާވެސް މަޖިލީހަށް ހުށަހެޅެން ޖެހޭނެ ކަމުގައި ދެކެމެވެ. މިއީ މެމްބަރުންގެ މުސާރަ ކުޑަކުރުމާއި ގުޅޭ ޕެޓިޝަނެއް ކަމުން މީގައި ކައުންޓަރ ސޮއި ކުރާނެ މެމްބަރަކު ނުވިއެވެ. ކޮމެޓީ އަށް ބަލައިގަނެ ބަހުސް ކޮށްލާނެ ހިތްވަރުވެސް ނެތީ ކަމުގައި ދެކެމެވެ. އެހެނަސް އަޅުގަނޑުގެ ޒިންމާ އަދާކޮށް އެތައް ރައްޔިތެއް ކަންބޮޑުވުން އޮތް ކަމެއް ކަން ޕެޓިޝަންގައި ސޮއިކުރި އަދަދަށް ބަލައި ފެންނާތީ ހުށަހެޅީމެވެ

ރައްޔިތުންގެ މެދުގައި މި ޕެޓިޝަނުން ނަތީޖާއެއް ނެރެވިދާނެ ކަމާއިމެދު މާ ބޮޑު އުއްމީދެއް ނެތެވެ. ގިނަ މެމްބަރުންގެ އަމަލުތައް ހުރި ގޮތުންނެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ރާއްޖޭގެ އިޤްތިސާދާއި މެމްބަރުންގެ މުސާރަ ނުބައްދަލުކަމެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާއިރުކޮށްފައިވާ ރިޕޯޓްތަކަށް ބަލާއިރު، ސިވިލް ސާރވިސްގައި މަސައްކަތްކުރާ  މުވައްޒަފުންނަށް، 2023 ވަނަ އަހަރު މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ 10،000ރ އަށްވުރެ މަދުންނެވެ. އެހެން ދާއިރާތައް ހިމަނައިގެން ބެލިނަމަވެސް، އާންމު ރައްޔިތެއްގެ މުސާރަ އުޅޭނީ އެވެރެޖްކޮށް 15،000ރ ވަރުގައެވެ.  މިއާއި އަޅާކިޔާއިރު މެމްބަރުންގެ މުސާރަ އެތައް ގުނައެއް ބޮޑެވެ. މެމްބަރުންގެ އެކަންޏެއް ނޫނެވެ. ސިޔާސީ ހުރިހާ ފަރާތްތަކުގެ މުސާރައާއި އިނާޔަތްތައްވެސް ބޮޑެވެ. ކުރީގެ ރައީސުންގެ އިނާޔަތްތައް، ޤާޒީންގެ އިނާޔަތްތައް، އަދި ސަރުކާރުގެ އެކި މަޤާމުތަކުގެ މުސާރަތަކެވެ. ޤައުމުގެ އިޤްތިސާދަށް ރިޢާއަތްކޮށް މިކަންކަމަށް ބަދަލު ގެނައުމީ މެމްބަރުންގެ ޒިންމާއެކެވެ. ޤައުމު މިހާލަތަށް އައީ އެ ޒިންމާ އަދާކުރަން މެމްބަރުން ނުކުނޅެދުމުގެ ސަބަބުންނެވެ. އެހެންކަމުން މުސާރައާއި އިނާޔަތްތަކުގެ ވާހަކަ ފުރަތަމަ ފަށަނީ އެހިސާބުންނެވެ. އެމީހުންގެ ޒިންމާ އަދާކުރެވުނު ނަމަ ޤައުމު މިހާލަތަށް ނައީހެވެ

އިންޑިއާ އަކީ ދިވެހިރާއްޖެ އެންމެ ބޮޑަށް އިޤްތިސާދީ ގޮތުން ބަރޯސާވާ އެއް ޤައުމެވެ. ނަމަވެސް އިންޑިއާގެ މަޖިލިސް މެމްބަރުންނަށް ވުރެ ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ލިބޭ މުސާރަ ބޮޑެވެ. މުޅި ސާކް ސަރައްހައްދުގައި ވެސް މެމްބަރުންނަށް އެންމެ ބޮޑު މުސާރައެއް ލިބޭ ޤައުމަކީ ރާއްޖެއެވެ. އިންޑިއާގައި މަޖިލިސް މެމްބަރަކަށް މަހު މުސާރައިގެ ގޮތުގައި (ދުވަހުގެ އެލަވެންސް އަދި ދާއިރާގައި އޮފީސް ހިންގަން ލިބޭ އެލަވަންސް ފަދަ އެލަވެންސްތައް ހިމަނައިގެން) ލިބެނީ ގާތްގަނޑަކަށް 269،000 ރުޕީސްއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 48،000 ރުފިޔާއެވެ. ރާއްޖޭގައި އެލަވެންސް ތަކާއި އެކު މަހެއްގެ މައްޗަށް 80،000 އާއި ލައްކައަކާއި ދެމެދުގެ އަދަދެއް މެމްބަރަކު މަހު މުސާރައިގެ ގޮތުގައި ގެއަށް ގެންދެއެވެ. ޕާކިސްތާނުގައި ލިބެނީ 519،000 ރުޕީސްއެވެ. ދިވެހި ރުފިޔާއިން ބަލާނަމަ 30،000 ވަރެވެ. ބަންގާޅުގައި އެތަނުގައި ފައިސާއިން 55،000 އަދި ލަންކާގައި އެތަނުގެ ފައިސާއިން 54،000 ވަރެވެ. މިއާއި ހިލާފަށް އިޓަލީ އަދި ފްރާންސް ފަދަ ޔޫރަޕްގެ ޤައުމު ތަކުގައި މެމްބަރުން މަހު މުސާރައިގެ ގޮތުގައި، ދިވެހި ރުފިޔާއިން ބަލާނަމަ، 150،000 އަށްވުރެ މަތިން ލިބެއެވެ. ދިވެހިރާއްޖޭގެ މެމްބަރުންވެސް ބޭނުންވަނީ އެފެންވަރުގައި އުޅޭށެވެ

އިންޑިއާ ފަދަ ޤައުމުތަކަކީ އެ ޤައުމުތަކަށް އެހީ ހޯދަން ނާޅިގަނޑު ހިފައިގެން މި ޤައުމުގެ ވެރިން ދާ ޤައުމުތަކެވެ. ދާދި ފަހުންވެސް މިވަނީ އެ މަންޒަރު ފެނިފައެވެ. މިހާރުވެސް ދަރަނިތައް ނުދެއްކި، އުފެއްދުންތެރިކަމަށް ރިޢާއަށްކޮށް ދަރަނި ވަނީ %129 ހުރަސްކޮށްފައެވެ. 2026 ވަނަ އަހަރު ލޯނުގެ ގޮތުގައި ދައްކަން ބިލިއަނެއްހާ ޑޮލަރު އެބައޮތެވެ. ޑޮލަރެއް އުޅެނީ އަތުނުވާ ހިސާބުގައެވެ.  ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. ރިޒާވްގައި ފައިސާ ބަހައްޓަނީ ކިރިޔާ މަހަކަށް ފުދޭވަރަށެވެ. އިޤްތިސާދު މެނޭޖްކުރަން ފިޔަވަޅު އަޅަނީ ރައްޔިތުންނަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ. ޓެކްސްތައް ބޮޑުކަށް، އިތުރު މާލީ ފިޔަވަޅު އަޅައިގެންނެވެ. ނަމަވެސް ހުރިހާ ހަޑިއެއް ހާވާފަ ދަނީ ސިޔާސީ މީހުންނެވެ. އެމީހުންގެ މުސާރަތައް ވަނީ ހައްތަހާ ބޮޑެވެ. ސިޔާސީ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. ސަރުކާރުން ފެށިގެން ގޮސް ސަރުކާރު ކުންފުނިތައްވެސް ސިޔާސީ މީހުން އަޅާ ހަލާކުކޮށްފިއެވެ. މިކަން ނިމުމަކަށް ގެނެސް، ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅުވޭނެ ގޮތަކަށް ސިޔާސީ މުސާރަތައް ބަދަލުވާނެ ނިޒާމެއް ޤާއިމުކުރަން ޖެހެއެވެ. ބޮޑު މުސާރަ ބޭނުމިއްޔާ އިޤްތިސާދު ރަނގަޅުކުރަން ޖެހޭ ގޮތަށެވެ. މިކަން ވާން އޮތީ މަޖިލިސް މެމްބަރުން އެމީހުންގެ ޒިންމާ އުފުލައިގެންނެވެ. ޕެޓިޝަންއަކީ މި މަޤަށް އެޅޭ ފިޔަވަޅެކެވެ. ވޯޓު ވިއްކުން ހުއްޓާލާފައި، ޒިންމާދާރު ބަޔަކު ހޮވަން ފެށުމުން، މިއީ ނުވާވަރުގެ ކަމެއް ނޫނެވެ

Leave a Comment

Your email address will not be published. Required fields are marked *

ކޮޅިގަނޑު މެދުން ފަޅުވެރިން ބަދަލުކުރުން

ޤައުމަކާއި ނަވެއް އަޅާކިޔާނަމަ، ރައީސް އަކީ ކައްޕިއެވެ. ވަޒީރުންނަކީ ފަޅުވެރިންނެވެ. ކޮންމެ ފަޅުވެރިއަކާއި ވަކި ކަމެއް ހަވާލުކުރެވިފައިވާނެއެވެ. ފަޅުވެރިންގެ ދަށުން އެހީތެރިންވެސް ތިބޭނެއެވެ. އެއްވެސް އުސޫލެއް ހައްދެއް ނެތި އެހީތެރިން އޮޑިއަށް އޮއްސާލުމަކީ ހަމަޖެހޭ ކައްޕިއެއް ކުރާނެކަމެއް ނޫނެވެ. އަދި އެހެންމެ ގަދަ ކޮޅިގަނޑެއްގައި ފަޅުވެރިން ބަދަލުކުރާކަށްވެސް ކައްޕިއެއް ނޫޅޭނެއެވެ

<- އިތުރަށް ކިޔާލުމަށް

މަޖިލިސް ޖަލްސާއެއް ނުބާއްވާތާ މަސް ދުވަސް، އެކަމަކު ހަރަދު ކުޑަ ކުރަން ފަށަނީ ނިކަމެތިންގެ ވަޒީފާގަނޑުން

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ 5 ފެބްރުއަރީގައެވެ. މިހާތަނަށް ބާއްވާފައި ވަނީ އެންމެ 5 ޖަލްސާއެވެ. މެއި މަހު 15 ވަނަ ދުވަހު، މި އަހަރުގެ ފުރަތަމަ ދައުރު ހަަމަވެ އަނެއްކާވެސް މެމްބަރުން ދާނީ މަސް ދުވަހުގެ ޗުއްޓީއަކަށެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ދައުރުގެ ތެރޭގައި ބާއްވަން ޖެހެނީ ހަފްތާއަކު މަދުވެގެން ތިން ޖަލްސާއެވެ. މިވަރުވެސް ކޮށްނުލެވި މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ

<- އިތުރަށް ކިޔާލުމަށް

ވަކި ކުލައަކަށް ނޫނެވެ. މިއީ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ

ރައްޔިތުން މި ނަގައިދިން ފިލާވަޅު ދަސްނުވެއްޖެނަމަ ދެންވެސް އޮތީ ހިތި ނަތީޖާއެވެ. އަބަދަކު އާރާއި ބާރަކު ނުތިބެވޭނެއެވެ. ދެންވެސް ކާމިޔާބު އޮތީ ރައްޔިތުންނަށެވެ. ބޮޑާކަމާއި ކިބުރުވެރިކަން ދޫކޮށް، ރައްޔިތުންގެ ޙިދުމަތަށް ރުޖޫއަވާށެވެ

<- އިތުރަށް ކިޔާލުމަށް

ގަރުދިޔަ އާއި ބަތާ ކާންބުނެފި، އާސަންދަ ކަނޑާލަން ޖެހިދާނެ ކަމަށް ބުނެފި، އެކަމަކު މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު

މި ހާލަތުގައި އިންތިހާބު ނިމޭ ގޮތަށް ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާނެކަން ކަށަވަރެވެ. ރައްޔިތު މީހާ އަށް ގަރުދިޔަ އާއި ބަތާ ކާން މަޖުބޫރު ކުރުވާނެ ފިޔަވަޅުތަކެވެ. ވެރިން އުޅޭނީ ހަމަޖެހިގެނެވެ. އެމީހުން ތިބީ ފުދިގެނެވެ. ހަރަދު ކުޑަކުރަންވެސް މަޖިލިސް މެމްބަރުންނާއި ސިޔާސީންނަށް މިކުރާ ހަރަދު ކުޑަކުރުމުގެ ވިސްނުމެއް ނެތް

<- އިތުރަށް ކިޔާލުމަށް

އަނެއްކާވެސް ހިތާމަވެރި ހާދިސާއެއް ހިގަންދެން!

ސުވާލަކީ ގަވައިދުން ގަރާޖުތަކާއި ގުދަންތައް ބަލާ ފާސްކުރުމުގެ ޒިންމާ ނަގަން ޖެހޭ ހަމަ އެއްވެސް ބަޔަކު ނެތީތޯއެވެ. ކޮންމެ ފަހަރަކުވެސް ތެޅިގަންނަނަން ޖެހެނީ ބޮޑު ހާދިސާއެއް ހިނގީމަތޯއެވެ. ހައްލެއްގެ ގޮތުގައި ފަށާ އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހި ނިމެނީ ކީއްވެތޯއެވެ

<- އިތުރަށް ކިޔާލުމަށް